ކްރިސްޓިއާނޯ ރޮނާލްޑޯއަށް ޕޯޗުގަލްގެ ގައުމީ ޓީމުން އަދިވެސް ފުރުސަތު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު ޖޯޖް ޖީސުސް ބުނެފިއެވެ.
ޔޫއެފާ ނޭޝަންސް ލީގުގައި ނޯވޭ އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޖީސުސް ބުނެފައިވަނީ ރޮނާލްޑޯ ބޭނުންވާނަމަ އޭނާއަށް އަދިވެސް ގައުމީ ޓީމުން ފުރުސަތު އެބައޮތް ކަމަށެވެ.
"ގައުމީ ޓީމު ދެން ކުޅެންޖެހޭ މެޗުތަކަށް ޓީމު އެކުލަވާލުމުގެ ކުރިން މަޝްވަރާ ކުރުމަށްފަހު އެކަމަށް ގޮތެއް ނިންމާނެ. ރޮނާލްޑޯ ބޭނުންވާނަމަ އޭނާއަށް އަދިވެސް ފުރުސަތު އެބައޮތް. ނަމަވެސް އެކަމަށް ގޮތެއް ނިންމާނީ އޭނާ." އަލް ނަސްރުގައިވެސް ރޮނާލްޑޯއަށް ކުރިން ކޯޗުކޮށްދިން ޖީސުސް ބުންޏެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ ވަނީ ނޯވޭ އާއި ދެކޮޅަށް ކުޅުނު މެޗުގައި އޭނާއަށް ކުޅެން ފުރުސަތު ނުލިބި ޑެންމާކް އާއި ދެކޮޅަށް ކުޅޭ މެޗުގެ ފުރަތަމަ ޓީމުން ފުރުސަތު ނުލިބޭނެކަން އެނގުމާއިއެކު ގައުމީ ޓީމުގެ ކޭމްޕް ދޫކޮށް ސްޕެއިނަށް ގޮސްފައެވެ.
އަދި އޭނާގެ ސޯޝަލް މީޑިޔާގައި ބުނެފައިވަނީ ވަގުތު ޖެހުމުން ކޭމްޕް ދޫކޮށްދިޔަ ސަބަބުން ހާމަކުރާނެ ކަމަށެވެ.
ޖީސުސް އިތުރަށް ބުނެފައިވަނީ އޭނާ ގައުމީ ޓީމާއި ހަވާލުވުމާއިއެކު ރޮނާލްޑޯ ޓީމަށް ބޭނުންވާ ކަމަށާއި އަދި އޭނާ އާއިއެކު ގާތުން މަސައްކަތް ކުރަން ބޭނުންވާކަމަށް ބުނެފައިވާނެ ކަމަށެވެ.
"ރޮނާލްޑޯ ކައިރީ އަހަރެން ފުރަތަމަ ދުވަހުވެސް ބުނިން އޭނާ ޓީމަށް ބޭނުންވާ ކަމަށާއި އަދި މިހާރުވެސް އަހަރެން މި ބުނަނީ ހަމަ އެހެން." ޖީސުސް ބުންޏެވެ.
ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅުނު 234 މެޗުގައި ޖުމްލަ 146 ލަނޑު ޖަހާފައެވެ.