ތިމާވެށި

ދުނިޔޭގެ ކާރިޘާތަކާ ބެހޭ ރިޕޯޓް ނެރުއްވައިފި


ދިވެހި ރެޑްކްރެސެންޓް އިން މިއަހަރުގެ ވޯލްޑް ޑިޒާސްޓާރސް ރިޕޯރޓް ނެރެދެއްވައިފިއެވެ. މި ރިޕޯރޓަކީ އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ރެޑްކޮރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް، އިއި.އެފް.އާރ.ސީ ގެ ފަރާތުން 1993 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ނެރޭ ރިޕޯޓެކެވެ.

މިއީ ދުނިޔޭގައި ހިނގާ ކާރިސާތަކާއި އެންމެ ނާޒުކު ފަރާތްތައް ދަނެގަނެ އަދި މިފަދަ ފަރާތްތަކަށް އެހީ ފޯރުކޮށްދޭ ޖަމާޢަތްތައް ބާރުވެރިކޮށްދިނުމަށް ޚާއްސަ ކުރެވިގެން ނެރޭ ރިޕޯރޓެއްކަމަށް އައި.އެފް.އާރ.ސީ އިން ހާމަކުރެއެވެ. ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ރިޕޯރޓު ނެރެދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ދުނިޔޭގެ އެކި ޤައުމުތަކުގައި ހިނގާފައިވާ ނުރައްކާތެރި ކާރިސާތަކާއި ގުޅޭ މި ރިޕޯރޓަކީ ރާއްޖެފަދަ ޤައުމަކަށް ވަރަށް މުހިންމު ރިޕޯރޓެއް ކަމަށެވެ.

ރާއްޖޭގައި ގިނަ ކާރިޘާތައް ހިނގާފައިވަނީ އެފަދަ ކަންކަމުން ރައްކާތެރިވުމަށް ސަރުކާރުން ކަނޑައަޅާފައިވާ އުސޫލްތަކަކާއި ޤަވާޢިދުތަކުގެ ބޭރުން ޢަމަލުކުރުމުގެ ސަބަބުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ދިވެހިންނަށް ދިމާވާ ހުރިހާ ކާރިސާތަކެއްގައި ވެސް ދިވެހިންގެ އެއްބައިވަންތަކަން ފެނިގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14808614669926.jpg|ރެޑް ކްރެސެންޓުގެ ކަންޓްރީ ކްލަސްޗަރ ޓީމްގެ ހެޑް ލިއޯން ޕްރޮޕް

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާއްޖެ ހިމެނޭ ކަންޓްރީ ކްލަސްޗަރ ޓީމްގެ ހެޑް ލިއޯން ޕްރޮޕް ވިދާޅުވީ ކާރިޘާތަކުން ރައްކާތެރިވުމަށް މުޖުތަމަޢު ބާރުވެރިކުރުވުމަށް އައި.އެފް.އާރ.ސީ އިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށެވެ. އެ ގޮތުން " ވަން ބިލިއަން ކޮއަލިޝަން ފޯ ރެސިލިއަންސް" ގެ ނަމުގައި ކޯލިޝަނެއް އުފެއްދުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ކޯލިޝަނަކީ އެކި ދާއިރާތަކަށް ބަހާލައިގެން 2025 ގެ ކުރިން އެއްބިލިއަން މީހުންނަށް އެހީވުމަގެ މަޤުސަދުގައި ހަދާ ކޯލިޝަނެއް ކަމަށް ލިއޯން ޕްރޮޕް ވިދާޅުވިއެވެ.

މިއަހަރު ނެރުނު ރިޕޯރޓުގެ ޝިއާރަކަށް ހަމަޖައްސާފައިވަނީ "ރެސިލިއަންސް – ސޭވިން ލައިވްސް ޓުޑޭ، އިންވެސްޓިންގ އިން ޓުމޯރޯ"އެެވެ. މި ރިޕޯރޓުގައި 2015 ވަނަ އަހަރު 574 ކާރިޘާ ހިނގައި ތިރީސް ދެހާހަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ހާމަކޮށްފައިވެއެވެ.