ޚަބަރު

މިއަހަރު މަޖިލީހުން 43 ބިލެއްގެ މަސައްކަތް ނިންމާފައިވޭ- މަޖިލިސް


މިއަހަރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށައެޅި 47 ބިލުގެ ތެރެއިން 4 ބިލެއްގެ މަސައްކަތް ފިޔަވައި ހުރިހާ ބިލެއްގެ މަސައްކަތް ނިންމާފައިވާކަމަށް މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ އެންމެފަހު ޖަލްސާ ނިންމަވާލެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

މި އަހަރު ރައްޔިތުންގެ މަޖިލީހުގެ 61 ޖަލްސާއެއް ބާއްވާފައިވާއިރު މިއަހަރުގެ ތިންވަނަ ދައުރުގައި ބާއްވާފައިވަނީ 16 ޖަލްސާއެވެ. ދެވަނަ ދައުރުގައި 17 ޖަލްސާ އަދި ފުރަތަމަ ދައުރުގައި 20 ޖަލްސާ ބާއްވާފައިވެއެވެ.

މިއަހަރު މަޖިލީހުގެ ތަޅުމަށް 47 ބިލެއް ހުށައަޅަފައިވާއިރު 43 ބިލެއްގެ  މަސައްކަތް ވަނީ ނިންމަވާފައެވެ. 4 ބިލެއްގެ މަސައްކަތް ނުނިމި އޮތީ ކޮމިޓީ މަރުހަލާގައެވެ. 3 ޤަރާރު މަޖިލީހުގެ ތަޅުމަށް ހުށައަޅާ މަސައްކަތް ނިންމަވާފައިވާއިރު ސަރުކާރުން ހުށައެޅި 50 މައްސަލައެއްގެ މަސައްކަތް މަޖިލީހުގެ ތަޅުމުން ނިންމަވާފައިވެއެވެ.

ދައުލަތުގެ ވުޒާރާތައް ޖަވާބުދާރިކުރެއްވުމުގެ ގޮތުން ވަޒީރުން މަޖިލީހަށް ހާޒިރުކުރައްވާ އެ ބޭފުޅުންނާއި 52 ސުވާލެއް ކުރިމަތިކުރައްވާފައިވެއެވެ. މީގެއިތުރުން ރިޔާސަތުން ހުށައެޅި 2 މައްސަލައާއި، އެހެނިހެން 4 މައްސަލައެއް ނިންމާފައިވެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދު ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން %98.9 ގެ އުފެއްދުންތެރިކަން ހާޞިލްކުރެވިފައިވާކަމަށެވެ. އަދި މަޖިލީހުގެ ތަޅުމުގައި ކުރެވުނު ރަނގަޅު މަސައްކަތްތަކާއި ނުރަނގަޅު މަސައްކަތްތަކީވެސް މަޖިލީހުގެ މެމްބަރުންގެ މަސައްކަތްކަމަށް މަސީޙު ވިދާޅުވިއެވެ.

2016 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސައްކަތުގެ ނިސްބަތަކީ 97.6 އިންސައްތައެވެ. ރައްޔިތުންގެ މަޖްލީހުގެ ޖަލްސާތައް  އިއްޔެ ނިންމާލެއްވުމަށްްފަހު މަޖިލިސް ވަނީ ދެމަސްދުވަހުގެ ޗުއްޓީއަކަށް ގޮސްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ދެން ފެށޭނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.