ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިއުރޭޑިއަންޓު ސްޕޯޓްސް ކުލަބާ ދެކޮޅަށް އޮޑި ސްޕޯޓްސް ކުލަބުން ބުރާސްފަތި ދުވަހުގެރޭ ކުޅޭ މެޗަކީ އެޓީމުގެ ކޯޗުކަމާ މިފަހުން ހަވާލުވި އާޖެންޓީނާގެ ޔުއެފާ ޕްރޯ ލައިސަންސް ކޯޗު ލޫސިއާނޯ ތެއިލާއަށް ކުރިމަތިވާނެ ފުރަތަމަ ބޮޑު ޗެލެންޖުކަމަށް އޭނާ ބުނެފިއެވެ.
މީގެ އަހަރުތަކެއް ކުރިން ވިކްޓްރީ ސްޕޯޓްސް ކުލަބުން ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދިޔަ ލޫސިއާނޯ، ކޯޗެއްގެ ގޮތުގައި އެނބުރި ރާއްޖެ އައިސް އޮޑި ސްޕޯޓްސް ކުލަބާ ހަވާލުވީ މިދިޔަ މަހުގެ ފަހުކޮޅުއެވެ.
އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި އޮޑިން ވަނީ ގައްދޫ ރެކްރިއޭޝަން ކުލަބާ ދެކޮޅަށް ކުޅެ 0-4 ގެ ފަރަގު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.
އެހެންނަމަވެސް ގައްދޫ އަކީ އަލަށް ދިވެހި ލީގުގައި، މި ސީޒަނުގައި ކުޅެމުން އަންނަ ކުލަބަކަށް ވެފައި އަދި މި ސީޒަނުގައި މިހާތަނަށް ގައްދޫއަށް މޮޅެއް ހޯދިފައި ނުވާތީއާއިއެކު، އޮޑީގެ ފެންވަރަށް ބަލައި ގައްދޫ މެޗަކީ ލޫސިއާނޯގެ ފެންވަރު، ކޯޗެއްގެ ގޮތުގައި ވަޒަންކޮށްލެވޭނެ މެޗަކަށް ނުވިއެވެ.
އެހެންކަމުން، ލޫސިއާނޯއަށް ހަގީގީ ފުރަތަމަ ޗެލެންޖަކީ ނިއު މެޗުތޯ އަހައި "ޕީއެސްއެމް ނިއުސް" އިން ކުރި ސުވާލަށް ޖަވާބުދެމުން ލޫސިއާނޯ ބުނީ، ފުރަތަމަ ބޮޑު ޗެލެންޖަކީ ނިއު މެޗު ކަމަށާއި މި މެޗަކީ ތަފާތު، އުނދަގޫ މެޗަކަށްވާނެ ކަމަށެވެ.
"ޔެސް. (މިއީ ފުރަތަމަ ބޮޑު ޗެލެންޖަކަށްވާނެ މެޗަކީ). ވަރަށް ތަފާތު މެޗަކަށް މި މެޗު ވާނެ. ނިއުރޭޑިއަންޓަކީ ބޮޑު ޓީމެއް. ވަރަށް ރަނގަޅު ކޯޗެއް އެބަހުރި އެޓީމުގައި. ވަރަށް ހައި ކޮލިޓީގެ ކުޅުންތެރިންނާ. އެކަމަކު އަހަރުމެން މަސައްކަތްކުރާނީ އަހަރުމެންގެ ސްޓައިލްގައި ކުޅެވޭތޯ. އަހަންނަށް ކަމުދަނީ އޮފެންސިވް ފުޓުބޯޅައެއް. އަހަންނަށް ކަމުދަނީ ކުރިއަށް ޖެހިގެން ކުޅޭ ގޭމެއް. އެކަމަކު މި މެޗުގައި ބޭނުންވާ ނަތީޖާ ނެރެވޭނީ 100 އިންސައްތަ ކޮންމެ ކުޅުންތެރިއަކު ވެސް ދީގެން". ކޯޗު ލޫސިއާނޯ ބުންޏެވެ.
ލީގުގައި ބުރާސްފަތި ދިވަހުގެރޭ އޮޑިން ނިއުއާ ދެކޮޅަށް ނުކުންނައިރު ލީގުގައި މިހާތަނަށް މި ދެ ޓީމުން ވެސް ތިން މެޗު ކުޅެފައިވެއެވެ. އޮޑިން މަނީ މީގެ ތެރެއިން ދެ މެޗުން މޮޅުވެފައެވެ. އަނެއް މެޗުންވީ ބައްޔެވެ. އެއީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ތިން މެޗުން ހަ ޕޮއިންޓާއެކު އޮޑި މިވަގުތު އޮތީ ލީގު ތާވަލުގެ ހަތަރުވަނައިގައެވެ.
ނިއުރޭޑިއަންޓުން ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެފައިވާއިރު އެއްމެޗުން ވީ އެއްވަރެވެ. އެއީ ރަށުން ބޭރުގައި، ދިއްދޫގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ނިިއު އޮތީ ހަތް ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ.