ޚަބަރު

ޣައްޒާގެ ފޭލިގެއަކަށް ޑްރޯން ހަމަލާއެއް، ތިން މީހަކު ޝަހީދުވި


ދެކުނު ޣައްޒާގައި އަލް-ނާޞިރު ހަސްފަތާލު ކައިރީގައި ހުރި ފޭލިގެއަކަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ޑްރޯން ހަމަލާއެއްދީ، ފަލަސްޠީނުގެ ތިން މީހުން ޝަހީދުކޮށްލައިފިއެވެ. މިއީ، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމު މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފަށް ދީފައިވާ ނިރުބަވެރި ހަމަލާއެކެވެ. މެދުތެރޭ ޚާން ޔޫނިސްގެ އަލް-ބުރާޤު ސަރަޙައްދަށް ދިން ހަމަލާގައި ޒަޚަމުވި މީހުން ނާޞިރު ހަސްފަތާލަށް ގެންދެވުނު ކަމުގައި ޞިއްޙީ އޮފިޝަލަކު ހާމަކުރެއްވިއެވެ.

ޔަހޫދީ ފައުޖު ޑްރޯން ހަމަލާ ދީފައި ވަނީ ގެދޮރު ގެއްލިފައިވާ ޢާންމުން ފޯނު ޗާޖުކުރުމަށް ބޭނުންކުރަމުންދިޔަ ފޭލިގެއަކަށް ކަމުގައި މަންޒަރު ފެނުނު މީހުން ބުންޏެވެ. މީގެ އިތުރުން، އޮކްޓޫބަރު 10 ގައި އުތުރު ޣައްޒާގެ ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް ޔަހޫދީ ސިފައިން ދިން ބަޑީގެ ހަމަލާތަކުގައި ލިބުނު ބޮޑެތި ޒަޚަމުތަކަށް ފަރުވާދެމުން ދަނިކޮށް، އުމުރުން ހަ އަހަރުގެ ޖިހާދު އިޔާދު އަލް-ޣަންދޫރު ޝަހީދުވެފައިވާ ކަން އަލް-ޝިފާ ހަސްފަތާލުގެ ޞިއްޙީ އޮފިޝަލުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އޮކްޓޫބަރު 11 ގެ ފަތިހު ޔަހޫދީ ފައުޖުތަކުން އިރުމަތީ ޣައްޒާ ސިޓީގެ އިތުރު ސަރަޙައްދުތަކަށް އަރައިގަނެ، އަތްގަދަކޮށްފައިވާ ބިންތައް ފުޅާކޮށްފައިވާ ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ. އާޓިލަރީ ބަޑިއާއި ކުއަޑްކޮޕްޓަރ ޑްރޯން ބޭނުންކޮށްގެން ދެމުންދިޔަ ހަމަލާތަކުގެ ނިވަލުގައި ޔަހޫދީ ފައުޖުގެ އަސްކަރީ އުޅަނދުތަކުން ޝުޖާޢިޔާ އަވަށުގެ ބައެއް ސަރަޙައްދުތަކަށް ވަދެގަނެފައިވާ ކަމުގައި މަޞްދަރުތަކުން ހާމަކުރެއެވެ. ޔަހޫދީ ސިފައިންނާއެކު، ފަލަސްޠީނުގެ ހަތިޔާރުއެޅި ޖަމާޢަތެއްގެ މެންބަރުން ހަރަކާތްތެރިވަމުންދިޔަ ކަމުގައި ވެސް މަޞްދަރުތަކުން ހާމަކުރިއެވެ. ޝުޖާޢިޔާއަށް ޔަހޫދީ ފައުޖުން ދިން ހަމަލާތަކުގައި މާބަނޑު އަންހެނަކާއެކު ފަލަސްޠީނުގެ ދެ މީހަކު ޒަޚަމުވެ، އެތައް ޢާއިލާއަކަށް ގެދޮރު ދޫކޮށް ފިލަން މަޖުބޫރުވި ކަމުގައި ރިޕޯޓުތައް ބުނެއެވެ.

ޔަހޫދީ ފައުޖުގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ، ޞަލާޙުއްދީން މަގުގެ އިރުމަތީގައިވާ ތަރުކާރީ މާރުކޭޓަކުން ފެށިގެން ޝުޖާޢިޔާއާ ހިސާބަށެވެ. ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަސް ވަންދެން، ތުއްފާޙު އަދި ޝުޖާޢިޔާ ހިމެނޭހެން އިރުމަތީ އަވަށްތަކުގައި ހުރި ޢާންމުން ދިރިއުޅޭ ގެދޮރު ޔަހޫދީ ސިފައިން ސުންނާފަތިކުރަމުންދާ ކަމުގައި މަންޒަރު ފެނުނު މީހުން ބުނެއެވެ. އަދި، ޔަހޫދީ ސިފައިން އަތްގަދަކޮށްފައިވާ ބިންތަކާއި ފަލަސްޠީނުގެ ރައްޔިތުން ތޮއްޖައްސާފައިވާ ސަރަޙައްދު ވަކިކުރާ 'ޔެލޯ ލައިން' ފުޅާކުރުމަށް ވެސް ޔަހޫދީ ފައުޖުން ދަނީ މަސައްކަތް ކުރަމުންނެވެ.

2025 އޮކްޓޫބަރު 10 ގައި ޤަތުލުޢާންމު މެދުކަނޑައިލުމަށް އެއްބަސްވި ފަހުން ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ހަމަލާތަކުގައި ޣައްޒާއިން 1،488 ޝަހީދުކޮށްލައި، އިތުރު 5،281 ޒަޚަމު ކޮށްލާފައިވާ ކަމުގައި އެ ސަހަރުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. 2023 އޮކްޓޫބަރުގައި ފެށި މި ޤަތުލުޢާންމުގައި މިހާތަނަށް ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 74،000 އަށްވުރެ މައްޗަށް އުފުލިފައެވެ. އަދި، 175،000 އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައިވާއިރު، އެ ސަހަރުގެ ޢުމްރާނީ ތަރައްޤީގެ %90 ވަނީ ސުންނާފަތިކޮށްލާފައެވެ.