ތިލަފުށީގައި ޤާއިމްކުރާ އިންސިނަރޭޓަރގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރެެއަށް ނިންމާ ބޭނުންކުރަން ފެށޭނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމްއާ ގުޅިގެން ކުރިއަށްގެންދާ 'އަހާ' ފޯރަމްގައި ވާހަކަދައްކަވަމުންނެއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް ވިދާޅުވީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފައިބަރުގެ މަސައްކަތް ކުރާ އެއްތަނަކީ ތިލަފުށިކަމަށެވެ. އެގޮތުން ވަކި ގޮތަކަށް ނައްތާލަންޖެހޭ އެއްޗަކަށް ވުމާއެކު އެހެން ރަށްތަކުންވެސް ފައިބަރ ތިލަފުއްޓައް ގެންނަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު އަލީ ޝަރީފް ވިދާޅުވީ ތިލަފުށީގައި އެތަކެތި މެނޭޖް ކުރެވޭނެ ގޮތްތަކަށް އެ މަސައްކަތްތައް ކުރެވެމުންދާކަމަށެވެ.
ވަޒީރު ވިދާޅުވީ އިންސިނަރޭޓަރގެ މަސައްކަތް ހުއްޓިފައި ހުރުމަށްފަހު މިހާރު މަސައްކަތް ފެށުމައް ތައްޔާރުވަމުންދާކަމަށެވެ. އެގޮތުން ވަރަށް އަވަހަށް އެ މަސައްކަތް އަލުން ފެށިގެންދާނެކަމަށް ވިދާޅުވިއެވެ. ޕްލޭންއަކީ 2028 ވަނަ އަހަރުގެ މެދުތެރެއަށް މި މަސައްކަތް ނިންމާ ބޭނުންކުރަން ފެށުންކަމަށް ވަޒީރު ވިދާޅުވިއެވެ. މި އިންސިނަރޭޓަރގެ މަަސައްކަތް ނިމި ބޭނުންކުރަން ފެށުމުން ގިނަ ވަމުންދާ ފައިބާރއަށް ހައްލު ލިބިގެންދާނެކަމަށެވެ.
"ދުވަސްތަކެއް ވަންދެން ހުއްޓިފައި ހުރުމަށްފަހު، މިހާރު އަނެއްކާ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ. އެއާއެކު ގިނަ ވަމުންދާ ފައިބަރައަށް ބޮޑު ހައްލެއް ލިބިގެންދާނެ. ޕްލޭންއަކީ 2028 ވަނަ އަހަރުވެ މެދުތެރޭގައި ބޭނުންކުރަން ފެށުން. މިހާރު ނިމިފައިވަނީ 40 އިންސައްތަ. ކޮންޓްރެކްޓަރުގެ މައްސަލަ އާއި މަސައްކަތް ހުއްޓިފައި ހުރުމަށް ފަހު މިހާރު އައު ކޮންޓްރެކްޓަރާއި އެކު މަސައްކަތް ދަނީ ކުރަމުން" ވަޒީރު ވިދާޅުވިއެވެ.
ތިލަފުށީގައި ގާއިމުކުރާ ވޭސްޓް ޓު އެނަރޖީ ޕްލާންޓުގެ މަސައްކަތްވެސް 2028ގެ ނިޔަލަށް ނިންމައި ބޭނުން ކުރަން ފެށުމައް ދަނީ ތައްޔާރުވަމުންނެއެވެ. މި ޕްލާންޓަކީ 13 މެގަވޮޓުގެ ކަރަންޓު އުފެއްދޭ ޕްލާންޓެކެވެ. އެއީ، ދުވާލެއްގެ މައްޗަށް 500 ޓަނުގެ ކުނި އެންދުމުގެ ޤާބިލުކަން ލިބިފައިވާ ޕްލާންޓެކެވެ.
މިޕްލާންޓް ބޭނުންކުރަން ފަށާތާ 2 އަހަރު ތެރޭގައި ރާއްޖެއިން ޖައްވަށް ބޭރުކުރާ ކާބަންޑައިއޮކްސައިޑުގެ ތެރެއިން 40،000 މެޓްރިކް ޓަނުގެ ކާބަންޑައިއޮކްސައިޑް ބޭރުކުރުން ހުއްޓުވޭނެ ކަމަށް އެވުޒާރާއިން ވިދާޅުވިއެވެ. ހަމައެއާއެކު ގްރިޑަށް ފީޑްކުރާ 10 މެގަވޮޓާއެކު ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ހޭދަ ގާތްގަނޑަކަށް 2 މިލިޔަންވަރު މަދުކުރެވޭނެ ކަމަށްވެސް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.