ޚަބަރު

ސްޓޮކް ލިބި އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރަން ފަށަނީ


  • މިހާރު ގެނެސްފައިވާ އުސޫލުތަކަށް ބަދަލު އަންނާނެ

ޕާސްޕޯޓް ބުކްލެޓުގެ އައު ސްޓޮކްލިބި އަންނަ ހަފުތާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ޕާސްޕޯޓު ދޫކުރަން ފަށާނެކަމަށް މޯލްޑިވްސް އިމިޤްރޭޝަންއިން ވިދާޅުވެއްޖެއެވެ.

ދިވެހި ޕާސްޕޯޓް ދޫކުރުމަށް ބައެއް ބަދަލުތައް ގެނައުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމީ، މިދިޔަ އޮގަސްޓުމަހުގެ 27 ވަނަ ދުވަހުއެވެ. މި ބަދަލު ގެންނަން ނިންމީ، ޕާސްޕޯޓް ބުކްލެޓް ރާއްޖެއަށް ފޯރުކޮށްދޭ ޖަރުމަނުވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަކަށް ދިމާވި މައްސަލަ ހައްލުވިނަމަވެސް ރާއްޖެއަށް ބުކްލެޓް ލިބުމުގައި ހުރި ދަތިތަކެއްގެ ސަބަބުންކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

އިމިޤްރޭޝަނުން ގެނައި ބަދަލުތަކުގެ ތެރޭގައި ޕާސްޕޯޓަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ރާއްޖޭގައި ހުރެގެން ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އައު ޕާސްޕޯޓެއް ހެއްދުމަށް އެދި ހުށައަޅާ ފަރާތްތަކަށް އައު ޕާސްޕޯޓެއް ދޫކުރުމުގެ ބަދަލުގައި އެފަދަ ފަރާތްތަކަށް މިހާރު ދޫކޮށްފައިވާ މުއްދަތު ހަމަވެފައިވާ ނުވަތަ މުއްދަތު ހަމަވާ ޕާސްޕޯޓުގެ މުއްދަތު 30 ޖޫން 2027ގެ ނިޔަލަށް އިތުރުކޮށްދިނުމަށް ނިންމާފައިވެއެވެ.

މީގެއިތުރުން އަލަށް ޕާސްޕޯޓު ހައްދާ ފަރާތްތަކުގެ ތެރެއިން ދިވެހިން އާންމުކޮށް ދަތުރުކުރާ ޤައުމުތަކުގެ ތެރެއިން އިންޑިއާ، ސްރީލަންކާ ފަދަ ޤައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް "އިމަޖެންސީ ޕާސްޕޯޓް" ދޫކުރުމަށްވެސް އެ އިދާރާއިން ނިންމާފައިވެއެވެ.

ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް އިމިޤްރޭޝަންއިން ވިދާޅުވީ، ޕާސްޕޯޓުގެ އައު ސްޓޮކް އަންނަ ހަފުތާއިން ފެށިގެން ލިބޭނެ ކަމަށެވެ. އެގޮތުން ސްޓޮކް ލިބުމާއެކު ކުރިއެކޭ އެއްގޮތަށް ޕާސްޕޯޓް ދޫކުރަން ފަށާނެ ކަމަށެވެ. އަދި ޕާސްޕޯޓް ދޫކުރަން ފެށުމުން އިމަރޖެންސީގައި އިންޑިއާ، ސްރީލަންކާ ފަދަ ޤައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް ޕާސްޕޯޓް ދޫކުރާނީ އެފަދަ ހާލަތްތަކުގައި އެކަނިކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ހުރެގެން ޕާސްޕޯޓު މުއްދަތު ހަމަވެގެން އައު ޕާސްޕޯޓެއް ހެއްދުމަށް އެދި ހުށައަޅާ ފަރާތްތަކަށް އައު ޕާސްޕޯޓެއް ދޫކުރުމުގެ ބަދަލުގައި އެފަދަ ފަރާތްތަކަށް މިހާރު ދޫކޮށްފައިވާ މުއްދަތު ހަމަވެފައިވާ ނުވަތަ މުއްދަތު ހަމަވާ ޕާސްޕޯޓު އަންނަ އަހަރުގެ ޖޫން މަހުގެ 30އާ ހަމައަށް ދީފައިވާ މުއްދަތާއި ގުޅޭގޮތުން ދެން އަމަލުކުރާނެ ގޮތްވެސް އަންނަ ހަފުތާގެ ތެރޭގައި އިއުލާން ކުރާނެ ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.