ޚަބަރު

މިއަހަރު 900 އަށްވުރެ ގިނަ މައްސަލަ ބެލިއްޖެ- އެޗްއާރުސީއެމް


އެޗްއާރުސީއެމަށް މިއަހަރު އެންމެ ގިނައިން ހުށަހަޅާފައިވަނީ އެކަށީގެންވާ ޞިއްޙީ ފަރުވާ ނުލިބިގެން ހުށަހަޅާފައިވާ މައްސަލަތަކާއި، ޤައިދީންނާއި، ކުޑަކުދިންގެ ޙައްޤުތަކާ ގުޅުން ހުރި މައްސަލަތައްކަމަށް އެކޮމިޝަންގެ ރައީސާ އާމިނަތު އީނާސް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ އިންސާނީ ޙައްޤުތަކާބެހޭ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ. މިއަދަކީ، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހެވެ. ހަމަ އެހެންމެ، މިއަދަކީ ރާއްޖޭގެ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރުމަށްޓަކައި، ވަކި މުއައްސަސާއެއްގެ ގޮތުގައި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން އުފެއްދެވިތާ 13 އަހަރު ފުރުނު ދުވަސްވެސްމެއެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ ޝިއާރެއްގޮތުގައި ކަނޑައަޅާފައިވަނީ، "އަނެކާގެ ޙައްޤުގައި ތެދުވަމާ" މި ޝިއާރެވެ.

އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، ނެގެހެއްޓުމަށް ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިއަހަރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް، 964 މައްސަލަ ކޮމިޝަނުން ބައްލަވައި ނިންމަވާފައިވެއެވެ. އަދި، މި އަހަރުގެ ތެރޭގައި، ކޮމިޝަނަށް 384 މައްސަލަ ހުށަހަޅާފައިވެއެވެ.

ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާ އާމިނަތު އީނާސް ދެއްވި ޚިޠާބުގައި ވިދާޅުވީ، އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، ދިފާއުކުރުމަށްޓަކައި، ފަރުދީގޮތުން ކުރެވިދާނެ ގިނަގުނަ ކަންކަން އެބަހުރިކަމަށެވެ. އެގޮތުން، އަޅުގަނޑުމެންގެ މިކުޑަކުޑަ މުޖުތަމަޢުގައި، ކަންބޮޑުވާ މިންވަރަށް އިތުރުވެ ތަކުރާރުވަމުންދާ ގެވެށި އަނިޔާއާއި، ޖިންސީ އަނިޔާއާއި، ގަނާކުރުމުގެ މައްސަލަތަކާއި، ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތަކަށް އުނިކަން ލިބޭ ފަދަ ކަންކަމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ނުލިބުމުގެ މައްސަލަތަކަކީ، އެކަމާމެދު ވިސްނައި ފިކުރުކޮށް، އެކަންކަމާ ދެކޮޅަށް ތެދުވެ، އެކަންކަން ޙައްލުކޮށްދިނުމަށް އަނެކާގެ ޙައްޤުގައި ފަރުދީގޮތުންވެސް މަސައްކަތް ކުރެވިދާނެކަންކަން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަނެކާގެ ޙައްޤުގައި ތެދުވެ، ޢުމުރުން ދުވަސްވީ މީހަކު ޢާންމު ޚިދުމަތްދޭ ތަނެއްގައި ކޮޅަށް ހުންނަންޖެހިއްޖެނަމަ، ތިމާ އިށީންދެއިންނަ ގޮނޑި އެމީހައަށް ދެމާތޯ! އަންހެނުންނަށް ފުރައްސާރަކޮށް، ފޮށުމާއި، އަނިޔާކުރާތަން ފެނުމުން އެކަން ހުއްޓުވަމާތޯ! ކުއްޖާ ބެލެހެއްޓުމުގައި އިޙުމާލުވެ، ކާންނުދީ، އެކަހެރިކޮށްފައި ވާ ކުއްޖާގެ ވާހަކަ، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރަމާތޯ! އަލަށް އިމާރަތްކުރާ އިމާރަތްތަކުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ، ޚާއްސަ އިންތިޒާމެއް ގާއިމު ކުރެވި، އެތަނަކުން ފޯރުކޮށްދޭ ޚިދުމަތެއްވެސް ޚާއްސަ އުސޫލެއްގެ ތެރެއިން ހަމަޖެހޭނެ ގޮތްތަކެއް ކަނޑައަޅާމާތޯ!" ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސްގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

މިއަހަރުގެ ތެރޭގައި އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމުގެ ގިނަ އަދި ކާމިޔާބު ޕްރޮގްރާމްތަކެއް ހިންގަވާފައިވާކަން ފާހަގަކުރައްވައި އީނާސް ވިދާޅުވީ، އިންސާނީ ޙައްޤުތައް ލިބިދެވޭ މިންވަރު ބަލައި، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބައިތިއްބާފައި ތިބޭ މަރުކަޒުތައް މޮނިޓަރކޮށް، އަދި އިންސަނީ ޙައްޤުތަކާގުޅޭ ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. ދުވަހާ ގުޅިގެން އެޗްއާރސީއެމްގެ ރައީސާ ދެއްވި ޚިޠާބުގައި ވަނީ، އެޗްއާރުސީއެމްގެ މަސައްކަތްތަކަކީ، ދައުލަތުގެ އެހެން މުއައްސަސާތަކާ ގުޅިވަޑައިގެން ކުރައްވަންޖެހޭ މަސައްކަތްތަކަކަށް ވެފައި، ކޮމިޝަނުން ކުރައްވާ މަސައްކަތްތައް ކާމިޔާބުކަމާއި އަވަސްކަމާއެކު ނިންމެވުމުގައި ދައުލަތުގެ އެހެން މުއައްސަސާތަކާއި، އާންމުފަރުދުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާފައެވެ.

"އިންސާނީ ޙައްޤުތައް ދިފާއުކޮށް، އެ ޙައްޤުތައް ހޯދައިދިނުމުގެ މަޤްޞަދުގައި އެ ކޮމިޝަނުން ކުރާ މަސައްކަތުގައި މުއައްސަސާތަކާއި، މުޖުތަމަޢުގެ ހުރިހާ ފަރާތްތަކުން އިތުރަށް ބައިވެރިވެ، އެއް ރޫޙެއްގައި، ގުޅިގެން މަސައްކަތްކުރުމަކީ އިންސާނީ ޙައްގުތަކުގެ ޙަލަތު މިހާރަށްވުރެން ރަނގަޅު ކުރެވި، އަމާން މާޙައުލެއް ޤާއިމުކުރުމަށް ފަސޭހަ ވެގެންދާނެކަމެއް. އީނާސް ވަނީ ކޮންމެ ދިވެހި ރައްޔިތަކީ، އެކަކު އަނެކެއްގެ ޙައްޤުތަކަށް އިޙްތިރާމުކުރާ، އަދި އެ ޙައްޤުތައް ރައްކާތެރިކުރުމަށް ހިތްވަރާއިއެކު ކޮންމެ ދުވަހަކުމެ މަސައްކަތްކުރާ ފަރާތަކަށްވުމަށް، އަޅުގަނޑު އިލްތިމާސް ކުރަން" ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސްގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާ އާމިނަތު އީނާސްގެ ޚިޠާބު ނިންމަވާލެއްވީ، އިންސާނީ ޙައްޤުތައް ކުރިއެރުވުމަށްޓަކައި ކޮންމެ ފަރުދަކުވެސް އައު ޢަޒުމުތަކެއް ކަނޑައެޅުމަށް އިލްތިމާސްކުރައްވަމުންނެވެ.