ޚަބަރު

ޗައިނާ އޯޕަންގެ ސެމީއަށް މާޓެންސް އާއި ޒެންގ


  • މާޓެންސް ސެމީ ފައިނަލަށް ދިޔައީ ޝުވާޓެކް ސީދާ 2 ސެޓުން ބަލިކޮށްގެން

  • ޒެންގ ސެމީ ފައިނަލުން ޖާގަހޯދީ ސްވިޓޮލީނާ ސީދާ 2 ސެޓުން ބަލިކޮށްގެން

ޗައިނާ އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުން މިމުބާރާތުގައި 13 ވަނައަށް ސީޑު ކުރެވިފައިވާ ބެލްޖިއަމްގެ އެލީސް މާޓެންސް އާއި ޗައިނާގެ އުންމިދުތައް ގުޅިފައިވާ ގިންވެން ޒެންގ ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ސެމީ ފައިނަލުން މާޓެންސް ޖާގަހޯދީ ކުއާޓަރ ފައިނަލްގައި މިމުބާރާތް ކުރިން ކާމިޔާބު ކޮށްފައިވާ އަދި މިމުބާރާުގައި 8 ވަނައަށް ސީޑު ކުރެވިފައިވާ ޕޯލަންޑްގެ އީގާ ޝުވާޓެކްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓުގައި ވަރަށް ހަމަހަމަ ކުޅުމަކަށްފަހު ޓައި ބްރޭކަކަށް ދިޔަ ނަމަވެސް ޓައި ބްރޭކްގައި މާޓެންސްވަނީ އެންމެ ޕޮއިންޓެއްވެސް ވައްޓާނުލާ ހަތެއް ސުމަކުން ކާމިޔާބު ކޮށްފައެވެ. އަދި ދެވަނަ ސެޓުގައިވެސް މާޓެންސްވަނީ ޝުވާޓެކްގެ ސަރވް ބްރޭކްކޮށް ކުރި ހޯދާ ހައެއް ތިނަކުން ދެވަނަ ސެޓުވެސް ކާމިޔާބު ކޮށްފައެވެ. މިނަތީޖާ ވެގެންދިޔައީ މިމުބާރާތުގެ އެއްވަނަ އަދި ދެވަނައަށް ސީޑު ކުރެވިފައިވި އެލޭނާ ރިބާކިނާ އާއި އަރީނާ ސަބަލެންކާ މުބާރާތުގެ ކުރީކޮޅު ކެޓިފަހުން ފެނިގެންދިޔަ އެންމެ ހައިރާން ކުރުވަނިވި ނަތީޖާއެވެ.

ދުނިޔޭގައި 19 ވަނައަށް ސީޑު ކުރެވިފައިވާ މާޓެންސް މިވަނީ ގްރޭން ސްލޭމް ކާމިޔާބު ކޮށްފައިވާ ދެ ކުޅުންތެރިން ޖެހިޖެހިގެން ދެ ބުރުގައި ބަލިކޮށްފައެވެ. މިއީ ޑަބްލިޔު.ޓީ.އޭ. ވަން ތައުޒަންޑްގެ މުބާރާތެއްގެ ސެމީ ފައިނަލުން މާޓެންސް ޖާގަހޯދި ތިންވަނަ ފަހަރެވެ. އަދި 2021 ވަނަ އަހަރަށްފަހު އެލެވެލްގެ މުބާރާތެއްގެ ސެމީ ފައިނަލުން ޖާގަހޯދުނު ފުރަތަމަ ފަހަރެވެ.

މިމުބާރާތުގެ ސެމީ ފައިނަލްގައި މާޓެންސް ބައްދަލުކުރާނީ ވައިލްޑް ކާޑް އެންޓްރީ އެއްގެގޮތުގައި މިމުބާރާތުގައި ވާދަކުރަމުންދާ ޒެންގ އާއެވެ. މިމުބާރާތުގެ ސެމީ ފައިނަލުން ޒެންގ ޖާގަހޯދީ ކުއާޓަރ ފައިނަލްގައި 6 ވަނައަށް ސީޑު ކުރެވިފައިވާ ޔޫކްރެއިންގެ އެލީނާ ސްވިޓޮލީނާ އާއި ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓުގައި ޒެންގ ވަނީ މޮޅު ކުޅުމެއް ދައްކާ ސެޓުގެ ކުރީކޮޅު ސްވިޓޮލީނާގެ ސަރވް ބްރޭކްކޮށް ކުރި ހޯދައިފައެވެ. މިގޮތުން ފުރަތަމަ ސެޓު ޒެންގ ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނަކުންނެވެ. މިމެޗުގެ ދެވަނަ ސެޓުގައި ސްވިޓޮލީނާވަނީ އޭނާގެ ކުޅުން ރަނގަޅުކޮށް ޒެންގއަށް ބާރު ބޮޑު ކޮށްފައެވެ. ނަތީޖާ އަކަށް ވެގެންދިޔައީ ދެވަނަ ސެޓު ޓައި ބްރޭކަކަށް ދިއުމެވެ. ޓައި ބްރޭކްގައި ވަރަށް ވާދަވެރި ކުޅުމަކަށްފަހު ޒެންގއަށް ކުރި ލިބިގެންދިޔައީ އަށެއް ހަޔަކުންނެވެ.

މިމުބާރާތުގައި ދެން ކުޅޭ ސެމީ ފައިނަލްގައި ވާދަކުރާނީ މިމުބާރާތުގައި 4 ވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ މީރާ އަންޑްރީވާ އާއި 26 ވަނައަށް ސީޑު ކުރެވިފައިވާ ޗެކިއާގެ ނިކޮލާ ބާޓުންކޯވާ އާއެވެ.