ރ. އަތޮޅު އުނގޫފާރަކީ އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. ރަށުގެ އާބާދީއަކީ 1900 ނަމަވެސް، ދިރިއުޅޭ އާބާދީ 2500އިން މަތިކަމަށް އަންދާޒާކުރެވެއެވެ.
ތަޢުލީމާ ސިއްޙީ ޚިދުމަތަށް އެރަށުގައި އެތަށް އާއިލާއެއް ހިޖުރަކޮށް ދިރިއުޅެއެވެ. އުނގޫދާރަކީ ސަރުކާރުން އަރބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްޤީކުރަން ނިންމާފައިވާ ސަރަޙައްދަކުގެ ތެރެއިން އުތުރުގެ އެއް ރަށެވެ.
އުނގޫފާރަށް މުހިންމު ގިނަ މަޝްރޫޢުތަކެއް ސަރުކާރުން ކަނޑައަޅާފައިވެއެވެ. އޭގެތެރެއިން ބައެއް މަޝްރޫޢުތައް މިހާރުވެސް ދަނީ ކުރިއަށެވެ.
ރަށުގައި މިވަގުތު ކުރިއަށްދާ އެންމެ ބޮޑު އެއް މަސައްކަތަކީ ފީފާ ފެންވަރުގެ ސްޓޭޑިއަމެއް ތަރައްޤީކުރުމުގެ މަސައްކަތެވެ. މިއީ ރަށުގައި އަދި ސަރަޙައްދީ ފެންވަރުގައިވެސް ކުޅިވަރު ހަރަކަތްތައް ހިންގޭގޮތަށް ތަރައްޤީކުރާ ދަނޑެކެވެ.
ރަށުގެ ސްކޫލަށް 8 ކްލާސްރޫމް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އިތުރު 8 ކްލާސްރޫމް ތަރައްޤީކުރުމަށްވެސް ހަމަޖެހިފަވެއެވެ. އެ މަސައްކަތްވެސް ބާރަށް ކުރިއަށްދެއެވެ.
އުނގޫފާރަކީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އުގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު މީގެ ތެރޭގައި ހިމެނެއެވެ. މީގެ އެކި މަރުޚަލާތައް ހިމެނޭއިރު، އެމްއާރްއައިއާއި ހިތުގެ ފަރުވާއާއި ތެރަޕީގެ އެކި ޚިދުމަތްތައްވެސް މިހާރު އެ ހޮސްޕިޓަލްއިން ލިބެއެވެ.
ހޮސްޕިޓަލުގެ ޖާގަ އިތުރުކުރުމަށް އަޅާ އައު އިމާރާތުގެ މަސައްކަތް ކުރުމަށް މިހާރު ވަނީ ބަޔަކާ ހަވާލުކޮށް ސައިޓް މޮބިލައިޒްކުރުމުގެ މަސައްކަތް ފަށާފައެވެ. އެ ހޮސްޕިޓަލުން އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް 250-300 މީހުން ޚިދުމަތް ހޯދައެވެ.
އުނގޫފާރުގައި 500 ހައުސިން ޔުނިޓް ތަރައްޤީކުރުމަށްވެސް ސަރުކާރުން ހިމަނާފައިވެއެވެ. ރަށުގެ ހިއްކި ސަރަޙައްދުން އެކަމަށް ބޭނުންވާ ބިން ވަނީ ކަނޑައަޅާފައެވެ. 2024ވަނަ އަހަރު އެރަށުން 13 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. މިހާރު ކުރިއަށްދަނީ ހިއްކި ސަރަޙައްދުގައި ހިލަ ޖެހުމުގެ މަސައްކަތެވެ.
ރަށުގެ ބަނދަރަށް 500 ފޫޓުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ރަށުގެ ބަނދަރުގައި ފެރީ ޓަރމިނަލެއް ތަރައްޤީކުރުމުގެ މަސައްކަތް މިވަގުތުވެސް ކުރިއަށްދެއެވެ.
އިތުރު މަޝްރޫޢުތަކުގެ ތެރޭގައި ރަށުގެ ކުނި ކޮށީގެ މަސައްކަތާއި ރަށުގައި ސްޕޯޓް ކޮމްޕްލެކްސް ތަރައްޤީކުރުން އަދި އިތުރު ކުޅިވަރު ފެސިލިޓީތައް ތަރައްޤީކުރުން ހިމެނެއެވެ.
މީގެ އިތުރުން ބޭންކްގެ ޚިދުމަތް ފުޅާކުރުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީގެ އޭޓިއެމް ޚިދުމަތާއެކު ބްރާންޗެއް ވަނީ ޤާއިމުކޮށްފައެވެ. އަދި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ޑޮލަރު އޭޓީއެމް މެޝިންވެސް މިހާރު ބަހައްޓާ ޚިދުމަތް ދަނީ ދެމުންނެވެ.