ކްރޮސްރޯޑްސް މޯލްޑިވްސްގެ ފަރުގެ ސަރަހައްދު ރަސްމީކޮށް އަދަރ އެފެކްޓިވް އޭރިއާ-ބޭސްޑް ކޮންސާވޭޝަން މެޝަރސް، އޯއީސީއެމްއެއްގެ ގޮތުގައި ކަނޑައަޅައި، އެވޯޑު އަރުވައިފިއެވެ.
ކ. ފިނޮޅު ފަޅުގައި އޮންނަ ކްރޮސް ރޯޑްސް ރިޒޯޓުގެ ބައުންޑަރީ ތެރޭގައި ހިމެނޭ މި ސަރަހައްދަށް އޯއީސީއެމްގެ އެވޯޑު ހަވާލުކޮށްދެއްވީ، މިއަދު ކްރޮސްރޯޑްސްގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަލީ ޝަރީފް ވަނީ، ތިމާވެށި ރައްކާތެރި ކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި ތިމާވެށި ރައްކާތެރި ކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭ ބޮޑު ބާރެއްގެ ގޮތުގައި ސިފަކުރައްވައި، އޯއީސީއެމްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި ތިމާވެށްޓަށް ކުރާނެ އެދެވޭ އަސަރުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑިވާސިޓީ، ސީބީޑީގެ ދަށުންނާއި، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ކަނޑައެޅުނު މި ސަރަހައްދަކީ ޖުމުލަ 1.71 އަކަ ކިލޯމީޓަރުގެ ފަރުގެ ސަރަހައްދެކެވެ. ކްރޮސް ރޯޑްސްއިން އަންނަނީ، މި ސަރަހައްދު ތަފާތު 3 ޒޯނަކަށް ބަހާލައިގެން ބަލަހައްޓަމުންނެވެ.
މި ސަރަހައްދަކީ، ތަފާތު ބާވަތްތަކުގެ މުރަކަ ހިމެނޭ ގިނަ އަދަދެއްގެ ފަރުމަހުގެ އާއިލާތައް ރިކޯޑްކުރެވިފައިވާ މުއްސަނދި ސަރަހައްދެކެވެ. މީގެ އިތުރުން ފަޅު މިޔަރާއި، އޮޅުފަތި މިޔަރު އަދި މާހުޅުނބު ލަނޑާ ފަދަ ތަފާތު ބާވަތްތަކުގެ އިތުރުން ނެތިދިއުމުގެ ބިރު ހީވެފައިވާކަމަށް ރެކޯޑުކޮށްފައިވާ ކަހަނބުގެ ތަފާތު ބާވަތްތައްވެސް މި ސަރަހައްދުން ފެންނަމުންދެއެވެ. ޚާއްޞަކޮށް އޯއީސީއެމްގެ 3 ވަނަ ޒޯނަކީ، ގިނަ އަދަދެއްގެ ކޯމަހުގެ ބާވަތްތައް ފެންނަ ކަމަށް ރެކޯޑުކުރެވިފައިވާ ޚާއްޞަ ސަރަހައްދެކެވެ.
ފަތުރުވެރިކަމާއި ތިމާވެށި އެކުގައި ކުރިއެރުވުމަށް ކްރޮސްރޯޑްސްއިން ކުރަމުންދާ މި މަސައްކަތަކީ، ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތައް ރައްކާތެރިކުރުމަށް އެޅުނު ނަމޫނާ ފިޔަވަޅެކެވެ.