ވޭތުވެދިޔަ ހަފުތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހި ޖެހިގެން ރިޕޯޓްކުރި މިންވަރު ދަށަށް ގޮސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކޮށްފިއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 02 ކޭސް ފެނިފައިވެއެވެ. މިއާއެކު މި އަހަރުގެ މިހާތަނަށް ހިމަބިހި ޖެހިގެން ރިޕޯޓްކުރި އަދަދުވަނީ، ޖުމްލަ 283 އަށް އަރާފައެވެ.
ހިމަބިހި ފެތުރެން ފެށުމާއެކު އެޗްޕީއޭއިން ވަނީ، ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ފަށާފައެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 16،503 މީހުންނަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
އެޗްޕީއޭއިން ވަނީ، ހިމަބިހިން ރައްކާތެރިވުމަށް މިބައްޔަށް ޚާއްސަކޮށް ދޭ ވެކްސިންގެ ދެޑޯޒު ފުރިހަމަ ކޮށްފައިވާކަން ޔަޤީންނުވާ ފަރާތްތަކުން، ކަނޑައެޅީފައިވާ ވެކްސިން ދޭ މަރުކަޒަކުން ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ބަލި ޖެހިފައިވާ މީހަކަށް ބައްދަލުވެފައިވާކަން އެނގޭ ފަރާތްތަކުން، ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިނުވާނަމަ، ލަސްނުކޮށް ވެކްސިން ޖެހުމަށް ވަނީ އިރުޝާދުދީފައެވެ.
މީގެއިތުރުން ހުންއައިސް ގައިގައި ރަތްބިހިތަކެއް ނަގައިފިނަމަ ސިއްޙީ ފަރުވާ ހޯދުމަށާއި، ހިމަބިއްސަށް ޝައްކުވެގެން ޓެސްޓު ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެ ތިބުމަށާއި، ފަރުވާ ހޯދަންދާއިރު މާސްކު އެޅުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބަލީގެ އަލާމާތެއް ހުރެއްޖެނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.