ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު، އަސީފާ ބުއްޓޫ ޒަރްދާރީއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު އައިވާން-އެ-ސަދްރުގައި، އިއްޔެ ހަވީރުއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރިޔާސީ ގަނޑުވަރަށް ވަޑައިގަތުމުން، އެދެކެނބަލުންނަށް މަރުޙަބާ ވިދާޅުވީ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ އާއި ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޫ ޒަރްދާރީއެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޕާކިސްތާނުގެ ރައީސާއި ފަސްޓް ލޭޑީއާ ބައްދަލުކުރައްވައި، މަޝްވަރާކުރައްވާފައި ވަނީ ވަކިވަކީންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް މަރުޙަބާ ވިދާޅުވަމުން، ޕާކިސްތާނުގެ ފަސްޓް ލޭޑީ ވަނީ ފައިދާހުރި މަޝްވަރާތަކެއް ކުރެއްވުމަށް ފުރުޞަތު ލިބިވަޑައިގަތުމުން އެކަމާ އުފާކުރައްވާކަން ހާމަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދިވެހި ވަފުދަށް އަދާކުރެއްވި ހޫނު މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޢާންމު ޞިއްޙަތުގެ ދާއިރާއިން، ޚާއްސަކޮށް އަންހެނުންގެ ސިއްޙަތަށް ހޭލުންތެރިކުރުމަށް އަސީފާ ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްޕުޅުތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ތަޢުރީފު ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ޕާކިސްތާނުގެ ފަސްޓް ލޭޑީގެ މަޝްވަރާތައް ބިނާކުރެއްވީ، ތަޢުލީމު ކުރިއެރުވުމާއި، ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމާއި، މުޖުތަމަޢުގެ ދުޅަހެޔޮކަން ފަދަ މުހިންމު އިޖުތިމާޢީ ކަންކަމުގެ މައްޗަށެވެ. އެގޮތުން، ގައިންގަޔަށް ނާރާ ބަލިތަކާއި، ދުޅަހެޔޮ ދިރިއުޅުމެއް ޕްރޮމޯޓްކުރުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ޞިއްޙީ ރައްކާތެރިކަމުގެ އިސްނެގުންތަކުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން، އަންހެނުންނާއި އަންހެން ކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމާއި ބާރުވެރިކުރުވުމުގައި އަދާކުރައްވާ މުހިންމު ދައުރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ތަޢުލީމާއި އިޤްތިޞާދީ ބައިވެރިވުމާއި، އިޖުތިމާޢީ ރައްކާތެރިކަމަށް ހުރި ހުރަސްތައް ނައްތާލުމާއި، އަންހެނުން އިސް ސަފުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށް މިބައްދަލުވުމުގައި އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދެ ޤައުމުގެ ގުޅިފައިވާ އަމާޒުތަކުގައާއި ނާޒުކު މުޖުތަމަޢުތައް
ކުރިއެރުވުމަށް ގާތުން މަސައްކަތްކުރެއްވުމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަމާއެކުގައެވެ.