ޚަބަރު

އައްޑޫ މީދޫގައި "ދަނޑުވެރިންގެ މާރުކޭޓު" ހުޅުވައިފި


  • މާރުކޭޓުގެ ހުޅުވައިދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް

އައްޑޫ މީދޫގައި ދަނޑުވެރިންގެ މާރުކޭޓުގެ ނަމުގައި ހާއްސަ މާރުކޭޓެއް ހުޅުވައިފިއެވެ.

މާރުކޭޓުގެ ހުޅުވައިދެއްވީ މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް މީދޫ ކައުންސިލުން ކުރިއަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެ ރަށަށް ވަޑައިގެން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.

މީދޫ ކައުންސިލުން އިސްނަގައިގެން ތަޢާރަފުކުރި މި މާރުކޭޓަކީ، އެ ރަށުގެ ދަނޑުވެރިންނާއި ޢާންމު ރައްޔިތުންގެ އުފެއްދުންތައް ފަސޭހަކަމާއެކު ވިއްކޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައި ޤާއިމުކުރި ތަނެކެވެ. ކައުންސިލުން ނިންމާފައިވަނީ ކޮންމެ ހަފުތާއެއްގެ ބަންދު ދުވަސްތަކުގައި މި މާރުކޭޓުގެ ޚިދުމަތް ކުރިއަށް ގެންދިއުމަށެވެ.

މާރުކޭޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މީދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞާޘިރު ވިދާޅުވީ، ރަށުގެ ދަނޑުވެރިންގެ ކުރިއެރުމަށާއި ބޭނުންތައް ފުއްދައިދިނުމަށް ކައުންސިލުން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އަލަށް ހުޅުވުނު މި މާރުކޭޓުގެ ސަބަބުން ތަރުކާރީއާއި މޭވާގެ އިތުރުން، ގޭގޭގައި ހައްދާ ގަސްގަހާގެއްސާއި އަމިއްލަ އުފެއްދުންތައް ކަމުގައިވާ ތަފާތު ކާބޯތަކެތި ވިއްކުމުގެ ފުރުސަތުވެސް ފަހިވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މީގެ ފަހުން ކޮންމެ ހަފުތާ ބަންދެއްގައި ވީކެންޑް މާކެޓްގެ ނަމުގައި މި ޙަރަކާތް ކުރިއަށްދާނެ. ގޭގައި ހައްދާ ގަހާއި، ތައްޔާރުކުރާ ކާބޯތަކެތި ވިއްކުމުގެ ފުރުސަތު މިތަނުން ލިބޭނެ. ކައުންސިލްގެ އަބަދުވެސް އަމާޒަކީ ރައްޔިތުންނަށް އިޤްތިޞާދީ ގޮތުން ފަހި ފުރުޞަތުތަކެއް ހޯދައިދިނުން،" ސާޘިރު ވިދާޅުވިއެވެ.

މި މާރުކޭޓުގައި ބައިވެރިވި ދަނޑުވެރިން ވަނީ، އުފެއްދުންތައް މާކެޓްކޮށް ވިއްކުމަށް މިފަދަ ފުރުޞަތެއް ލިބިގެންދިއުމަކީ އެ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ލުޔެއްކަން ފާހަގަކޮށް، މި އިންތިޒާމާމެދު ހިތްހަމަޖެހުން ފާޅުކޮށްފައެވެ.

ދަނޑުވެރިންގެ އުފެއްދުންތަކަށް އެކަށީގެންވާ އަގާއި ފަހި މާކެޓެއް ހޯދައިދިނުމަށް ސަރުކާރުންވެސް ޚާއްޞަ އިސްކަމެއް ދީގެން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ނިސްބަތުން ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ މީދޫގައި މިފަދަ މާރުކޭޓެއް ޤާއިމުކުރެވިގެން ދިއުމަކީ، ރަށުގެ އިޤްތިޞާދަށް އިތުރު ދިރުމެއް ލިބި، ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެގެންދާނެ ކަމެއް ކަމަށް ކައުންސިލުން ދެކެއެވެ.