ސަބަބެއްނެތި ގައުމީ ފުޓްބޯޅަ ޓީމު ދޫކޮށް ދިއުމުން، އެ މައްސަލަ ބަލަން ފަށައި ޕޯޗުގަލް ފުޓްބޯޅަ ފެޑަރޭޝަނުން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ސަސްޕެންޑް ކޮށްފި އެވެ.
އެ ޖަމާއަތުން ބުނީ މި މަހު ކުރީކޮޅު ގައުމީ ޓީމު ކުޅުނު ފީފާ އިންޓަނޭޝަނަލް ބްރޭކްގައި ނޯވޭ އަތުން ޕޯޗުގަލް މޮޅުވި މެޗަށް ފަހު ވަކި އެއްޗެއް ނާންގައި ރޮނާލްޑޯ ގައުމީ ޓީމު ދޫކޮށްދިޔަ މައްސަލަ އަކީ ކުޅުންތެރިން އަމަލު ކުރަންޖެހޭ އުސޫލާ ހިލާފު އަހުލާގީ މައްސަލައެއް ކަމަށާއި މިހެންވެ މައްސަލަ ބަލައި ނިމެންދެން ރޮނާލްޑޯ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
ގައުމީ ޓީމަކަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެ އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތް އުމުރުން 41 އަހަރުގެ ފޯވަޑް ގައުމީ ޓީމު ކޭމްޕް ދޫކޮށް ދިއުމަށްފަހު، އެކަމަށް ޖަވާބުދާރީވީ 2000 ބަހުގެ ނޫސް ބަޔާނަކުންނެވެ. އެ ބަޔާނުގައި އޭނާ ބުނެފައިވަނީ ގައުމީ ޓީމު ދޫކޮށްލީ ކޯޗު ކޯޗު ޖޯޖް ޖެސޫސް އޭނާ އަށް ދޮގު ހެދުމުން ކަމަށެވެ.
އަދި މި މައްސަލަ ޕޯޗުގަލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ބަލައި ކޮންމެ އަދަބެއް ދިނަސް މައްސަލައެއް ނެތް ކަމަށެވެ.
"އަހަރެން ގައުމީ ޓީމަށް ކުޅުން ހުއްޓާ ނުލާނަން. ކުލަބުގައި އަހަރެން ރަނގަޅަށް ކުޅެ ގޯލު ޖަހާ ހިނދަކު ގައުމީ ޓީމަށް ކުޅޭނަން. މި ކަމުގައި ޕޯޗުގަލް ފެޑަރޭޝަނުން އަހަރެންނަށް ދޭ ކޮންމެ އަދަބެއް ގަބޫލު ކުރާނަން. އަދި މިކަމާ ގުޅިގެން ކޯޗު ކޮންމެހެން (އަހަރެންގެ ކިބައިން) މައާފަށް އެދެން ނުޖެހޭ. ނަމަވެސް އާއްމުކޮށް މިކަން އޮޅުން ފޮލުވައިދިނުމަކީ މުހިންމު ކަމެއް،" ރޮނާލްޑޯ ބުންޏެވެ.
ނޯވޭ އަތުން ޕޯޗުގަލް 2-1އިން މޮޅުވި ފުރަތަމަ މެޗަށް ރޮނާލްޑޯ ފުރައިގެން ދިޔައީ ސްޕޭނަށެވެ. އޭނާގެ ބަޔާނުގައި ބުނެފައިވަނީ ކޯޗުގެ ފުރަތަމަ ޕްލޭނަކަށްވީ މިފަހަރުގެ އިންޓަނޭޝަނަލް ބްރޭކްގެ ހަތަރު މެޗުގެ ތެރެއިން ފުރަތަމަ އަދި ފަހު މެޗު އޭނާ ލައްވައި ކުޅުވައި އަނެއް ދެ މެޗުގައި އޭނާ ޓީމުގައި ނުހިމަނަން ކަމަށެވެ. ނަމަވެސް މިއީ އޭނާގެ ފިޓްނަސްއާ ގުޅުވައިގެން ހުށަހެޅި ގޮތަކަށްވުމުން މިގޮތާ ވަގުތުން ދެކޮޅު ހެދި ކަމަށެވެ. އަދި ފަހުން ގައުމީ ކޯޗު އޭނާގެ ގެއަށް އައިސް ބައްދަލު ކުރުމަށްފަހު ކޮންމެ މެޗެއްގައި ވެސް ޓީމުން ފުރުސަތު އޮންނާނެ ކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް ކަންކުރީ ދިމާ އިދިކޮޅަށް ކަމަށެވެ.
"ކޯޗު އަހަރެން ގާތުގައި ބުނެފައި އޮތީ އަހަރެން ލައްވައި ނޯވޭ މެޗުގެ 30 މިނިޓް ކުޅުވާނެ ކަމަށް. އެކަމަކު ވާމްއަޕް ކުރުވާފައި އަހަރެންނަށް ފުރުސަތު ނުދިން. އޭގެ ކުރީ މެޗުގައި އަހަރެން ބަދަލު ކުރި. އެކަމާ އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. އެކަމަކު ޓީމުން ފުރުސަތު ނުދީ ހުރެފައި އެންމެން ކާން ތިއްބައި އެސިސްޓެންޓް ކޯޗު އައިސް ބުނީ ކޯޗު އަހަރެންނާ ވާހަކަ ދައްކަން ބޭނުމޭ. މި ހިސާބުން އަހަރެން ނިންމީ ގައުމީ ޓީމުން ދާން،" ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ފޯވަޑް ބުންޏެވެ.
