ޚަބަރު

ކްލަބް ބްރޫޖް އަތުން އިންޓަރ ބަލިވެއްޖެ


  • މިމެޗު ކްލަބް ބްރޫޖް ކާމިޔާބު ކޮށްފައިވަނީ 4 ލަނޑު 3 ލަނޑުން

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި އިޓާލިއަން ސެރީއާގެ ޗެމްޕިއަން އިންޓަރ މިލާން އާއި ބެލްޖިއަމްގެ ކްލަބް ބްރޫޖް ބައްދަލުކުރި މެޗުން އަމިއްލަ ދަނޑުގައި އިންޓަރ ބަލިވެއްޖެއެވެ.

އިންޓަރގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗު ކްލަބް ގްރޫޖް އިން ކާމިޔާބު ކޮށްފައިވަނީ 4 ލަނޑު 3 ލަނޑުންނެވެ. ހައިރާން ކުރުވަނިވި ނަތީޖާއެއް ފެނިގެންދިޔަ މިމެޗުގައި ކްލަބް ބްރޫޖްގެ ނިކޮލޯ ޓްރެސޮލްޑީވަނީ މޮޅު ކުޅުމެއް ދައްކާ އިންޓަރ އާއި ދެކޮޅަށް ހެޓްރިކެއް ހަދައިފައެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންޓަރއިންނެވެ.

މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ މެޗުގެ 30 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކްލަބް ބްރޫޖްއެވެ. މިޕެނަލްޓީ ކާމިޔާބު ކޮށްދީ ކްލަބް ގްރޫޖަށް މެޗުގެ ލީޑު ނަގައިދިނީ ޓްރެސޮލްޑީއެވެ. ނަމަވެސް އިންޓަރއިންވަނީ ފުރަތަމަ ހާފު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ލައުޓާރޯ މާޓިނޭޒްއެވެ. މިއީ މިފަހަރު ޗެމްޕިއަންސް ލީގުގައި އޭނާއަށް ކާމިޔާބު ކުރެވުނު ފުރަތަމަ ލަނޑެވެ.

މިމެޗުގައި ދެވަނަ ފަހަރަށް ކްލަބް ބްރޫޖަށް ލީޑު ލިބިގެންދިޔައީ މެޗުގެ 63 ވަނަ މިނެޓުގައި އިންޓަރގެ ކީޕަރ ޖޯސެޕް މާޓިނޭޒްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ޓްރެސޮލްޑީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި އޭގެ 11 މިނެޓް ފަހުން ޓްރެސޮލްޑީވަނީ އިތުރު ލަނޑެއް ޖަހާ މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މިމެޗުގައި އިންޓަރއިން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީވެސް ފުރަތަމަ ލަނޑު ޖަހައިދިން މާޓިނޭޒްއެވެ. މިލަނޑާއެކު ދެޓީމުގެ ދެމެދުގައިވާ ފަރަގު އެއް ލަނޑަށް ކުޑަވެ މެޗުން ނަތީޖާއެއް ނެރުމަށް އިންޓަރއަށް އުންމީދު ކުރެވިގެންދިޔަ ނަމަވެސް ކްލަބް ގްރޫޖްގެ ރޯމިއޯ ވާމެންޓް މެޗުގެ 87 ވަނަ މިނެޓުގައި ކާމިޔާބު ކުރި އެޓީމުގެ 4 ވަނަ ލަނޑާއެކު މިއުންމީދު ފަނޑުވެގެންދިޔައެވެ. މިމެޗުގައި އިންޓަރއިން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ އެންޖެ ޔޮއާން ބޮނީއެވެ. ނަމަވެސް މިމެޗުގައި އިންޓަރއަށް އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭގޮތެއް ނުވިއެވެ.

މިމެޗުން ބަލިވުމުން އިންޓަރ މިވަނީ މިސީޒަންގައި ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު 2 މެޗުންވެސް ބަލިވެފައެވެ. އަދި މިދިޔަ ސީޒަނާއެކު ޖެހިޖެހިގެން 4 ވަނަ މެޗުން މިލީގުގައި ބަލިވެފައެވެ. އަދި އިންޓަރ އޮތީ ދެމެޗުން ޕޮއިންޓެއް ނުލިވި ތާވަލްގެ 28 ވަނައިގައެވެ. އަދި މިމުބާރާތުގައި މިރޭ ކުޅޭ މެޗުތަކާއެކު އިންޓަރ މިއަށްވުރެ ފަހަތަށް ވެއްޓިގެން ދިއުމަކީވެސް ގާތް ކަމެކެވެ. އިންޓަރގެ މައްޗަށް ހޯދި މިބޮޑު ކާމިޔާބީއާއެކު ކްލަބް ބްރޫޖް އުޅެނީ 3 ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ.