މިޞްރުގައި މިިހާރު ހިނގަމުންދާ ރިޔާސީ ދައުރު 2030 ގައި ނިމުމަކަށް އަންނާނެ ކަމަށާއި، ޤާނޫނުއަސާސީއަށް ދެން އިތުރު ބަދަލެއް ނުގެންނަވާނެ ކަމުގައި އެ ޤައުމުގެ ރައީސް ޢަބްދުލް ފައްތާޙް އަލް-ސީސީ ހާމަކުރައްވައިފިއެވެ. މިލިޓަރީ އެކެޑަމީގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ސީސީ ވިދާޅުވީ، ދައުރު ނިމުމަކީ "މުޅިން ނިމިފައިވާ، އަދި ބަހުސް ނުކުރެވޭނެ ކަމެއް" ކަމުގައެވެ. މީގެ އިތުރުން، ކުރިމަގުގެ ޒަޢީމުން ތަމްރީނު ކުރުމަށް ޓަކައި އެކެޑަމީ މެދުވެރިކޮށް 30 މަސްދުވަހުގެ ޚާއްޞަ ޕުރޮގުރާމެއް ހިންގުމުގެ ޕްލޭނެއް ސީސީ ވަނީ އިޢުލާނު ކުރައްވާފައެވެ.
މި ހުށަހެޅުމާއެކު ލީޑަރުން ތައްޔާރުކުރުމުގެ މައި ދައުރު މިލިޓަރީ އެކެޑަމީއަށް ލިބިގެންދާއިރު، މިއީ ޤައުމީ ދިފާޢުގެ ބޭރުން އަސްކަރިއްޔާގެ ނުފޫޒު ފުޅާވަމުންދާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމުގައި މަސްރަޙުގެ ދާރިސުން ވިދާޅުވެއެވެ. އިޤުތިޞާދީ އަދި މަދަނީ ކަންކަމުގައި އަސްކަރިއްޔާގެ ދައުރު ފުޅާކުރައްވާފައިވާ ސީސީ ވިދާޅުވީ، "ޒިންމާ އުފުލުމުގެ ޤާބިލުކަން ލިބިފައިވާ ފިރިހެން އަދި އަންހެން ދަރިންނާ ދައުލަތް ޙަވާލުކުރެވެންދެން އަޅުގަނޑު މި ޤައުމު ދުލެއް ނުކުރާނަން" ކަމުގައެވެ. މި ޕުރޮގުރާމަކީ މިޞްރާއި ބޭރުގެ މަޤުބޫލު ޔުނިވަރސިޓީތަކުން ޕީއެޗްޑީ ހާސިލުކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގޭނެ ތަމްރީނެކެވެ.
މި ތަމްރީނުގައި ބައިވެރިންނަށް ދައުލަތާއި، ވަސީލަތްތައް ރައްކާތެރިކުރުމުގެ މަޢުލޫމާތު އުނގަންނައިދޭނެ ކަމަށާއި، އެއީ ރިޔާސަތުން ފެށިގެން ވުޒާރާތަކާއި، ޤާނޫނުހަދާ މަޖިލީހާއި އަދި ގަވަރުނަރުކަމުގެ މަޤާމުތަކަށް މީހުން ބިނާކުރުމަށް ކަމުގައި ސީސީ ވިދާޅުވިއެވެ. މި ޕުރޮގުރާމުގެ ބައިވެރިން ހޮވުމުގެ މިންގަނޑުތަކާއި ޤާނޫނު އެކުލަވައިލާނީ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ބައްލަވާ ކޮމިޓީއަކުންނެވެ. އެ ކޮމިޓީގައި ސިޔާސީ ބޭފުޅުންނާއި، ދާރިސުންގެ އިތުރުން މަތީ ތަޢުލީމާއި ޢަދުލުއިންޞާފާ ބެހޭ ވަޒީރުން ހިމެނިވަޑައިގަންނަވާނެއެވެ. ސީސީ ވިދާޅުވީ، ދަސްވެނިންގެ ތެރެއިން މީހުން އިންތިޚާބުކޮށް ހޮވުމުގެ ފުރުޞަތު ރައްޔިތުންނަށް އޮންނާނެ ކަމުގައެވެ. ނަމަވެސް، މަޤާމުތަކަށް އެ މީހުން ކުރިމަތިލާނެ ގޮތުގެ ތަފުޞީލެއް އޭނާ ނުދެއްވައެވެ.
އަސްކަރިއްޔާގެ ކުރީގެ ޖެނެރަލެއް ކަމުގައިވާ ސީސީ ވެރިކަމަށް ވަޑައިގެންނެވީ މިޞްރުގައި ޑިމޮކްރެޓިކް އުޞޫލުން އިންތިޚާބުވި ފުރަތަމަ ރައީސް މުޙައްމަދު މުރްސީގެ ވެރިކަން 2013 ގައި ވައްޓާލުމަށް ފަހު، 2014 ގައެވެ. އޭގެ ފަހުން މުސްލިމް ބްރަދަަރހުޑް ބަލިކަށިކޮށް، ސީސީ ވަނީ ވެރިކަމުގެ ބާރުތައް ހިފަހައްޓަވާފައެވެ. އަދި 2019 ގެ ޢާންމު ވޯޓަކުން ރިޔާސީ ދައުރު ހަ އަހަރަށް ބަދަލުކޮށް، ތިންވަނަ ދައުރެއްގެ މަގު ފަހިކުރެއްވިއެވެ. އުމުރުފުޅުން 71 އަހަރުގެ ސީސީ މިހާރު ފުރުއްވަމުން ގެންދަވަނީ 2023 ގައި އަލުން އިންތިޚާބުވެވަޑައިގެންނެވި ހަ އަހަރުގެ ދައުރެކެވެ.