މިއަހަރުގެ ތެރޭގައި ހުޅުމާލޭގައި އިތުރު 2 ސްކޫލެއް ޢިމާރާތްކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާހީމް އިސްމާޢީލް ވިދާޅުވީ، ހުޅުމާލޭގައި ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ޢިމާރާތްކުރަމުންދާ ހައުސިންގ ޔުނިޓްތަކާއެކު، ހުޅުމާލޭގެ އާބާދީ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، އާބާދީއާއި އެއްވަރަށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ނުހަނު ބޮޑު އިސްކަމެއް ދެއްވާކަމަށެވެ. އެގޮތުން ހުޅުމާލޭގައި އިތުރު 2 ސްކޫލް ޢިމާރާތްކުރެއްވުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަމަށާއި، އެކަމާގުޅޭ މަޝްވަރާތައް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީއާއެކު މިނިސްޓްރީން ކުރިއަށްގެންދަވާކަމަށް އިބްރާހީމް އިސްމާޢީލް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި، ހުޅުމާލޭގައި އަލަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 2 ސްކޫލަށް ބޭނުންވާ ބިން ފައިނަލްކުރެއްވުމުގެ މަސައްކަތްވެސް އެޗް.ޑީ.ސީއާއި ގުޅިގެން އެ މިނިސްޓްރީން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ.
މި ދެ ސްކޫލް ޢިމާރާތްކުރުމަށް ބޭނުންވާ ފަންޑު ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި، އަލަށް ޢިމާރާތްކުރާ ދެ ސްކޫލަކީވެސް ޖާގައިގެގޮތުން ތަނަވަސް، އަދި ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އިމާރާތްކުރާ ވަރަށްވެސް ފުރިހަމަ ދެ ސްކޫލަށްވާނެކަމަށްވެސް އިބްރާހީމް އިސްމާޢީލް ވިދާޅުވިއެވެ.
މިއަހަރުގެ ތެރޭގައި ހުޅުމާލޭގައި އިތުރު 2 ސްކޫލެއް ޢިމާރާތްކުރެއްވުމަށް ނިންމަވާފައިވާއިރު، ހުޅުމާލޭގައި މިހާރުވެސް ސަރުކާރުން ހިންގަވާ 2 ސްކޫލެއްގައި އަންނަނީ ތަޢުލީމު ފޯރުވައިދެއްވަމުންނެވެ. ހަމައެހެންމެ އިންޓަރނޭޝަނަލް ސްކޫލަކާއި ބައެއް އަމިއްލަ ފަރާތްތަކުން ހިންގާ ޕްރީ-ސްކޫލްތަކުގައިވެސް ގިނަ ޢަދަދެއްގެ ދަރިވަރުން އަންނަނީ ތަޢުލީމު ހާސިލުކުރަމުންނެވެ.