ދީން

2016 - ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް


ދިވެހިންގެ ހިތްތަކުގައި ދީނީ އަޤީދާ އިތުރަށް ވަރުގަދަކޮށް އިސްލާމްދީނަށް ލޯބިޖެއްސެވުމުގެ ގޮތުން މިއަހަރުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށް އެ މިނިސްޓްރީން ހާމަކުރައްވައިފިއެވެ. 

ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް އިސްލާމިކް މިނިސްޓްރީން ކުރައްވާފައިވާ މަސައްކަތްތަކާއި ގުޅޭ ގޮތުން ޕީއެސްއެމް އަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރގެ ނައިބު މުޙައްމަދު މުޞްޠަފާ ވިދާޅުވީ، މާލެއާއި އަތޮޅުތަކުގެ 352 މިސްކިތެއްގައި ދީނީ ނަސޭޙަތް ދިނުމުގެ ޙަރަކާތްތައް އެ މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އަދި ރާއްޖޭން ބޭރުން ފުންނާބު އުސް ޢިލްމުވެރިން ރާއްޖެ ގެންނަވައި ދީނީ 6 ތަޤުރީރެއް އިންތިޒާމްކުރައްވާފައިވާ ކަމަށްވެސް މުޞްޠަފާ ވިދާޅުވިއެވެ.

މީގެ އިތުރުން މާލެއާއި އަތޮޅުތަކުގައި ދީނީ ތަފާތު އެކި މައުޞޫތަކުން 26 ވޯރކްޝޮޕެއް އިންތިޒާމްކުރައްވާފައިވެއެވެ.

ދީނީ މައުޞޫތަކަށް ލިޔެފައިވާ 18 ފޮތެއް ނެރެދެއްވާ 116 ފޮތެއް ފާސްކޮށްދެއްވާފައިވާއިރު އެކި އެކި މަޖައްލާތަކުގައި 2000 ވުރެ ގިނަ އާރޓިކަލް އެ މިނިސްޓްރީން ޝާއިޢުކުރައްވާފައިވާ ކަމަށް މުޞްޠަފާ ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/7461.jpg|މަސްޖިދުލް އަޤްސާގެ އިމާމު އަލީ އުމަރު ޔައުޤޫބް އިސްލާމީ މަރުކަޒުގައި ދަރުސް ދެއްވަނީ / ފައިލް ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ކުދިންގެ ދީނީ މައުލޫމާތުގެ ޚަޒާނާ އިތުރަށް މުއްސަނދި ކުރެއްވުމުގެ ގޮތުން އެ މިނިސްޓްރީން ވަނީ 117 ޕްރޮގްރާމެއް ހިންގަވާފައެވެ. އަދި ސްކޫލްތަކުގެ ބެލެނިވެރިންގެ ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށްޓަކައި 55 ޕްރޮގްރާމެއް ހިންގަވާފައިވާއިރު ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގައި ތިއްބަވާ މުވައްޒަފުންނަށް އަމާޒުކުރައްވައިގެން 108 ޕްރޮގްރާމެއް ހިންގަވާފައިވާކަމަށް އެ މިނިސްޓްރީން ހާމަކުރައްވައެވެ.

ދީނީ މަޢުލޫމާތު ފެތުރުމާއި ޢާންމުން ހޭލުންތެރިކުރުމުގައި ދީނީ ޖަމްޢިއްޔާތަކުން ވަރަށް މުހިންމު ދައުރެއް އަދާކުރާކަމަށާއި އެ ޖަމްޢިއްޔާތަކާއި ގުޅިގެން ވެސް ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ އެކި ޕްރޮގްރާމްތައް އެ މިނިސްޓްރީން ކުރިއަށް ގެންދަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

" ދީނީ ނަޞޭޙަތް ދިނުމަކީ ހަމައެކަނި އިސްލާމިކް މިނިސްޓްރީގެ ދައުރަކަށް ނުވޭ. ދީނީ ނަޞޭޙަތް ދިނުމަށްޓަކައި ދީނީ ގޮތުން މީހުން ހޭލުންތެރިކުރުމަށްޓަކައި މިއަދު އުފެދިފައި ހުރި ޖަމްޢިއްޔާތަކުން އަދާކުރަމުން ދަނީވެސް ވަރަށް މުހިންމު ރޯލެއް. އަޅުގަނޑުމެންނާ އެކީގަ ޖަމްޢިއްޔާތަކުން އެބަ މަސައްކަތްކުރައްވާ."

ދީނީ ގޮތުން މީހުން ހޭލުންތެރިކަން އިތުރުކުރެއްވުމަށް އިސްލާމިކް މިނިސްޓްރީން މިފަދަ މަސައްކަތްތަކެއް ކުރައްވާފައިވާއިރު ސަރުކާރުގެ ގިނަ މުޢައްސަސާތަކެއް ގުޅިގެން ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރެއްވުމަށް ޚާއްސަ ޙަރަކާތްތަކެއް ހިންގެވުމަށް ނިންމަވާފައިވާކަން ފާހަގަކޮށްލެވެއެވެ.