ޚަބަރު

ބާޒާރުގައި 5 ރުފިޔާގެ ނޫޓު މަދުވުމުން އައު ސްޓޮކް ގެނެސްފި


  • މިއީ ރަން ދިހަފަހެއް ސީރީޒް ނެރުނު ފަހުން 5 ރުފިޔާގެ އައު ސްޓޮކެއް ގެނައި ފުރަތަމަ ފަހަރު

ބާޒާރުގައި 5 ރުފިޔާގެ ނޫޓު މަދުވުމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އެ ނޫޓުގެ އައު ސްޓޮކެއް ގެނެސްފިއެވެ.

އެމްއެމްއޭއިން ވިދާޅުވީ ބަޒާރުގައި 5 ރުފިޔާގެ ނޫޓު މަދުވެފައިވަނީ މިހާރު ދައުރުކުރަމުންދާ ނޫޓުތައް ބާވެ ހަލާކުވުމާ ގުޅިގެން ކަމަށެވެ. އެހެންވެ، އަލަށް ގެނައި ނޫޓުތައް މާދަމާއިން ފެށިގެން ބާޒާރުގައި ދައުރުކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

އެމްއެމްއޭއިން ވިދާޅުވާ ގޮތުގައި އިގްތިސާދުގައި އުފެދޭ ނަގުދު ފައިސާގެ ޑިމާންޑާ އެއްވަރަށް ނޫޓު ފޯރުކޮށްދިނުމަށްޓަކައި އެ އޮތޯރިޓީން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ފަސް ރުފިޔާގެ ނޫޓަކީ ގިނަ އަދަދަކަށް އެ އޮތޯރިޓީން އާންމުންނާއި ވިޔަފާރިތަކަށް ދޫކުރާ ނޫޓެއް ކަމަށް ވިދާޅުވިއެވެ.

ފަސް ރުފިޔާގެ ސްޓޮކް އެމްއެމްއޭގައި މަދުވެފައިވަނީ ބާޒާރުކުރުމުގައި އާންމުގޮތެއްގައި ބޭނުންކުރާ ނޫޓަކަށް އެ ނޫޓު ވާއިރު، ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއަށް ފަސް ރުފިޔާގެ ނޫޓު ޖަމާކުރާ މިންވަރު މަދުވާތީ ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.

އަލަށް ގެނައި ފަސް ރުފިޔާގެ ނޫޓުގައިވާ ތާރީޚަކީ 31 ޖުލައި 2025، 6 ޞަފަރު 1447 އެވެ. އަދި ސޮއިކުރައްވާފައިވަނީ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރުއެވެ.

އަލަށް ގެނައި ފަސް ރުފިޔާގެ ސްޓޮކަކީ އެ އޮތޯރިޓީން ރަން ދިހަފަހެއް ނޫޓު ސީރީސްގެ 5 ރުފިޔާ 2017ގައި ނެރުނު ފަހުން އޭގެ އައު ސްޓޮކެއް ގެނައި ފުރަތަމަ ފަހަރެވެ.

މާދަމާ ދައުރުކުރުމަށް ނެރޭ ފަސް ރުފިޔާގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާއިރު މި ނޫޓާއެކު މިހާރު ދައުރުވަމުންދާ 5 ރުފިޔާގެ ނޫޓުވެސް ބޭނުންކުރާނެ ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.