އަންހެން ކަނބަލުން މަސްވެރި ދޯނިފަހަރުގައި މަހަށް ފުރައި، މަސް ބާނައިގެން ރަށަށް އައުމަކީ މީގެ ކުރިން އައު ކަމެކެވެ. އެކަމަކު ހިތްވަރުގަދަކަމަށް އަރާތިބި މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ އަންހެން ކަނބަލުން މިހާރު ދަނީ މިކަން ކުރަމުންނެވެ. މިއަދުވެސް ގޮއިދޫ އަންހެނުން މަހަށްފުރިއެވެ. img:http://s2.psmnews.mv/images/660x400/14824203110698.jpg|ގޮއިދޫ އަންހެން ކަނބަލުން މަސްވެރިކަމަށް ނިކުތުން -
މަސްވެރިކަމަކީ ޒަމާނުއްސުރެ ދިވެހި ފިރިހެނުން ކުރަމުން އަންނަ މަސައްކަތެކެވެ. މަހަށް ފުރުމުގެ ކުރިން ކުރެވޭ ބައެއް ތައްޔާރީތަކާއި، މަސްބައިގެން ގެއަށް ގެނައުމުން އެމަސް ރޯފިލުވުމުގައި އަންހެން ކަނބަލުންގެ ދައުރު ބޮޑުނަމަވެސް އަންހެން ކަނބަލުން ދޯނިފަހަރުގައި މަހަށް ފުރުމަކީ މީގެކުރިން އެއްވެސް ގޮތަކަށް ރާއްޖޭގައި ކުރެވުނު ކަމެއް ނޫނެވެ. އެހެންނަމަވެސް މިކަމަށް މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫގެ ހީވާގި އަންހެން ކަނބަލުން މިވަނީ ބަދަލު ގެންނަވާފައެވެ. ގޮއިދޫގެ ރައްޔިތުންނަކީ ކުރާ ކޮންމެ މަސައްކަތެއްވެސް ފޯރިއާއި ޖޯޝުގައި ކުރާ ބައެކެވެ. ޚާއްޞަކޮށް އަތޮޅު ފެންވަރުގައި ބޭއްވޭ އެކިއެކި މުބާރާތްތަކުގައި ވާދަކޮށް ރަންވަނަތައް ހޯދުމުގައި ރަށުގެ އަންހެން ކަމަބަލުން ވަރަށް ފޯރީގައި މަސައްކަތް ކުރެއެވެ. img:http://s3.psmnews.mv/images/660x400/14824203359382.jpg|ގޮއިދޫ އަންހެން ކަނބަލުން މަސްވެރިކަމަށް ނިކުތުން -
މިހާރު އެންމެ ފޯރިއާއެކު އެރަށުގައި ކުރިއަށްދަނީ އަންހެނުންގެ މަސްވެރިކަމެވެ. މިއީ މުޅިން އަލަށް އެރަށުގައި، އަދި މުޅި ރާއްޖޭގައިވެސް ފެށިގެން ދިޔަކަމެކެވެ. img:http://s1.psmnews.mv/images/660x400/14824203578649.jpg|ގޮއިދޫ އަންހެން ކަނބަލުން މަސްވެރިކަމަށް ނިކުތުން -
މީގެ ފަސްވަރަކަށް ދުވަސް ކުރިން ފެށުނު އަންހެން ކަނބަލުންގެ މަސްވެރިކަމާ ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއާ ވާހަކަދައްވަމުން ގޮއިދޫ ކައުންސިލް މެންބަރެއްކަމުގައިވާ އިލްޔާސް އިބްރާހީމް ވިދާޅުވީ، އެރަށުގައި މި ފެށުނު އަންހެން ކަނބަލުންގެ މަސްވެރިކަމަކީ، އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ ބޭނުމުގައި ފަށައިގަނެވުނު ކަމެއް ކަމަށެވެ. img:http://s2.psmnews.mv/images/660x400/14824203816694.jpg|ގޮއިދޫ އަންހެން ކަނބަލުން މަސްވެރިކަމަށް ނިކުތުން -
