މަޝްރޫއުތައް ނިންމުމަށް 58 މިލިޔަން ރުފިޔާ ބޭނުންވާނެކަމަށް ލަފާކުރެވޭކަމަށް ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މަޝްރޫއުތައް ނިންމުމަށް ބޭނުންވާނެ ބަޖެޓާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.
މެންބަރު ޝަމްހީދު ވަނީ، ހައުސިން މިނިސްޓްރީގެ ދަށުން ފަށާފައިވާ މަޝްރޫއުތައް ނިންމުމަށް ބޭނުންވާނެ ކަމަށް ލަފާކުރެވޭ ޖުމްލަ ބަޖެޓަކީ ކޮބައިތޯ އަދި މި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ ކިހާ މިންވަރެއްގެ ފައިސާއެއްތޯ ސުވާލު ކުރައްވާފައެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، މަޝްރޫއުތައް ނިންމުމަށް 58 މިލިޔަން ރުފިޔާގެ ބަޖެޓެއް ބޭނުންވާނެ ކަމަށެވެ. މި އަހަރުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، ޕްރޮގްރާމް ބަޖެޓުގެ ގޮތުގައިކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
"މަޝްރޫއުތައް ނިންމުމަށްޓަކައި ބޭނުންވާނެކަމަށް ލަފާކުރެވޭ ބަޖެޓު 58،831،473،267 ރުފިޔާ. 2026ވަނަ އަހަރުގެ މަޝްރޫއުގައި ހިންގުމަށް ހަމަޖައްސާފައިވަނީ ޕްރޮގްރާމް ބަޖެޓެއް. މިގޮތުން މަޝްރޫއުތައް ހިންގުމަށް ރާވާފައިވާ ޕްލޭނާއި އެއްގޮތަށް މަޝްރޫއުތަކަށް ބަޖެޓް ހަމަޖައްސަވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސްއިން. 2026ވަނަ އަހަރުގެ ބަޖެޓުގައި ވަކި މަޝްރޫއުތަކަށް ވަކި މިންވަރެއް ކަނޑައެޅިފައެއްނުވޭ." ވަޒީރު ވިދާޅުވިއެވެ.
މަޖިލީހުގައި ވަޒީރު މުއްތަލިބު ވަނީ، މިވަގުތު ރާއްޖޭގެ އެކި ސަރަހައްދުގައި 5 އެއާޕޯޓެއްގެ މަސައްކަތްވެސް ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ. އަދި މި މަޝްރޫއުތައް ނިންމުމަށް ކަނޑައެޅިފައިވާ ބަޖެޓަށްވުރެ އިތުރަށް ބޭނުންވާނެކަމަށް ލަފާނުކުރެވޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.