ތަރައްްޤީ

ކްލެމެންސީ ބޯޑަށް އުނގޫފާރު ދާއިރާގެ މެމްބަރު ޖަޢުފަރު ދާޢޫދު


މަޢާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރައްވާ މެމްބަރެއްގެ ގޮތުގައި، އުނގޫފާރު ދާއިރާގެ މެމްބަރު ޖަޢުފަރު ދާޢޫދު ހަމަޖައްސަވައިފިއެވެ.

އެ މަޤާމަށް ޖަޢުފަރު އައްޔަންކުރައްވާފައި ވަނީ މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައެވެ. މި ޖަލްސާގައި އޭނާ އެ މަޤާމަށް އައްޔަންކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް 69 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. ޖަޢުފަރު އެ މަޤާމަށް އައްޔަންކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައި ނުވާއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ 6 މެމްބަރަކު ތިއްބެވިއެވެ.

ކްލެމެންސީ ބޯޑަކީ މަޢާފް ދިނުމާ އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ 10ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވަން ޖެހިވަޑައިގަންނަވާ ބޯޑެކެވެ. 11 މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ޤާނޫނީ ދާއިރާގެ ބޭފުޅަކާއި ތަޢުލީމީ ދާއިރާގެ ބޭފުޅަކާއި އިޖްތިމާޢީ ދާއިރާގެ ބޭފުޅަކާއި ޞިއްޙީ ދާއިރާގެ ބޭފުޅަކާއި ދީނީ ޢިލްމުގެ ބޭފުޅެކެވެ. މީގެއިތުރުން މަދަނީ ޖަމްޢިއްޔާގެ ބޭފުޅަކާއި ޕެރޯލް ބޯޑުގެ ބޭފުޅަކާއި ފުލުހުންގެ ބޭފުޅަކާއި ޝަރުއީ ދާއިރާގެ ބޭފުޅެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރައްވާ މެމްބަރެއް އެ ބޯޑުގައި ހިމެނިވަޑައިގަންނަވައެވެ.

ކްލެމެންސީ ބޯޑަށް އުނގޫފާރު ދާއިރާގެ މެމްބަރު ޖަޢުފަރު ދާޢޫދު އައްޔަންކުރައްވާފައި ވަނީ ކުރިން އެ މަޤާމުގައި ހުންނެވި ތުލުސްދޫ ދާއިރާގެ މެމްބަރ މުޙައްމަދު ވަޙީދު އިބްރާޙީމް އެ މަޤާމުން މިދިޔަ ހަފްތާގެ ތެރޭގައި ވަކިކުރެއްވުމަށްފަހުގައެވެ. ވަޙީދު އެ މަޤާމުން ދުރުކުރެއްވީ އޭނާއަށް ހަވާލުކުރައްވާފައިވާ މަޤާމުގެ މަސްއޫލިއްޔަތު އަދާ ނުކުރައްވާ ކަމަށްބުނެއެވެ.

ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރައްވާ މެމްބަރެއްގެ ގޮތުގައި މެމްބަރ ޖައުފަރުގެ ނަންފުޅު މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ، ފޭދޫ ދާއިރާގެ މެމްބަރ އިބްރާޙީމް ދީދީއެވެ. އަދި އެ ނަންފުޅަށް ތާޢީދު ކުރެއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރ އިބްރާޙީމް ފަލާޙްއެވެ.

މަޢާފް ދިނުމާ އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ ކްލެމެންސީ ބޯޑަކީ މަޢާފް ދިނުމަށް އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި ރައީސަށް އިލްތިމާސް ހުށަހެޅުމުން، އެމަނިކުފާނުގެ ފަރާތްޕުޅުން އެ އިލްތިމާސް ދިރާސާކޮށް، އިލްތިމާސާ ގުޅޭގޮތުން ރައީސް އަމަލުކުރައްވަން ފެނިވަޑައިގަންނަވާ ގޮތުގެ ލަފާދިނުމަށް އެކުލަވައިލާފައިވާ ބޯޑެކެވެ.