އަންހެންކަނބަލުން މަހަށްދަނީ، ރަށުގައި މަސްވެރިކަންކުރާ ފަސްވަރަކަށް ދޯނީގައި ކަމަށާއި، މިދުވަސްވަރަކީ ގޮއިދޫ ކައިރީގައި މަސްވެރިކަން ރަނގަޅު ދުވަސްވަރެއް ކަމުން އެންމެ ރަނގަޅު މިންވަރަކަށް އަންހެން ކަނބަލުން ކޮންމެ ދުވަހަކުވެސް މަސްބާނާ ކަމަށް އިލްޔާސް މައުލޫމާތުދެއްވިއެވެ. img:http://s2.psmnews.mv/images/660x400/14824204032980.jpg|ގޮއިދޫ އަންހެން ކަނބަލުން މަސްވެރިކަމަށް ނިކުތުން -
ގޮއިދޫ އަންހެން ކަނބަލުން މަސްބާނަން ދަނީ އެރަށުން ފުރައިގެން ދިހަވަރަކަށް މިނެޓުގެ ދަތުރެއްކޮށް އެރަށުގެ އެއްކޮޅުގައި އޮންނަ ހިސާބަކުންނެވެ. މިތަނުން މިދުވަސްވަރު ގިނަ ޢަދަދެއްގެ ކަށި ލައްޓި ބޭނެއެވެ. ޒުވާނުން ހިމެނޭހެން އެކި އުމުރުފުރާތަކުގެ 100 އެއްހާ އަންހެން ކަނބަލުން މިކަމުގައި ޙަރަކާތްތެރިވާއިރު، ކޮންމެ ދުވަހަކުވެސް ހަވީރު 4 ޖަހާއިރު، މަހަށް ފުރައި ވަރަށް ފޯރިގަދަ ދަތުރަކަށްފަހު އިރުއޮއްސި 6:30 ގައި އަންހެން ކަނބަލުން މަހުން ލަފަނީ 30 ނުވަތަ ސާޅީހަށްވުރެ ގިނަ ލައްޓި ބާނައިގެންނެވެ. މިކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވަނީ އަންހެން ކެޔޮޅުންގެ ފިރިންނެވެ. ދޯނި ދުއްވުމުގެ މަސައްކަތާއި، ނަނު ހަދައިދެނީވެސް ފިރިހެން ބޭފުޅުންނެވެ. އަންހެން ކަނބަލުން ނަނުގައި މަސްބާނަނީ ވަރަށްވެސް ފޯރިއާއެކުގައެވެ. img:http://s1.psmnews.mv/images/660x400/14824204298221.jpg|ގޮއިދޫ އަންހެން ކަނބަލުން މަސްވެރިކަމަށް ނިކުތުން -
އަންހެން ކެޔޮޅުން މަހުން ލަފާއިރު، ގޭގެކަންކަން ބަލަހައްޓާ ފިރިންވެސް ގޮއިދޫގައި މަދުނޫންކަން ފާހަގަކޮށްލެވެއެވެ. ގޮއިދޫ އަންހެނުންގެ މި ހިތްވަރުގަދަ މަސައްކަތުންވެސް ދިވެހި އަންހެން ކަނބަލުންނަކީ ކޮންމެ ކަމެއްގައިވެސް ހިތްވަރާއެކު މަސައްކަތް ކޮށް އެކަން ކާމިޔާބުކުރާނެ ފިސާރި ބައެއްކަން ހާމަވެގެންދެއެވެ. img:http://s1.psmnews.mv/images/660x400/14824204519977.jpg|ގޮއިދޫ އަންހެން ކަނބަލުން މަސްވެރިކަމަށް ނިކުތުން -