ސަޢުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ ވައިގެ ބަނދަރަށް ޙޫޘީ ހަނގުރާމަވެރިން އަމާޒުކޮށް ދިން ނުރައްކާތެރި ޙަމަލާއެއްގައި 3 މީހަކު މަރުވުމާ ގުޅިގެން، ޔަމަނުގެ ޞަންޢާގައި ހުރި ޙޫޘީންގެ މަރުކަޒުތަކަށް ސަޢުދީ އިއްތިހާދުގެ ލަޝްކަރުން ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފިއެވެ.
ސަޢުދީގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ޙޫޘީން ދިން ޙަމަލާތަކެއްގައި ތިން މީހުންގެ ފުރާނަ ގެއްލި، ސައުދީ އެއާލައިންސްގެ މަތިންދާބޯޓަކަށް ބޮޑެތި ގެއްލުންތަކެއް ވުމާ ގުޅިގެން، ސައުދީ އިއްތިހާދާއި ޔަމަން ސަރުކާރުގެ އަސްކަރިއްޔާ ގުޅިގެން ޙޫޘީންގެ މަރުކަޒުތަކަށް ވަރުގަދަ ރައްދު ޙަމަލާތަކެއް ދޭން ފަށައިފިއެވެ. ޔަމަނުގެ ތިންވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ތަޢިއްޒާއި، ރަތްކަނޑުގެ އައްސޭރިފަށުގައި ޙޫޘީން މިސައިލް ފޮނުވުމަށް ބޭނުންކުރާ ތިން ޕްލެޓްފޯމެއް އެއްކޮށް ހަލާކުކޮށްލާފައިވާ ކަމަށް ޔަމަނުގެ ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ. ސަޢުދީ އިއްތިހާދުން ހާމަކުރި ގޮތުގައި މިއީ ބައިނަލްއަޤްވާމީ ކަނޑުގެ ދަތުރުފަތުރަށާއި، ސަޢުދީގެ މަދަނީ ޢުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ޙޫޘީން ހިންގަމުންދާ ޢުދުވާނުތައް ހުއްޓުވުމަށް ހިންގާ ޚާއްޞަ އަސްކަރީ އޮޕަރޭޝަނެކެވެ.
މި ޙަމަލާތަކާ ގުޅިގެން ޙޫޘީ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ވަނީ، ސަޢުދީގެ ތެޔޮ އުފައްދާ މަރުކަޒުތަކުގައި މަސައްކަތްކުރާ ބޭރުގެ އިންޖިނިއަރުންނާއި މާހިރުން ވަގުތުން އެތަންތަން ދޫކޮށް ދިއުމަށް އިންޒާރު ދެއްވާފައެވެ. އަދި ސަޢުދީގެ ވައިގެ ސަރަޙައްދާއި އެއާޕޯޓްތަކަކީ އަސްކަރީ އަމާޒުތަކެއްގެ ގޮތުގައި ކަނޑައަޅައި، އެއާލައިންތަކަށާއި ދަތުރުވެރިންނަށް ދޭ އިންޒާރު ވަނީ އާކޮށްފައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން، ބައިނަލްއަޤްވާމީ ބައެއް އެއާލައިންތަކުން ރިޔާޟަށް ކުރާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާފައިވާއިރު، ވިލާތުގެ އިއްތިހާދުގެ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާ ބެހޭ އިދާރާ (އީ.އޭ.އެސް.އޭ) އިން ވަނީ އެ ސަރަޙައްދުގެ ވައިގެ ޖާގަ ބޭނުންކުރުމުގައި އިތުރަށް ސަމާލުވުމަށް އެއާލައިންތަކަށް އިރުޝާދު ދީފައެވެ.
މި ޙަމަލާތައް އަމާޒުވެފައި މިވަނީ، ދުނިޔޭގެ އެކި ޤައުމުތަކުގެ ހަކަތައާ ބެހޭ ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ބައިނަލްއަޤްވާމީ "ޑަބްލިއު.ޕީ.ސީ އެނާޖީ ކޮންގްރެސް" ރިޔާޟުގައި ބޭއްވުމަށް ކުޑަތަންވެފައި ވަނިކޮށެވެ. މަސްރަޙު ގޯސްވަމުންދާތީ، އިޓަލީގެ ހަކަތައާއި ބެހޭ ވަޒީރު ޖިލްބަރޓޯ ޕިޗެއްޓޯ ފްރާޓިން ވަނީ ރައްކާތެރިކަމުގެ ސަބަބުތަކަށްޓަކައި ސީދާ މަހާސިންތާއަށް ވަޑައިގަތުމުގެ ބަދަލުގައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެވަޑައިގަތުމަށް ނިންމަވާފައެވެ. އެހެންނަމަވެސް، ސަޢުދީގެ މަދަނީ އުދުހުންތަކާ ބެހޭ އިދާރާއިން ބުނެފައިވަނީ ރިޔާޟް އެއާޕޯޓުގެ ޚިދުމަތްތައް އަލުން އާންމު ޙާލަތަށް ގެނައުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.
ފާއިތުވި ސެޕްޓެމްބަރު މަހު ޙޫޘީން ވަނީ ބާބުލް މަންދަބު ކަނޑުއޮޅީގެ ބާރު ނަގައި، ސަޢުދީއާ ދެކޮޅަށް ކަނޑުމަގުގެ ޙިޞާރެއް އިޢުލާނުކޮށްފައެވެ. އެހެންނަމަވެސް، ޔަމަނުގައި ހުންނަވާ ސައުދީ ސަފީރު ވިދާޅުވެފައިވަނީ ބާބުލް މަންދަބުގެ ސަރަޙައްދުން ޙޫޘީން އެއްކޮށް ފަހާލައި، އެ ސަރަޙައްދު މިހާރު އޮތީ އަމާން ކުރެވިފައިވާ ކަމަށެވެ. 2014 ވަނަ އަހަރުން ފެށިގެން ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރެއިން، ފާއިތުވި ޖުލައި މަހުން ފެށިގެން ސަޢުދީ އިއްތިހާދާއި ޙޫޘީ ހަނގުރާމަވެރިންގެ މެދުގައި ބަދަލުކުރެވޭ ޙަމަލާތައް ވަނީ އިންތިހާއަށް ވަރުގަދަވެފައެވެ.