އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގެ ޕްރީ ސީޒަންގައި އެންމެ ފަހުގެ ޗެމްޕިއަން ނިއުޔޯކް ނިކްސްއާއި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް ބައްދަލުކުރި މެޗުން ނިކްސް ބަލިވެއްޖެއެވެ.
ފިލަޑެލްފިއާގެ އެކްސް ފިނިޓީ މޯބައިލް އެރީނާގައި ކުޅުނު މިމެޗު ސެވަންޓީ ސިކްސަރސްއިން ކާމިޔާބު ކޮށްފައިވަނީ 120 ޕޮއިންޓް 97 ޕޮއިންޓުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފެށުނީއްސުރެ ނިމެންދެން ކުރީގައި އުޅުނީ ސިކްސަރސްއެވެ. މިގޮތުން ފުރަތަމަ ކުއާޓަރގައި އެންމެ ޕޮއިންޓެއްގެ ތަފާތުން ސިކްސަރސް ކުރި ހޯދިއިރު އެޓީމުން ފުރަތަމަ ހާފު ނިންމާލީ 14 ޕޮއިންޓްގެ ލީޑެއްގައި އޮވެގެންނެވެ. މިމެޗުގެ ތިންވަނަ ކުއާޓަރގައި ދެޓީމުންވެސް 21 ޕޮއިންޓް ހޯދިއިރު ފަހު ކުއާޓަރގައި އަނެއްކާވެސް ސިކްސަރސްވަނީ މޮޅު ކުޅުމެއް ދައްކާ 23 ޕޮއިންޓްގެ ތަފާތަކާއެކު މެޗު ކާމިޔާބު ކޮށްފައެވެ. އަދި މިމެޗު ސެވަންޓީ ސިކްސަރސް އިން ކާމިޔާބު ކޮށްފައިވަނީ އެޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ޖޮއެލް އެމްބިޑްގެ އިތުރުން މިސީޒަންގައި އެޓީމާއި އަލަށް ގުޅުނު ތަޖްރިބާކާރު ކުޅުންތެރިޔާ ލެބްރޮން ޖޭމްސް އާއި ނުލައެވެ.
މިމެޗުގައި ސިކްސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 22 ޕޮއިންޓް ހޯދައިދީ 2 ރީބައުންޑް ނަގައިދީ 2 އެސިސްޓް ކުރި ޖޭލެން ބްރައުންއެވެ. އަދި ނިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 12 ޕޮއިންޓް ހޯދައިދީ 6 ރީބައުންޑް ނަގައިދިން އޯޖީ އަނުނޯބީއެވެ.
މިމުބާރާތުގެ ޕްރީ ސީޒަންގައި ލޮސް އެންޖަލިސް ލޭކަރސް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރި މެޗު 127 ޕޮއިންޓް 103 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ލޭކަރސް އެވެ. މިމެޗުގައި ލޭކަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދައިދީ 3 ރީބައުންޑް ނަގައިދީ 2 އެސިސްޓް ކުރި މެކެރަން ކާއެވެ. އަދި ކިންގްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދައްކާފައިވަނީ 23 ޕޮއިންޓް ހޯދައިދީ 9 ރީބައުންޓް ނަގައިދީ 2 އެސިސްޓް ކުރި ނިކީ ކްލިފަޑްއެވެ.
މީގެއިތުރުން މިނެސޯޓާ ޓިމްބަރވުލްވްސް އާއި މިލްވައުކީ ބަކްސް ބައްދަލުކުރި މެޗު 116 ޕޮއިންޓް 97 ޕޮއިންޓުން ޓިމްބަރވުލްވްސް ކާމިޔާބު ކުރިއިރު ޑެޓްރޮއިޓް ޕިސްޓަންސް އާއި ފީނިކްސް ސަންސް ބައްދަލުކުރި މެޗު 109 ޕޮއިންޓް 107 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ޕިސްޓަންއެވެ. އަދި މެންފިސް ގްރިޒްލީސް އާއި އެޓްލާންޓާ ހޯކްސް ބައްދަލުކުރި މެޗު 132 ޕޮއިންޓް 123 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ގްރިޒްލީސްއެވެ.