ފާރިސީ ކަނޑުއޮޅީގެ އުތުރުގައި "ހުއްދަނޫން މަގުތަކުން" ދަތުރުކޮށް، އެއް އުޅަނދުން އަނެއް އުޅަނދަށް ނުޤަވާޢިދުން ތެޔޮ ބަރުކުރަމުންދިޔަ ހަތަރު އުޅަނދަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާނެ ކަމުގައި އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ބުނެފިއެވެ. އޮކްޓޫބަރު 21 ގައި މި އުޅަނދުފަހަރަށް ފާރަލުމަށްފަހު އެއްފަހަރާ ދިން މި ހަމަލާތަކާ ގުޅިގެން "އުޅަނދުފަހަރުގައި އަދިވެސް ދަނީ އަލިފާން ރޯވެ އަނދަމުން" ކަމުގައި އެ ލަޝްކަރުން ބަޔާންކުރިއެވެ. މީގެއިތުރުން، ހުރްމުޒް ކަނޑުއޮޅީގެ ހުޅަނގުގައި އަޅާފައިވާ މައިންތަކުގައި ޖެހި، އިތުރު ތިން އުޅަނދެއް ގޮވާފައިވާ ކަމުގައި ވެސް އައިއާރްޖީސީން ބުންޏެވެ.
"މައިން އަޅާފައިވާ ކަނޑުގެ ސަރަހައްދުތައް ހުރަސްކުރުމަށް" އެމެރިކާއިން އުޅަނދުފަހަރަށް ހިތްވަރުދެމުންދާ ކަމަށާއި، "ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް އިތުރު ވަނީ" މި ސަބަބާ ހުރެ ކަމުގައި އައިއާރްޖީސީން ބުންޏެވެ. އެމެރިކާގެ އަސްކަރިއްޔާއިން މި ފަދަ ޢުދުވާނީ ޢަމަލުތައް މެދުނުކެނޑި ކުރިއަށްގެންދާނަމަ، އީރާނުގެ ރައްދު އިތުރަށް ފުޅާވާނެ ކަމުގައި ބުނެ، އައިއާރްޖީސީން ވަނީ އެމެރިކާއަށް އިންޒާރުދީފައެވެ. އަދި، އޭގެ ނަތީޖާއެއްގެ ގޮތުން އީރާނުގެ ރައްދު "ސަރަހައްދުގައި [ގަލްފުގެ ޤައުމުތަކުގައި] ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވެސް އަމާޒުވާނެ" ކަމުގައި ބުނެ އައިއާރްޖީސީން އިންޒާރުދިނެވެ.
މި ހަމަނުޖެހުންތައް އެންމެ ފުރަތަމަ ފެށިގެން އައީ ފެބުރުވަރީ 28 ގައި އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ޣައިރުޤާނޫނީ ހަނގުރާމައެއް ފެށުމާ ގުޅިގެންނެވެ. އޭގެ ރައްދުގައި އީރާނުން ޔަހޫދީންގެ އަމާޒުތަކަށާއި ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިން ނަމަވެސް، އެޕްރީލު މަހު ވަނީ ހަނގުރާމަ ހުއްޓުމަކަށް އައިސްފައެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި ޖޫން މަހުގެ މެދުތެރޭގައި ފަހުމުނާމާއެއްގައި ސޮއިކުރި ނަމަވެސް މަޝްވަރާތައް ހުއްޓުމަކަށް އައުމުން، ޖުލައި 8 ގައި އެމެރިކާއިން ވަނީ އީރާނަށް އަލުން ހަމަލާދޭން ފަށާފައެވެ. މި ހަމަލާތަކާ ގުޅިގެން ޖުލައި 12 ގައި އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅި އަލުން ބަންދުކޮށްފައެވެ.