ޚަބަރު

"އެންމެ އަވަހަށް ނިމޭނީ މަގޫދޫ އެއަރޕޯޓްގެ މަސައްކަތް"


  • މަގޫދޫގައި ތަރައްޤީކުރަނީ 1500 މީޓަރުގެ ރަންވޭއެއް

ތާވަލާ އެއްގޮތަށް އެންމެ އަވަހަށް މަސައްކަތް ނިމޭނީ ފ.މަގޫދޫ އެއަރޕޯޓުކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސަޢުދީ ވިދާޅުވެއްޖެއެވެ.

ސައުދީ މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ އަހާށޭ ބުނާނަން ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެއެވެ.

މަގޫދޫ އެއަރޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ފަށާފައިވަނީ 2022ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. ޢަމަލީ މަސައްކަތް ފެށީ 2023ވަނަ އަހަރުގެ ކުރީކޮޅުއެވެ. މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަލުން މަސައްކަތް ފެށީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ. މި މަޝްރޫޢުގެ މަސައްކަތްތައް މަޑުޖެހުނުނަމަވެސް، އެއަރޕޯޓްގެ މަސައްކަތް މި ދައުރުގެ ތެރޭގައި ނިންމައި ޚިދުމަތަށް ގެންނާނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވައެއެވެ.

އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސަޢުދީ ވިދާޅުވީ މިހާރު ކުރިއަށްދާ އެއަރޕޯޓުތަކުގެ މަސައްކަތްތަކަށް ބަލާއިރު އެންމެ އަވަހަށް ނިމޭނެ އެއަރޕޯޓުތަކުގެ ތެރޭގައި ފ. މަގޫދޫ އެއަރޕޯޓު ހިމެނޭކަމަށެވެ. އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން މަކުނޫދޫ އެއަރޕޯޓުގެ މަސައްކަތް އަދި ފެށުނީކަމަށާއި އަލިފުށީ އެއަރޕޯޓުގެ ރަންވޭ ބޮޑު ކުރަން ޖެހޭކަމަށް ސައުދީ ވިދާޅުވިއެވެ. އަލިފުށީ ރަންވޭ ބޮޑުކުރަން ބިން ހިއްކަން ޖެހޭކަމަށާއި އެތަނަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އައު ޑްރެޖަރާއެކު ފެށޭނެކަމަށް ވިދާޅުވިއެވެ.

" ފ. މަގޫދޫއާއި، ފ. ނިލަންދޫ އެއަރޕޯޓުގެ މަސައްކަތް އަންނަނީކުރަމުން. އަދި ގުރައިދޫ އެއަރޕޯޓުގެ އެމްޓީސީސީއާ ހަވާލުކުރި ބައި މިހާރު ވަނީ ނިމިފައި. އެ މަސައްކަތް މިހާރު އެމްއޭސީއެލްއާއިވަނީ ހަވާލުކޮށްފައި. މިހާރު މަސައްކަތް ކުރިއަށްދާ ގޮތުން އެންމެ އަވަހަށް ނިމޭނީ މަގޫދޫ އެެއަރޕޯޓުގެ މަސައްކަތް" ސައުދީ ވިދާޅުވިއެވެ.

މަގޫދޫ އެއަރޕޯޓްގެ އިމާރާތްތަކުގެ ގިނަ މަސައްކަތްތައް ވަނީ ނިންމާފައެވެ. އެގޮތުން އެއަރޕޯޓްގެ ފަޔަރަ ބިލްޑިން އިމާރާތްކުރުމާ ގުޅޭ ހުރިހާ މަސައްކަތްތައް ވަނީ ނިމިފައެވެ. އަދި ޓަރމިނަލް އިމާރާތުގެ ސްޓްރަކްޗަރަލް ހުރިހާ މަސައްކަތްތައްވެސް ވަނީ ނިމިފައެވެ. މީގެއިތުރުން ރަންވޭ އަޅާ ސަރަޙައްދު ތައްޔާރުކޮށް، އެކަމާ ގުޅޭ މަސައްކަތްތައް ވަނީ ފަށާފައެވެ. މުޅި މަޝްރޫޢަށްބަލާއިރު، އެއަރޕޯޓްގެ ބޮޑު އިންސައްތައެއް ވަނީ ނިންމާލާފައެވެ.

އެއަރޕޯޓަށް ބޭނުންވާ ބޮޑު ބައެއްވަނީ ހިއްކާ ނިމިފައެވެ. މަގޫދޫ އެއަރޕޯޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އެރަށުގެ ފަޅުން 30 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އަދި ސިނާޢީ މަސައްކަތްތަކަށާއި އިޖްތިމާޢީ ބޭނުންތަކަށް ރަށަށް އިތުރުކުރެވޭ ޖާގަޔާއެކު ޖުމްލަ 48 ހެކްޓަރުގެ ބިން އެމްޓީސީސީން ހިއްކައެވެ. މިމަޝްރޫޢުގެ ދަށުން މަގޫދޫގައި ތަރައްޤީކުރަނީ 1500 މީޓަރުގެ ރަންވޭއެކެވެ.

ފ.މަގޫދޫގައި ތަރައްގީ ކުރަމުން އަންނަ އެއަރޕޯޓުގެ ހިންގުން ހަވާލުކޮށްފައިވަނީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީއާއެވެ. މަގޫދޫ އެއަރޕޯޓް މަޝްރޫޢަކީ ސަރުކާރުން 231 މިލިޔަން ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.