ދުނިޔެ

ޤާނޫނާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް މިޔަންމާއަށް ގޮވާލައިފި


ޤާނޫނީ ހަމަތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް މިޔަންމާގެ އަސްކަރިއްޔާއަށް އދ.ގެ ކުރީގެ ސެކެޓްރީ ޖެނެރަލް ކޯފީ އަނާން ގޮވާލައްވައިފިއެވެ.

ކޯފީ އަނާން މިހެން ގޮވާލައްވާފައި މިވަނީ މިޔަންމާގައި ދިރިއުޅެމުންދާ ރޮހިންގާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް އަނެއްކާވެސް އަސްކަރީއިން ޙަރަކާތްތަކެއް ފަށާފައިވަނިކޮށެވެ. ރާކިން ސްޓޭޓްގައި ދިރިއުޅެމުންދާ ރޮހިންގާ ދަރިކޮޅުގެ މީހުންނާ އިދިކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ހަރަކާތްތައް ފެށިތާ މަހެއްހާ ދުވަސްތެރޭ 86 ށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އެމީހުންނާއި ދެކޮޅަށް އަސްކަރިއްޔާއިން ފަށާފައިވާ ހަރަކާތްތަކުން ސަލާމަތްވުމަށް ރޮހިންގާ ދަރިކޮޅުގެ އެތައް ހާސް ބަޔަކު ބޯޑަރު ހުރަސްކޮށް ބަންގްލަދޭޝަށް ހިޖުރަ ކުރަން މަސައްކަތް ކުރަމުންދާ އިރު އެމީހުންގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިންވެސް ހިމެނެއެވެ.

މިކަމާއި ގުޅިގެން އަންސަން ސޫކީގެ ސަރުކާރަށް ބައިނަލްއަޤްވާމީ ފާޑުކިއުންތައް ކުރިމަތިވެފައިވެއެވެ. މިޔަންމާގެ ބުދިސްޓުންނާއި ރޮހިންގާ މުސްލިމް އާންމުންނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުން ހުއްޓުވުމަށް ކަމަށްބުނެ މިޔަންމާ ސަރުކާރުން ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަންގެ ތެރެއިން ރޮހިންގާ މުސްލިމުންނާ ދެކޮޅަށް އަސްކަރިއްޔާއިން އަމަލްކުރަނީ ވަރަށްވެސް އިންސާނިއްޔަތާއި ޙިލާފަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ނަސްލީ ފިތުނައިގެ މައްޗަށް ބުރަވެ، ރޮހިންގާ މީހުން މަރާ ޤަތުލްއާންމުތައް ހިންގުމުގައި މިޔަންމާގެ ސަރުކާރުން ބައިވެރިވާކަމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

އދ. ގެ ކުރީގެ ސެކެޓްރީ ޖެނެރަލް ކޯފީ އަންނާން ވިދާޅުވީ ކޮންމެ ހާލަތެއްގައިނަމަވެސް މިޔަންމާގެ އަސްކަރިއްޔާއިން ޢަމަލްކުރަންވާނީ ޤާނޫނީ ހަމަތަކުގެ މަތިން ކަމަށެވެ. ކޯފީ އަންނާން އަކީ މިއަންމާގެ ބުދިސްޓުންނާ ރޮހިންގާ މުސްލިމުންނާއި މެދު އުފެދިފައިވާ ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ގެނައުމަށް އެކުލަވާލާފައިވާ ޕެނަލްގެ އިސްވެރިޔާއެވެ. އަންނާން މިޔަންމާގެ އަސްކަރިއްޔާއަށް ޤާނޫނީ ހަމަތަކުގެ މަތިން ޢަމަލްތައް ކުރުމަށް ގޮވާލެއްވީ މިޔަންމާގެ ސްޓޭޓް ކައުންސިލާރ ސޫކީ އަދި ކޮމާންޑަރ އިން ޗީފްއާއި މިޔަންމާގެ ވިޔަފާރީ ވެރިރަށް ޔަންގޯންގައި ބައްދަލްކުރައްވާ މަޝްވަރާ ކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުންނެވެ.

އަނާން ވިދާޅުވީ ސޫރިޔާ ފަދަ ދާހިލީ ހަނގުރާމައިގެ ވަރުގަދަ ޙަމަލާތައް ބަދަލުކުރަމުންދާ ތަނެއްގައި އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދެފަރާތުން އެއްބަސްވަންޔާ، މިޔަންމާގައި އަސްކަރިއްޔާއިން މަސައްކަތް ކުރަމުން ދިޔަނަމަވެސް އާންމުންގެ ހައްޤުތައް ހިމާޔަތްކޮށް، ކަށަވަރު ކުރުމަށް އެހީ ފޯރުކޮށްދެވެން ޖެހޭނެ ކަމަށެވެ.

މިޔަންމާ ސަރުކާރުން ޤަބޫލުކުރާ ގޮތުގައި ރޮހިންގާ ދަރިކޮޅު މީހުންނަކީ އެޤައުމުގެ ރައްޔިތުންނެއް ނޫނެވެ. އަދި އެ ދަރިކޮޅުގެ މީހުންނަކީ ބަންގްލަދޭޝްއިން ހިޖުރަ ކޮށްފައިވާ ބައެއް ކަމަށްވެސް މިޔަންމާގެ ސަރުކާރުން ޤަބޫލު ކުރެއެވެ. 2012 ވަނަ އަހަރުން ފެށިގެން ރޮހިންގާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް އަސްކަރީ ހަރަކާތްތަކެއް ފެށުމާ ގުޅިގެން ލައްކަ އަކަށް ވުރެ ގިނަ މީހުން މިހާރު ވެސް ދިރިއުޅެމުން ދަނީ ރެފިއުޖީ ކޭމްޕް ތަކުގައެވެ. ރޮހިންގާ ދަރިކޮޅުގެ ގިނަ މީހުންނަކީ މުސްލިމުންނެވެ.