ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ޔުނައިޓެޑް ބަލިވެއްޖެއެވެ.
މެޑްރިޑްގެ ރިޔާދު އެއާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި 69 ހާހަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗަށް ޔުނައިޓެޑް ނިކުތްއިރު ކޯޗު މައިކަލް ކެރިކް ވަނީ 5 ބަދަލެއް ޓީމަށް ގެނެސްފައެވެ. އަދި މި ބަދަލުތަކާއެކު މި މެޗުގައި އެ ޓީމުން ރަގަޅު ކުޅުމެއް ދެއްކި ނަމަވެސް އެތުލެޓިކޯގެ ވަރުގަދަ ޑިފެންސްލައިން ފޫއަޅުވާލެވޭގޮތެއް ނުވިއެވެ.
އެތުލެޓިކޯ މެޑްރިޑުން ވަނީ މި މެޗުގެ ފުރަތަމަ މިނިޓުގައި ލަނޑެއް ޖަހައި، ކުރި ހޯދާފައެވެ. މި ލަނޑު ޖަހާފައިވަނީ އެލެކްސް ބައެނާ ދިން ޕާހަކުން ޕަބްލޯ ބަރިޔޯސްއެވެ.
އެތުލެޓިކޯއިން ލަނޑު ޖެހި ނަމަވެސް ލީޑު ނަގަން މެންޗެސްޓަރ ޔުނައިޓެޑްގެ ބްރަޔަން އެމްބުއެމޯއަށްވަނީ ރަނގަޅު ދެ ފުރުސަތެއް ލިބިފައެވެ. މީގެ އިތުރުން މާކަސް ރަޝްފޯޑަަށް ރަނގަޅު ފުރުސަތުލިބުނު ނަމަވެސް އެ ފުރުޞަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.
މި މެޗުގައި މެންޗެސްޓަރ ޔުނައިޓެޑަށް އުނދަގޫތަކާއި އިތުރަށް ކުރިމަތިލާން ޖެހުނީ މެޗުގެ 74 ވަނަ މިނިޓުގައި ޖޮނަތަން ޑޭވިޑަށް ފައުލް ކުރުމާއި ގުޅިގެން ރެފްރީ ދެއްކި ރަތް ކާޑާއެކު އޭނާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ. އެހެންކަމުން މެޗުގެ ފަހު 16 މިނިޓު އެ ޓީމުން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ޔުނައިޓެޑުން ކުޅެން ޖެހުމުގެ ފައިދާ ނަގާ އޭގެ ފަސް މިނިޓު ފަހުން އެތުލެޓިކޯ މެޑްރިޑުން ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޑެމޯލާ ލުކްމަންއެވެ.