ކޮރަޕްޝަނާއި ވައްކަމާއި މަނީ ލޯންޑަރިންއާއި މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ މުދަލާއި ފައިސާއިން މުއްސަނދިކަން ހޯދުމަކީ ރާއްޖޭގައި ޒަމާނުއްސުރެ ކުރިމަތިވެފައިވާ އެކަމަށް ވަށައިޖެހޭ ހައްލެއް ކޮންމެހެން ބޭނުންވެފައިއޮތް މައްސަލައެކެވެ. ދައުލަތުގެ ތެރެއިން ފެށިގެން އާންމު ރައްޔިތު މީހާއާ ހަމައަށް މި މައްސަލަތައް ފާހަގަކުރެވޭއިރު މި މައްސަލަ ހައްލުކުރުމަށް އަދުގެ ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
ރާއްޖޭގައި ޒަމާނުއްސުރެ ހައްލު ލިބިފައިނުވާ ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަ އަދުގެ ސަރުކާރުން އެއްކޮށް ނައްތާލާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ރައްޔިތުންނަށް ދެއްވިއެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް ސަރުކާރުގެ ތެރެއިން އެކި ފިޔަވަޅުތައް އަޅުއްވާފައިވާއިރު އެމަނިކުފާނު ފައްޓަވާފައިވާ "މޯލްޑިވްސް 2.0" އަކީވެސް މި މަގުޞަދު ހާސިލްކުރުމަށް ފެއްޓެވި މަޝްރޫއެކެވެ.
ކޮރަޕްޝަނާއި ޚިޔާނާތާއި ވައްކަމާއި މަނީ ލޯންޑަރިން އާއި މަސްތުވާތަކެތީގެ ވިޔަފާރި ފަދަ ބޮޑެތި ކުށްތައް ކުރުމުގެ ތުހުމަތުގައި މިއަދު އެތައް ބަޔަކު އެބަތިއްބެވެ. އެ ފަރާތްތަކަށް ތުހުމަތު ކުރެވި ބައެއް މީހުންނަށް ކުށް ސާބިތުވި ނަމަވެސް އެ ފަރާތްތަކަށް ދެވެނީ ޖިސްމާނީ ގޮތުން ދެވޭ އަދަބެކެވެ. އެއީ ޖަލަށްލުމެވެ. ޖަލުގައި އޮތް ނަމަވެސް އެ ހުކުމް ނިމޭއިރު އެ މީހާ ވަނީ ބޮޑު މުއްސަންޖަކަށެވެ. އެ ކުށްތައް ކޮށްގެން ހޯދި ފައިސާ އާއި މުދާ ބޭނުންކޮށްގެން ވިޔަފާރިތައް ފަށައި، އިތުރަށް އާމްދަނީ ލިބޭ ގޮތްތައް ހޯދައެވެ. އެއީ އެތައް ބައެއްގެ ޙައްގަށް އަރައިގަތުމަށްފަހު އެ ފަރާތްތަކަށް ލިބޭ މުއްސަނދިކަމެކެވެ. މީގެ ސަބަބުން ނުޙައްގުން މުއްސަނދިކަން އެތައް ބަޔަކަށް ލިބިގެންދެއެވެ.
ކުށްކޮށްގެން ހޯދާ ފައިސާ އާއި މުދާ ބޭނުންކޮށްގެން ނުޙައްގުން މުއްސަނދިކަން ހޯދުން ނިމުމަކަށް ގެނެވޭނީ އެ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ އެކަށީގެންވާ ނިޒާމެއް އޮވެގެންނެވެ. މިހާރުވެސް ބައެއް ކުށްތަކުގައި އެފަދަ މުދާ ދައުލަތަށް ނެގުނު ނަމަވެސް އެކަށީގެންވާ ޤާނޫނީ އޮނިގަނޑެއް ނެތުމުން ސަރުކާރުން ވަނީ ކުށްކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅުއްވާފައެވެ.
މި ބިލުގައި ކުށް ކޮށްގެން ހޯދާ މުދަލާއި ކުށް ކުރަން ބޭނުންކުރާ މުދާވެސް ދައުލަތަށް ނެގޭއިރު ދައުލަތަށް މުދާ ނެގޭނެ ކުށްތަކުގެ ތެރޭގައި މަނީ ލޯންޑަރިންއާއި ޓެރަރިޒަމާ ގުޅުން ހުރި ކުށްތަކާއި، މީހުން މެރުމާއި މަސްތުވާތަކެއްޗާއި، މީހުންނާއި ހަތިޔާރު ޓްރެފިކް ކުރުމާއި، އެކްސްޕްލޮއިޓޭޝަންގެ އަމަލު އެކުލެވޭ ޖިންސީކުށާއި، ކައުންޓަރފިޓްކުރުމާއި، ކޮރަޕްޝަނާއި އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށްތައް ހިމެނެއެވެ.
މީގެ އިތުރުން ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށުގެ ތެރެއިން 500،000 ރުފިޔާއިން މަތީ ފައިސާގެ އަދަދު ހިމެނޭ ކުށްތަކާއި، ފޭރުމާއި ވައްކަމާއި ޚިޔާނާތާއި މުދާ ސްމަގަލް ކުރުންފަދަ ކުށްތަކުގެ ތެރެއިން 100،000 ރުފިޔާއިން މަތީގެ ފައިސާގެ އަދަދު ހިމެނޭ ކުށްތަކާއި ޖިނާޢީ ބޮޑު ކުށެއް ކަމުގައި ޤާނޫނުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރެއިން ކުށްކޮށްގެން މުދާ ހޯދޭނެ ކޮންމެ ކުށެއްގައިވެސް ދައުލަތަށް މުދާ ނެގޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
މިފަދަ ކުށްތައް ރާއްޖޭގައި އަދި ރާއްޖެއިން ބޭރުގައި ކުރި ނަމަވެސް މި ޤާނޫނާއެކު ފިޔަވަޅު އަޅާނެއެވެ. އަދި ޤާނޫނު ވުޖޫދަށް އައުމުގެ ކުރިން ކޮށްފައިވާ ކުށަކުން ހޯދާފައިވާ މުދަލާއި އެއިން މިހާތަނަށް ހޯދަމުން އަންނަ މަންފާތައް ދައުލަތަށް ނެގުމަށްވެސް މި ބިލުން ފުރުސަތު ލިބިގެންދާއިރު ކުށުގެ ތުހުމަތުވާ ފަރާތުގެ މައްޗަށް ކުށް ސާބިތުވިޔަސް ނުވަތަ ނުވިޔަސް މުދާ ނެގޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. ބިލުގައިވާގޮތުން ދައުލަތަށް މުދާ ނެގުމުގައި ރިއާޔަތްކުރާނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އިރުޝާދުތަކަށެވެ.
މި ބިލުގެ ބަހުސް މަރުހަލާ މަޖިލީހުގައި ފަށާފައިވާއިރު ހުރިހާ މެންބަރުންވެސް ގަބޫލުކުރައްވާ ގޮތުގައި މި ބިލަކީ މުހިންމު ބިލެކެވެ. މި ބިލު ފާސްވެ، ޤާނޫނަކަށްވުމުން ކޮރަޕްޝަންފަދަ ބޮޑެތި މައްސަލަތައް ރާއްޖޭން ނައްތާލެވޭނެކަމަށް ގިނަ މެންބަރުން ވިދާޅުވެފައިވާއިރު ޤާނޫނު ތަންފީޒުކުރެވޭކަން ކަށަވަރުކުރުމަށްވެސް ބައެއް މެންބަރުން ވަނީ ގޮވާލައްވާފައެވެ.