ހޮނިހިރުދުވަހު ރެކޯޑް އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިދިޔަ ހޮނިހިރު ދުވަހު ރާއްޖެއަށް 8,621 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ ފެބުރުވަރީ މަހުގެ ފަހުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ދުވަހުއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ވަނީ ދަށްވެފައެވެ. މިއަހަރު ފެށިގެން އައީ އުއްމީދީ ނަމްބަރުތަކަކާއެކުއެވެ. އެގޮތުން މިއަހަރުގެ ފެބުރުވަރީ އަދި ޖަނަވަރީ މަހު ރާއްޖެއަށް ވަނީ ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން ޖަނަވަރީމަހު 224,788 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ ފެބުރުވަރީ މަހު ރާއްޖެ އައިސްފައިވަނީ 247،722 ފަތުރުވެރިންނެވެ.
ފަތުރުވެރިން އަންނަ އަދަދުތައް މިހާރު އިތުރުވާން ފަށާފައިވާއިރު، މިފަހުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިމިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް 8,621 ފަތުރުވެރިން އައިސްފައިވާއިރު، އެންމެ ފަހުން ރާއްޖެއަށް އެ ދުވަހެއްގެތެރޭ 8،000އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިދިޔަ ފެބުރުވަރީ މަހުގެތެރޭގައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ މިހާތަނަށް ރާއްޖެއަށް ވަނީ 100,148 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 99,628 ފަތުރުވެރިންނާ އަޅާ ބަލާއިރު %0.5 އިތުރު އަދަދެކެވެ.
ފަތުރުވެރިންގެ ޖުމްލަ އަދަދަށް ބަލާއިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.70 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 1.75 މިލިޔަން ފަތުރުވެރިންނެވެ.