ޚަބަރު

ޢިމާރާތްކުރަން ފެށުމުގެ ހުއްދަ 3 ދުވަހުގެތެރޭގައި ދެނީ


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ކުރިއަރާފައިވާ އެއް ސިނާޢަތަކީ ޢިމާރާތްކުރުމުގެ ސިނާޢަތެވެ. މާލޭގައި ޢިމާރާތްކުރާ ތަންތަން އިތުރުވެ، މިކަމުގެ ހުއްދައަށް އެދި ހައުސިންގ މިނިސްޓްރީއަށް ހުށަހަޅާ ޢަދަދު އަންނަނީ އިތުރުވަމުންނެވެ.

ހައުސިންގ މިނިސްޓަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ޢިމާރާތްކުރުމުގެ ހުއްދަ ދޫކުރުމުގެ މަސައްކަތާއި އެމިނިސްޓްރީން ހަވާލުވެވަޑައިގެންނެވިއިރު، ގިނަ ޢަދަދެއްގެ ކުރެހުންތަކަށް ހުއްދަ ނުދެވި، ހުރިކަމަށާއި އަދި ހުއްދަ ދެއްވުމުގައި ލަސްތަކެއް ހުރިކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރައްޔިތުންނަށް ފުރިހަމަގޮތުގައި ޚިދުމަތް ދެއްވުމަށް ކުރެއްވި މަސައްކަތުގެ ދަށުން، ކުރިއަށް އޮތް ތާނގައި ޢިމާރާތުގެ ހުއްދައަށް އެދި ހުށަހަޅާތާ، 3 ދުވަހުގެ ތެރޭގައި ޢިމާރާތުގެ ކުރެހުން ފާސްކުރައްވައި ހުއްދަދެވޭނެކަމަށެވެ. އަދި އެއްގޮތަކަށްވެސް މައްސަލައެއް ނުހުންނަ ކުރެހުންތަކަށް ހުއްދައަށް އެދި ހުށަހަޅާ ދުވަހުވެސް ހުއްދަ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14729994955829.jpg|ހައުސިންގެ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ

މީގެ އިތުރުން ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ޢިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ކުރެހުންތަކާއި، ގޯތީގެ ރަޖިސްޓްރީތައް ބެލެހެއްޓުން ހަރުދަނާކުރެއްވުމަށް ނިންމަވައި، ޑިޖިޓަލްކޮށް އާރކައިވްކުރެއްވުމަށް ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަންކުރެއްވުމަށް ބަޔަކާ ޙަވާލުކުރައްވާފައިވާ ކަމަށާއި، 6 މަސްދުވަހުގެ ތެރޭގައި މިހާރު ހުރި ތަކެތި އާކައިވްކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއާއެކު އެމިނިސްޓްރީން މިޚިދުމަތް ދެއްވުމުގައި އިތުރަށް ފަސޭހަވެގެންދާނެކަމަށް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ އާބާދީގެ 38 އިންސައްތަ ދިރިއުޅެނީ މާލޭގައެވެ. ދެހާސް ސާދަ ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މީހުން ދިރިއުޅޭ ގޭބިސީތަކުގެ ގޮތުގައި މުޅިރާއްޖޭގައި ފަސްދޮޅަސް އަށްހާސް ދުއިސައްތަ ސާޅީސް ނުވަ ގޭބިސީ ހިމެނެއެވެ. މީގެތެރެއިން މާލޭގެ ގޭބިސީތަކުގައި ގޮތުގައި ސައްބީސް ހާސް ހަތްސަތޭކަ ތިރީސްނުވަ ގޭބިސީ ހިމެނެއެވެ.