ޚަބަރު

2016- ސިވިލް ކޯޓަށް ތާރީޚީ ކާމިޔާބީއެއް ޙާސިލްކުރެއްވުނު އަހަރެއް


ސިވިލް ކޯޓް ވުޖޫދަށް އައިފަހުން މިހާތަނަށް ޙާޞިލްނުކުރެވޭހާ ބޮޑު ކުރިއެރުމެއް މިނިމުނު އަހަރު އެ ކޯޓުން ޙާޞިލްކުރައްވައިފިއެވެ. ސިވިލް ކޯޓުން ހާމަކުރެއްވި 2016 ވަނަ އަހަރުގެ ތަފާސްހިސާބަށް ބަލާއިރު އެއްއަހަރަށްވުރެ ގިނަދުވަސްވެފައި ހުރި މައްސަލަތަކުގެ ތެރެއިން އެންމެ ތިން މައްސަލަ ފިޔަވައި ހުރިހާ މައްސަލައެއް މިދިޔަ ހަފުތާގެ ނިޔަލަށް ވަނީ ނިންމަވާފައެވެ.

ވޭތުވެދިޔަ 2016 ވަނަ އަހަރު ކުރެއްވުނު މަސައްކަތް، ސިވިލް ކޯޓުން ސިފަކުރައްވަނީ މި ނިމުނު އަހަރަކީ އެކޯޓުގެ ކާމިޔާބިގެ ރަތުރަނުގެ ކާމިޔާބީގެ އަހަރެއްގެ ގޮތުގައެވެ.

ސިވިލްކޯޓަށް ހުށައެޅި ބައްލަވަމުން ގެންދަވާ މައްސަލަތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމެވުމާއި، އެކޯޓަށް ހުށައެޅޭ މައްސަލަތައް ވީއެންމެ އަވަހަކަށް ނިންމެވުމަކީ، މިދިޔަ އަހަރު އެކޯޓުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތެކެވެ. 2016 ވަނަ އަހަރު އެކޯޓުގައި ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތަކުގެ ޢަދަދު މި ސިޔާޞަތުގެ ދަށުން ވަރަށް ބޮޑަށް ދަށްކުރެއްވުމަށް ސިވިލް ކޯޓުން ގެންދެވީ ގިނަ އަދި ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ސިވިލް ކޯޓުން ޢާންމުކުރައްވާފައިވާ އެކޯޓުގެ ތުޅުދަނޑި 2016 ގެ ހިސާބުތަކުގައިވާ ގޮތުން، މިދިޔަ 2016 ވަނަ އަހަރު ސިވިލްކޯޓަށް ހުށައެޅުނު 2732 މައްސަލައާއި، 2015 ވަނަ އަހަރު ނުނިމި ހުރި 1243 މައްސަލަ ހިމެނޭހެން މިދިޔަ އަހަރު ވަނީ 3326 މައްސަލަ ބައްލަވައި ނިންމަވާފައެވެ. މިއީ ޤާޟީންގެ ނިސްބަތުން ޤާޟީއަކަށް 49.9 އިންސައްތައެވެ.

މިއަހަރުގެ ނިޔަލަށް ސިވިލްކޯޓުގައި ހުރި މައްސަލަތަކުގެ ތެރެއިން ގޮތެއް ކަނޑަނޭޅި އަހަރުވެފައި އޮތީ އެއްމެ ތިން މައްސަލައެވެ.

ސިވިލް ކޯޓަށް ހުށައެޅޭ މައްސަލަތައް ދެޚަސްމުން އެދޭގޮތަށް އިންސާފުވެރިކަމާއި، ޞުލްޙަވެރިކަމާއެކު، ރަސްމީ ޝަރީޢަތުގެ މަޖިލީހުގެ ބޭރުން އިންސާފުވެރިކަމާއެކު ނިންމެވުމަށް ކުރައްވާ މަސައްކަތްތަކަށް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނާއެކު، ވަނީ ބޮޑުކުރިއެރުމެއް ލިބިފައެވެ. އެގޮތުން އެ ޑިވިޝަނަށް 2016 ވަނަ އަހަރު ހުށައެޅުނު 1678 މައްސަލައިގެ ތެރެއިން، 52.6 އިންސައްތަ މައްސަލަ ޝަރީޢަތަކާ ނުލައި ޙައްލުކުރެވިފައިވާކަން ތަފާސްހިސާބުތަކުން ހާމަވެއެވެ.

އެހެނިހެން ހިސާބުތަކަށް ބަލާއިރު، 2016  ވަނަ އަހަރު ދަރަނީގެ ގޮތުގައި ސިވިލްކޯޓަށް 2.6 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބަލައިގެންފައިވާއިރު، 88 މިލިޔަނަށްވުރެ ގިނަ ޔޫއެސް ޑޮލަރާއި، ތިންސަތޭކަ ތިރީސް ހަހާހަށްވުރެ ގިނަ ސިންގަޕޫރު ޑޮލަރުވެސް ދަރަނީގެ ގޮތުގައި ބަލައިގެންފައިވެއެވެ. ސިވިލް ކޯޓުން 2016 ވަނަ އަހަރު 3192 ކޯޓު އަމުރު ފޮނުވާފައިވެއެވެ.

ޝަރުޢީ ދާއިރާ އިތުރަށް ހަރުދަނާކުރައްވައި، މައްސަލަތައް ނިންމެވުން އަވަސްކުރެއްވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. ޚާއްޞަގޮތެއްގައި ޝަރުޢީ ކޯޓުތަކަށް ހުށައެޅި ގިނަދުވަސްވެފައިވާ މައްސަލަތައް އަވަހަށް ނިންމެވުމަށް ޚާއްޞަ ފިޔަވަޅުތަކެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަޅުއްވާފައިވެއެވެ. މި ފިޔަވަޅުތަކާ ގުޅިގެން ހައިކޯޓާއި، ސުޕީރިއަރ އަދި މެޖިސްޓްރޭޓް ކޯޓްތަކުން ވަނީ އެކޯޓްތަކުން މައްސަލަތައް ނިންމަވާ ނިސްބަތް އިތުރުކުރައްވައި މަސައްކަތްތައް އިތުރަށް އަވަސްކުރައްވާފައެވެ.

މި ސިޔާސަތު ތަންފިޒުކުރެއްވުމަށް ސިވިލް ކޯޓުން 2016 ވަނަ އަހަރު ކުރެއްވި މަސައްކަތާއި އެ މަސައްކަތުގެ ކާމިޔާބީއަކީ އެކޯޓް ވުޖޫދަށް އައުމަށްފަހު މިހާތަނަށް ޙާޞިލްކުރެއްވިފައި ނުވާވަރުގެ ބޮޑު ކާމިޔާބީއެއް. މި ކާމިޔާބީ އެކޯޓުން ސިފަކުރައްވަނީ ރަތުރަނުގެ ކާމިޔާބީއެއްގެ ގޮތުގައެވެ. މި ކާމިޔާބީއަކީ ސިވިލް ކޯޓްގެ ހިންގެވުމަށް ސުޕްރީމް ކޯޓުން ގެންނެވި ބަދަލާއި، ސިވިލް ކޯޓްގެ ފަނޑިޔާރުންނާއި މުއައްޒަފުން، އާ އަމާޒެއް ކަނޑައަޅުއްވައިގެން ކުރެއްވި ބުރަ އަދި ގިނަ މަސައްކަތްތަކުގެ ނަތީޖާކަން ވެސް އެކޯޓުން ފާހަގަކުރައްވައެވެ.

މިފެށުނު 2017 ވަނަ އަހަރަކީ، ވޭތުވެދިޔަ އަހަރު ޙާޞިލުކުރެވުނު ކާމިޔާބީ ދެމެހެއްޓެވުމަށް ސިވިލްކޯޓުން ގަދައަޅާއި މައްސަކަތް ކުރައްވާނެ އަހަރެއްކަމަށާއި މިކަމަށް ވަގުތާއި ބަޖެޓްގެ ތަނަވަސްކަން ބޭނުންވާކަމަށް ސިވިލް ކޯޓުން ވިދާޅުވެއެވެ.