ޚަބަރު

ފަތުރުވެރިކަމުގެ ސިނާޢަތުގެ އިސްފަރާތްތަކާއެކު ވަޒީރުންގެ ބައްދަލުވުމެއް


  • މަސައްކަތްކުރާނެ އަމާޒުތަކާމެދު ވަނީ އެއްބަސްވެވިފައި

  • ސިނާޢަތުގެ ކަންބޮޑުވުންތަކާއެކު ޤާނޫނަށް ގެނައި އިސްލާހު މުރާޖަޢާކުރަން ސަރުކާރުން ނިންމާފައިވޭ

ފަތުރުވެރިކަމުގެ ސިނާޢަތުގައި ހުރި ކަންބޮޑުވުންތައް ދެނެގަތުމަށް ވަޒީރުންނާއި ފަތުރުވެރިކަމުގެ ސިނާޢަތުގެ އިސްފަރާތްތަކާއި ބައްދަލުކުރައްވައިފިއެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާގައި ބޭއްވެވި މި ބައްދަލުލުމުގައި ސަރުކާރުގެ ކަމާއިގުޅުންހުރި ދައިރާތަކުގެ 4 ވަޒީރަކު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާޢާތުގެ އިސްފަރާތްތަކާއެކު ބޭއްވި ބައްދަލުވުމުގައި، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން، މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުރުން، ބަންޑާރަ ނައިބު އަލްއުސްތާޛް އަޙުމަދު އުޝާމް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާ ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމަކީ ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާޢަތާއި ދެމެދު ކުރިއަށް ގެންދެވޭ މަޝްވަރާތަކުގެ ބައެއް ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މިގޮތުން ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އިތުރުކުރުމާއި، 2027 ވަނަ އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމުގެ އިތުރުން، މިހާރު ފަތުރުވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވެއެވެ.


މި ބައްދަލުވުމުގައި މަސައްކަތް ކުރާނެ އަމާޒުތަކަށް އެއްބަސްވެވުނު ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރައިން ވިދާޅުވިއެވެ. އަދި ސަރުކާރުން ދެމިއޮންނާނީ ފަތުރުވެރިކަމުގެ ސިނާޢަތާއި އެކުގައި ކަމުގެ ޔަޤީންކަން އެވުޒާރާއިން ވަނީ ދެއްވާފައެވެ.

ފަތުރުވެރިކަމުގެ ސިނާޢަތުގެ އިސް ފަރާތްތަކާއެކު ސަރުކާރުން މަޝްވަރާތައް ފަށާފައި މިވަނީ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ދާދިފަހުން ގެނައި އިސްލާޙު މުރާޖާޢާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ. ޤާނޫނަށް ގެނެވުނު އިސްލާހު މުރާޖަޢާ ކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، މި އިސްލާހާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތުގެ އެކި ފަރާތްތަކުން އެމަނިކުފާނާއި ހިސާބަށް ގެންދެވި ކަންބޮޑުވުންތަކާށް ރިޢާޔަތް ކުރުމަށްފަހުއެވެ. ނަމަވެސް އަދި މިހާތަނަށް ޤާނޫނު އިސްލާހު ކުރާއިރު ގެންނާނެ ބަދަލުތައް ސަރުކާރުން ހާމަކޮށްފައި ނުވެއެވެ.

މިވަގުތު ރަސްމީ މަޝްވަރާތަކެއް ކުރިއަށްދާއިރު، އަންނަ އަހަރަކީ ރާއްޖެއާށް ޒިޔާރަތްކުރުމުގެ އަހަރުގެ ގޮތުގައި ފާޙަގަކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައި މިއަހަރު ރިޔާސީ ބަޔާނުގައި އެކަން އެމަނިކުފާނު ވަނީ އިއުލާންކުރައްވާފައެވެ. މިހާރު މިކަމާއި ގުޅޭ ރަސްމީ ކެމްޕެއިން އިފްތިތާޙްކޮށްފައިވާއިރު، މިއީ ރާއްޖޭގެ ހުރިހާ ފަރާތްތައް ޝާމިލްވެގެން ރާއްޖެ ޕްރޮމޯޓް ކުރުމަށް ހިންގޭނެ ކެމްޕެއިނެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.