މިދިޔަ ހަފުތާގައި ސްކޭމްގެ 38 މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށް ފުލުހުންގެ އިދާރާއިން ހާމަކުރައްވައިފިއެވެ.
މި މަހުގެ 11 އިން 17ގެ ނިޔަލަށް ރިޕޯޓުކޮށްފައިވާ ސްކޭމްގެ މައްސަލަތަކާއި، ސްކޭމްއާއި ގުޅުންހުރި އިތުރު ބައެއް ތަފާސްހިސާބުތައް ފުލުހުން ވަނީ ހާމަކޮށްފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މުއްދަތުގައި ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ އަދަދު 387،881 ރުފިޔާއަށް އަރައެވެ. އަދި މި މުއްދަތުގައި އަނބުރާ ހޯދުނު ފައިސާގެ އަދަދު 208،708 ރުފިޔާއަށް އަރައެވެ. މިފަދަ ސްކޭމްގެ މައްސަލަތައް ހިނަގުމަށް ބޭނުންކުރި މަަންސަތަކު ތެރޭގައި، އޮންލައިން މެސެޖިންގ އެޕްތައް، އައިބޭ، ޓިކްޓޮކް، ފޯނުކޯލު، ފިޝިން ލިންކް އަދި ފޭސްބުކް މާކެޓްޕްލެސް ހިމެނެއެވެ.
ފުލުހުން ހާމަކުރި ސްކޭމްގެ ބާވަތްތަކަށް ބަލާއިރު އީ-ކޮމާރސްގެ 16 މައްސަލަ، ފައިސާ މާރުކުރުމުގެ 10 މައްސަލަ، ބުކިންގ ކެންސެލޭޝަން އަދި ރިފަންޑް ސްކޭމްގެ 5 މައްސަލަ، އިންވެސްޓްްމެންޓްގެ 2 މައްސަލަ އަދި އެހެނިހެން ބާވަތްތަކުގެ 5 މައްސަލަ ހިމެނެއެވެ. މިފަދަ ސްކޭމްގެ މައްސަލަތައް މަދުކުރުމަށް ފުލުހުން އަންނަނީ ގިނަ މަސަކަތްތަކެއް ކުރަމުންނެވެ.
ސްކޭމް ތަކުން ރައްކާތެރިވެ ތިބުމަށް އޮންލައިންކޮށް ވިޔަފާރިކުރާއިރު، މުދާ ވިއްކާ ފަރާތުގެ ޕްރޮފައިލާއި ޕޭޖަށް ދީފައިވާ ރިވިއުތައް ރަނގަޅަށް ޗެކުކުރުމަށާއި މުދަލުގެ އަގު ބާޒާރުގެ އަގަށްވުރެ ހެޔޮނަމަ އެފަަދަ ހުށަހެޅުންތަކަށް އިތުރަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރެއެވެ.