ޚަބަރު

ތިލަފުށީގައި އިންސިނިރޭޓަރެއް ޤާއިމުކުރުމަށް 100 މިލިއަން ރުފިޔާ


މާލޭ ސަރަޙައްދުގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، ކ. ތިލަފުށީގައި އިންސިނިރޭޓަރެއް ޤާއިމުކުރުމަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން ލިމިޓެޑް، ވެމްކޯއިން ބުނެފިއެވެ.

މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާނަމަ، ކުނީގެ މައްސަލައަކީ މުޅި ރާއްޖެއަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. ރައްކާތެރިގޮތުގައި ކުނި ނައްތާލުމާއި، ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން މި މަސައްކަތް ކުރެވިފައިނުވާތީ، ޞިއްޚީ މައްސަލަތަކުގެ އިތުރުން، އިޖްތިމާޢީ ގޮތުންވެސް އެތައް ގިނަ މައްސަލަތަކާއި ދިވެހިން ކުރިމަތިލާން ޖެހުނެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ ގިނަ ރަށްރަށުގައި ރަށު ފެންވަރުގައި ކުނި ނައްތާލުމަށް ބޭނުންވާ ކުނިކޮށިތަކާއި، އެ މަސައްކަތް ކުރުމަށް ބޭނުންކުރާ ވަސީލަތްތައް ވަނީ ޤާއިމުނުކުރެވިއެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރަށް 3 އަހަރުވެގެންދިޔައިރު، ކުނީގެ މައްސަލަ ޙައްލުކުރެއްވުމަށް އެހެން އެއްވެސް ސަރުކާރަކުން ހަރަދު ނުކުރައްވާ މިންވަރަށް ހަރަދު ކުރައްވައި، ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. އެގޮތުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ކުނި މެނޭޖްކުރުމުގެ ޤައުމީ ސިޔާސަތެއް އެކުލަވާލައްވައި، މި ސިޔާސަތު ތަންފީޒު ކުރެއްވުމަށް ތަފާތު މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސަރުކާރުން ގެންދަވަނީ ހިންގަވަމުންނެވެ. މީގެ ތެރެއިންވެސް އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ އެއް މަސައްކަތަކީ ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ މާލޭ ސަރަހައްދުގެ ކުނިމެނޭޖް ކުރެއްވުމުގެ މަސައްކަތެވެ.

ޓީ.ވީ.އެމްގެ "ޤައުމު ބިނާކުރުމުގެ 3 އަހަރު" މި ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން، ވެމްކޯގެ ޑިރެކްޓަރ އޮފް ލޮޖިސްޓިކްސް އެންޑް މެއިންޓެނެންސް، ޢަލީ މޫސާ ވިދާޅުވީ، މާލޭ ސަރަޙައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާ ކުރެއްވުމުގެ ގޮތުން އެ ކުންފުނިން ރަސްމީކޮށް ހިންގަން ފެށިފަހުން ފާއިތުވި 11 ވަރަކަށް މަސްދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. މީގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތަކީ މާލޭ ސަރަޙައްދަށް ކުނި މެނޭޖްކުރުމަށް އެކަށީގެންވާ ނިޒާމެއް ޤާއިމުކުރެއްވުމުގެ މަސައްކަތް ކަމަށް މޫސާ ވިދާޅުވިއެވެ. އެގޮތުން ރ. ވަންދޫގައި ޤާއިމުކުރައްވާފައިވާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރ ކޮންސެޕްޓް އަސްލަކަށް ބަލައިގެން، ތިލަފުށީގައި ކުނި މެނޭޖްކުރުމުގެ ޒަމާނީ ނިޒާމެއް ޤާއިމު ކުރެއްވުމަށް ހައްދަންވަންޖެހޭ ދިރާސާތައް ހެއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މޫސާ ވިދާޅުވިއެވެ. އަދި ފާއިތުވި ދުވަސްތަކުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ތިލަފުށީގައި އިންސިނިރޭޓަރެއް ޤާއިމު ކުރެއްވުމަށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނުއްވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ތިލަފުށީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ކުނި މެނޭޖްކުރުމަށް ބޭނުންކުރާ ޒަމާނީ ނިޒާމެއް. އެކަމަށްޓަކާއި ހައްދަވަންޖެހޭ ދިރާސާތަކާއި، ތަޙްލީލުތަކުގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީން ކުރައްވަމުން އެގެންދަވަނީ. މި މަޝްރޫޢުގެ ދަށުން ތިލަފުށީގައި އިންސިނިރޭޓަރ ބެހެއްޓި، އަންދާ ކުނިން ކަރަންޓް ޖެނެރޭޓް ކުރެވޭނެ. ކުނި އަންދައިގެން އެ އުފެދޭ ގޭހުން ގާތްގަނޑަކަށް ތިލަފުއްޓަށް ބޭނުންވާ މިންވަރަށްވުރެ ގިނައިން ކަރަންޓް އުފެއްދޭނެ" ޢަލީ މޫސާ ވިދާޅުވިއެވެ.

ތިލަފުށީގައި އަލަށް ޤާއިމުކުރައްވާ އިންސިނިރޭޓަރާއެކު، މާލޭ ސަރަޙައްދުގެ ކުނި މެނޭޖްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، މި ސަރަޙައްދަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ބޮޑު ޙައްލެއް ލިބިގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ވެމްކޯއިން ބުނެއެވެ. މާލޭ ސަރަޙައްދުގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް މި އަހަރުގެ ޑިސެމްބަރުމަހު ފެށުމަށް ވެމްކޯއިން މިހާރު ތައްޔާރުވަމުން އަންނައިރު، މި ޚިދުމަތް ފޯރުކޮށްދިނުމަށް ތިމާވެއްޓާ ރައްޓެހި، 3 ވައްތަރެއްގެ ވެހިކަލް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭ ސިޓީގެ އިތުރުން، ސަރުކާރުން މިހާރުވެސް ގެންދަވަނީ ގާތްގަނޑަކަށް 10 މިލިއަން ޑޮލަރު ޚަރަދުކުރައްވައިގެން ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭހެން ރ. ވަންދޫގައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުކުރައްވައި، އެ ސަރަޙައްދުގައި ހިމެނޭ 44 ރަށެއްގެ ކުނިމެނޭޖް ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. އަދި އައްޑޫ ސިޓީގައި ޤާއިމުކުރެއްވުމަށް ހަމަޖެހިފައިވާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތްވެސް ކައިރި މުސްތަޤުބަލެއްގައި ފަށްޓަވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކުރައްވައެވެ.