ޤައުމީ އެއަރލައިން މޯލްޑިވިއަނުން އެއަރބަސް މަރުކާގެ 2 ބޯޓު ހޯދަން އިއުލާންކޮށްފިއެވެ. މޯލްޑިވިއަނުން ދަނީ އެ ކުންފުނީގެ ފްލީޓް އިތުރުކުރުމަށް މަސައްކަތްކުރަމުންނެވެ.
މޯލްޑިވިއަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެއަރބަސް A220-300 މަރުކާގެ ދެ ބޯޓު ގަތުމަށް އެ ކުންފުނިން ބޭނުންވާކަމަށެވެ. އެހެންކަމުން މިކަމާއި ގުޅޭ ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު އެ ކުންފުނިން ވަނީ ހުޅުވާލާފައެވެ.
އޮޕަރޭޓިންގ ލީސްގެ ދަށުން ބޯޓު ފޯރުކޮށްދިނުމަށް ޝަރުތުހަމަވާ ފަރާތްތަކުން މިމަހުގެ 28ގެ ކުރިން ޕްރޮޕޯސަލް ހުށައެޅުމަށް އެ ކުންފުނިން ވަނީ ހުޅުވާލާފައެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ސުވާލު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ 15 އޮކްޓޫބަރުގެ 14:00އެވެ. ހުށަހެޅޭ ސުވާލުތަކަށް 19 އޮކްޓޫބަރުގެ ކުރިން ޖަވާބު ފޮނުވާނެކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މޯލްޑިވިއަނުން ދަނީ އެ ކުންފުނީގެ ފްލީޓަށް އިތުރު ބޯޓުތައް ހޯދައި ފްލީޓް ބޮޑުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިއާއިއެކު އެތެރެއާއި ބައިނަލްއަޤްވާމީ ދަތުރުކުރާ މަންޒިލްތަކާއި ފްރިކުއެންސީ އިތުރުކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.
ޤައުމީ އެއަރލައިން މޯލްޑިވިއަނުން މިވަގުތު ޝެޑިއުލް ދަތުރުތައް ކުރަނީ، ބައިނަލްއަޤްވާމީ 4 ޤައުމެއްގެ 7 މަންޒިލަކަށެވެ. އެއީ، އިންޑިއާގެ 2 ސިޓީއަކަށާއި، ބަންގްލަދޭޝްގެ ޑާކާއަށާއި، ޗައިނާގެ 3 ސިޓީއަކާއި އޮސްޓްރޭލިއާގެ މެލްބަންއަށެވެ.