ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރި ހޯދާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ލީގު ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ. މާޒިޔާ މިމެޗު ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.
މި މެޗަށް މާޒިޔާ ނުކުތްއިރު އެންމެ ފަހުން ކުޅުނު ދެ މެޗުން އެ ޓީމަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ނަމަވެސް، މި މެޗުން ހޯދި މޮޅާއެކު މާޒިޔާއަށް ވަނީ ލީގުގައި ކުޅުނު 4 މެޗުން ޖުމްލަ 7 ޕޮއިންޓް ހަމަކޮށް، ވަގުތީ ގޮތުން ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި މާޒިޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލީޑު ނަގައިދިނީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ. މި ލަނޑަކީ ލޫތު ތިރިތިރިން ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
މާޒިޔާއިން ލީޑު ފުޅާކުރީ މެޗުގެ ދެވަނަ ހާފުގައެވެ. އެ ޓީމުގެ ދެވަނަ ލަނޑަކީ އައިސަމް ނަގައިދިން ކޯނަރަކުން ޑިފެންޑަރު ނެމަންޏާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މާޒިޔާގެ ތިންވަނަ ލަނޑަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މިޑްފީލްޑަރު ނިކޮލާ ނަގައިދިން ހުރަހަކުން، ބަދަލަކަށް ނިކުތް ފޯވާޑް ކުކޫ ކާމިޔާބުކުރި ހިތްގައިމު ގޯލުންނެވެ.
މި މެޗުން ބަލިވި ޓީސީ ސްޕޯޓްސް ކްލަބަށް މިހާތަނަށް ލީގުގައި އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. އެ ޓީމު މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބުނު 3 ޕޮއިންޓާއެކު މިވަގުތު އޮތީ ލީގު ތާވަލުގެ 9 ވަނައިގައެވެ.