ރޮނާލްޑޯ ބުނީ އަރާމު ކުރުމަކީ އޮތްކަމެއްކަން އެންމެނަށް ވެސް އެނގޭ ކަމަށާއި ނަމަވެސް އޭނާގެ ފިޒިކަލް ފިޓްނަސް ދަށް ކަމަށް ބުނެ ވަކި މެޗުތަކެއް ނުކުޅެން ހުށަހެޅުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަެށެވެ.
"މިއީ (ކޯޗު) އޭނާގެ ބަހަށް އޭނާ އިހްތިރާމް ނުކުރި ދެ ވަނަ ފަހަރު. އަހަރެން ގައުމީ ޓީމުން ދިޔައީ އިތުރަށް އޭނާ އަހަރެންނާ ވާހަކަ ދައްކައި އައު ކަށަވަރު ކަމެއް ދިނުމުގެ ކުރިން (އެ ފުރުސަތު ނުދޭން ވެގެން)،" ރޮނާލްޑޯ ބުންޏެވެ.
ސައޫދީ އަރަބިއާގެ ކުލަބު އައް ނަސްރުގައި ވެސް އޭނާ އަށް ކޯޗު ކޮށްދިން ޖެސޫސް ގައުމީ ކޯޗު ކަމަށް ގެނައީ އޭނާގެ ވެސް ތާއީދާއެކު ކަން ވެސް ރޮނާލްޑޯ ފާހަގަ ކުރި އެވެ.
"ވޯލްޑް ކަޕަށް ފަހު ޕޯޗުގަލް އެފްއޭގެ ރައީސް އަހަރެންނަށް ގުޅައި ވާހަކަ ދައްކަމުން ގައުމީ ޓީމުގައި އަހަރެން ހުރުމަށް އެދުނު. އަހަރެން މުހިންމު ވާހަކަ ވެސް ބުނި. އަދި އައު ކޯޗަކަށް ގެނައުމަށް ރަނގަޅީ ކާކުތޯ އަހައި އަހަރެންގެ ހިޔާލު ހޯދި. އަހަރެން ބުނިން ޖެސޫސް ރަނގަޅު ވާނެ ކަމަށް. އެ ދުވަހު ކޯޗެއްގެ ގޮތުގައި ޖެސޫސް ތައާރްފަ ކުރި. އަހަރެން މި ނިންމުމާމެދު އުފާކުރިން،" އޭނާގެ ރުހުމާއެކު ގެނައި ކޯޗާ މެދު އޮތް ނުރުހުން ފާޅު ކުރަމުން ރޮނާލްޑޯ ބުންޏެވެ.
މި މައްސަލާގައި ޖެސޫސް މިހާތަނަށް ވެސް ބުނަމުންދިޔައީ ރޮނާލްޑޯއާ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ގައުމީ ޓީމުން އޭނަ އަށް ފުރުސަތު އޮންނާނެ ކަމަށެވެ. ނަމަވެސް އުމުރުން ދުވަސްވުމުން ރޮނާލްޑޯ އަކީ ކުލަބުގައި ވެސް ކޮންމެ ދުވަހަކު ޕްރެކްޓިސް ކުރާ ކުޅުންތެރިއަކަށް ނުވާތީވެ އަރާމު ކުރަން އޭނާ އަށް ވަގުތުދޭން ބޭނުންވާ ކަމަށެވެ.
"އޭނާ ލައްވައި 30 މިނިޓް (ނޯވޭ މެޗުގައި) ކުޅުވަން އަހަރެން ތައްޔާރުވިން. އެކަމަކު އެ މެޗުގައި ޖޮންކާލޯ ރާމޯސް ގޯލު ޖަހައި މޮޅަށް ކުޅެމުން ދަނިކޮށް އޭނާ ބަދަލު ކުރަން އަހަރެންނަސް ނުވިސްނުނީ. މެޗުގެ އޮއިވަރު ދިޔަ ގޮތުން ރޮނާލްޑޯ އަރުވަން ފުރުސަތު ނުލިބުނީ. ދެން ކުޅުންތެރިން ގަބޫލު ކުރަންވާނެ ކޯޗުކަން އެންމެ ފަހުގެ ނިންމުން ނިންމާނީ،" ކޯޗު ބުންޏެވެ.
ރޮނާލްޑޯގެ ބަޔާނަށް ފަހު ޖެސޫސް ބުނީ އެ ބަޔާން ކިޔައިފައި ދޭނެ ޖަވާބެއް ނެތް ކަމަށާއި އޭނާ ވިސްނުން ހުރީ ރޮނާލްޑޯ ދައްކާ ވާހަކަތަކަށް ނުވިސްނައި ގައުމީ ޓީމު ތައްޔާރު ކުރަން ކަމަށެވެ.