ޚަބަރު

ކުލަބު ބަދަލުކުރަން ފަސޭހަކުރަން އަލްވަރޭޒް އޭޖެންޓް ބަދަލުކޮށްފި


ބާސެލޯނާ އަށް ބަދަލުވާން ކުރި މަސައްކަތް ނާކާމިޔާބު ވުމާއި އެކަމާ ގުޅިގެން ކުރިމަތިވި އުދާސްތަކާހެދި އެތުލެޓިކޯ މެޑްރިޑްގެ ފޯވަޑް ހޫލިއަން އަލްވަރޭޒް އޭނާގެ އެޖެންޓް ބަދަލު ކޮށްފިއެވެ.

އިއްޔެގެ ވަގުތެއްގައި އަލްވަރޭޒް ވަނީ އޭނާއާއެކު މިދިޔަ އަށެއްކަ އަހަރު މަސައްކަތް ކުރި އެޖެންޓް ފެނާންޑޯ ހިޑާލްގޯގެ ކޮންޓްރެކްޓް ނިމުމަކަށް ގެނައިކަން އަންގާފައެވެ. އަދި އާ އެޖެންޓަކު ހޯދުމަށް އެކިއެކި އެޖެންސީތަކާއެކު މަޝްވަރާ ކުރަމުންދަނީ އަލްވަރޭޒްގެ ބައްޕަ ގުސްޓާވޯއެވެ.

ސްޕޭނުގެ ގިނަ މީޑިއާތަކުން ބުނާ ގޮތުގައި އާޖެންޓީނާގެ ފޯވަޑުގެ އައު އެޖެންޓަކަށްވުން ގާތީ އާޖެންޓީނާގެ ކުރީގެ ކުޅުންތެރިޔާ ހާވިއާ ޕަސްޓޯރޭއެވެ. އޭނާ އަކީ އަލްވަރޭޒާއެކު އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅެމުންދާ އެންޒޯ ފެނާންޑޭޒްގެ އެޖެންޓެވެ. އެންޒޯ ވަނީ މި ސީޒަން ފެށުމުގެ ކުރިން ޗެލްސީ ދޫކޮށް މެންޗެސްޓާ ސިޓީ އަށް ބަދަލުވެފައެވެ.

އަލްވަރޭޒް ބާސެލޯނާ އަށް ބަދަލުވާން ކުރި މަސައްކަތުގައި އެތުލެޓިކޯ މެޑްރިޑުން ވަނީ ވަރަށް ބޮޑަށް އޭނާގެ އެޖެންޓް ކުށްވެރި ކޮށްފައެވެ. ފުރަތަމަ ދުވަހުން ފެށިގެން ވެސް އެތުލެޓިކޯއިން ބުނަމުންދިޔައީ ކުޅުންތެރިޔާ އަށް ވުރެ ބޮޑަށް އެ ބަދަލު ގެންނަން ބާރުއަޅައި ކަންކަން ގޯސް ކުރަމުން ދިޔައީ އެޖެންޓު ކަމަށެވެ.

ނަމަވެސް ބާސެލޯނާ އަށް ބަދަލުވާން އަލްވަރޭޒް ގަދަ ދެއްކި ވަރުން އޭޖެންޓް ބަދަލު ކުރި ނަމަވެސް އޭނާ އާއި އެތުލެޓިކޯގެ ގުޅުން އަލުން ބަދަހިވުން ދުރު ކަމަށެވެ. އެއް ސަބަބަކީ ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާ މާކެޓުގައި ނުވަތަ އަންނަ ޖޫން މަހު ބާސެލޯނާ އަށް ބަދަލުވާން ކުޅުންތެރިޔާ ބޭނުންވެ، އެ ކަމަށް ވަރަށް ބޮޑަށް ބާރު އަޅަމުންދާތީއެވެ.

ހޫލިއަން އަލްވަރޭޒަކީ މިވަގުތު ޔޫރަޕުގައި ހުރި އެންމެ މޮޅު އެއް ފޯވަޑެވެ. އެތްލެޓިކޯއިން އޭނާ ގަތީ މެންޗެސްޓާ ސިޓީންނެވެ. އަދި އެ ކުލަބުން ބޭނުންވަނީ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ނޫން ކުލަބަކަށް ކުޅުންތެރިޔާ ވިއްކާލުމަށެވެ. މިގޮތުން ސިޓީ އާއި އާސެނަލް އަށް އޭނާ ވިއްކާލަން އެތްލެޓިކޯ ކުރި މަސައްކަތް ނާކާމިޔާބުވީ ކުޅުންތެރިޔާ ބޭނުންވަނީ ހަމައެކަނި ބާސެލޯނާ ކަމަށްވާތީއެވެ.