ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ ދަށުން މިހާރު ކުރިއަށްދަނީ ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތްތައް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއިން ހާމަކޮށްފިއެވެ.
އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ 3ވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށާފައިވަނީ، މި ހިނގާ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހުއެވެ.
އެމްޓީސީސީން ވިދާޅުވީ، މި ފިޔަވަހީގެ ދަށުން މިހާރު ކުރިއަށްދަނީ އެމްޑަބްލިއުއެސްސީގެ ފެނާއި ނަރުދަމާގެ މިހާރު ހުރި ހޮޅިތައް އެޅުމާއި ގުޅުވުމުގެ މަސައްކަތްތައް ކަމަށެވެ. އަދި ލީން ކޮންކްރީޓް އެޅުމުގެ މަސައްކަތާއި، ކޭބަލް އެޅުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ފެށުމަށް ވަނީ ތާވަލުކޮށްފައެވެ. މީގެ އިތުރުން ކެޗްޕިޓް ހެދުމާއި، އެމްޑަބްލިއުއެސްސީގެ ފެނާއި ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމަށް އަޅަންޖެހޭ މައި ލައިންތަކުގެ މަސައްކަތް އަންނަ ހަފުތާގައި ފެށޭނެ ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތަކަށް ބަލާއިރު، ފުރަތަމަ ފިޔަވަހީގެ ދަށުން ޖުމްހޫރީ މައިދާނުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަގު ހަދައި ވަނީ ނިންމާފައެވެ. އަދި ދެވަނަ ފިޔަވަހީގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ވަނީ ތަރައްޤީކޮށްފައެވެ. ތިންވަނަ ފިޔަވަހީގެ ދަށުން އަމަލީ މަސައްކަތް ފަށާފައިވަނީ، އައިޖީއެމްއެޗް ސަރަހައްދުންނެވެ.
އެމްޓީސީސީން ފާހަގަކުރައްވާ ގޮތުގައި، މި މަޝްރޫޢު އެއްކޮށް ނިމުމުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އޮމާން، ފަސޭހަ މަގުތަކެއް ލިބި، ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި މިއީ މާލެއަކީ އިތުރަށް ގުޅާލެވިފައިވާ، ފަސޭހައިން އެއްތަނުން އަނެއްތަނަށް ދަތުރުކުރެވޭ ހިތްފަސޭހަ ސިޓީއަކަށް ހެދުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.