މެލޭޝިއާގައި ބޭއްވި ފޯމިއުލަރ ވަން ބަހްރެއިން ގްރޯން ޕްރީ ކާރު ރޭސް ރެޑް ބުލްގެ މެކްސް ވާސްޓަޕެން ކާމިޔާބު ކޮށްފިއެވެ.
މިއީ މިސީޒަންގައި ވާސްޓަޕެންއަށް ކާމިޔާބު ކުރެވުނު ފޯމިއުލަރ ވަންގެ ފުރަތަމަ ރޭހެވެ. ބޯކޮށް ވާރޭ ވެހުމާއި އަދި ދިމާވި ޓެކްނިކަލް މައްސަލަ ތަކަކަށްފަހު މިރޭސް ފެށިފައިވަނީ ކުރިން ފެށުމަށް ކަޑައެޅިފައިވި ވަގުތަށްވުރެ ދޮޅު ގަޑިއިރު ފަހުންނެވެ. ވާސްޓަޕެން އާއި ފެރާރީގެ ލުވިސް ހެމިލްޓަން އެންމެ ކުރީގައި އޮވެގެން މިރޭސް ފެށި ނަމަވެސް މާގިނަ އިރު ތަކެއް ނުވެ މާސިޑީޒްގެ ދެ ދުއްވުން ތެރިން ކަމަށްވާ ކިމީ އެންޓޮނޭލީ އާއި ޖޯޖު ރަސެލްވަނީ ރޭހުގެ ކުރި އަތުލާފައެވެ. އަދި ރޭސް ފެށުމަށްޓަކައި ހެމިލްޓަން ބޭނުންކުރި ޓަޔަރު ގޯސް ވުމުގެ ސަބަބުން މާގިނައިރު ތަކެއް ނުވެ އޭނާ ރޭހުގެ 17 ވަނައަށް ވެއްޓިގެންދިޔައެވެ. ރޭހުގެ ކުރިއަށް ބާލާއިރު އެންޓޮނޭލީ އާއި ރަސަލްގެ ފަހަތުގައި ވިއްދާފައި އޮތް ވާސްޓާޕެން ވަނީ 6 ވަނަ ލެޕްގައި ރަސެލް ތިންވަނައަށް ފަހަތައް ޖައްސާލާ ދެވަނައަށް އަރާ އެންޓޮނޭލީއަށް ޕްރެޝަރު ކުރަން ފަށައިފައެވެ. އަދި ނަތީޖާ އަކަށް ވެގެންދިޔައީ 10 ވަނަ ލެޕްގައި އެންޓޮނޭލީ ފަހަތަށް ޖައްސާލާ ވާސްޓަޕެން ރޭހުގެ އެންމެ ކުރިއަށް އެރުމެވެ. އަދި އެއަށްފަހު ވާސްޓާެޕެންވަނީ މަގާމް ގެއްލުވާނުލާ މުޅި ރޭސް ނިންމާލައިފައެވެ.
ވާސްޓަޕެން މިރޭސް ނިންމާފައިވަނީ އެއް ގަޑިއިރާއި 47 މިނެޓް 14 ޕޮއިންޓް އަށެއް ސުމެއް އަށެއް ސިކުންތުންނެވެ. މިރޭހުން ދެވަނައަށް ދިޔަ އެންޓޮނޭލީ ރޭސް ނިންމިފައިވަނީ ވާސްޓަޕެންއަށް ވުރެ ދޭއް ޕޮއިންޓް ތިނެއް ސުމެއް ހަތެއް ސިކުންތު ފަހުންނެވެ. މިރޭހުގައި އެންމެ ބޮޑު ހައިރާން ކަމެއް ގެނުވި ދުއްވުން ތެރިއަކަށް ވެގެންދިޔައީ ހެމިލްޓަންއެވެ. މިގޮތުން ރޭސް ފެށިތާ ކައިރީގައި 17 ވަނައަށް ވެއްޓުނު ނަމަވެސް އޭނާ ހިތްވަރު އެލުވާނުލާ ކުރި މަސައްކަތުގެ ނަތީޖާ އަކަށް ވެގެންދިޔައީ ތިންވަނައިގާ އޮވެ ރޭސް ނިންމާލުމެވެ. ނަމަވެސް މިހެން ވުމުގައި ނަސީބުވެސް ކޮށްމެވެސް ވަރަކަށް އެހީވިއެވެ. މިގޮތުން ރޭހުގެ ތިންވަނައިގާ އޮތް ރަސެލް ވަނީ ރޭސް ނިމެން 5 ލެޕަށް ވެފައިވަނިކޮށް އޭނާގެ ކާރުގެ ޕަވަރ ޔުނިޓަށް ދިމާވި މައްސަލަ އަކާއި ގުޅިގެން ރޭހުން ވަކިވާން ޖެހިފައެވެ. އަދި މިރޭހުން ހަތަރުވަނައަށް ދިޔައީ ފެރާރީގެ ދެވަނަ ދުއްވުން ތެރިޔާ ކަމަށްވާ ޗާލްސް ލިލާކްއެވެ.
މިސީޒަންގައި 8 ފަހަރު ޕޯޑިއަމްއިން ޖާގަހޯދިފައިވީ ނަމަވެސް މިއީ ވާސްޓަޕެންއަށް މިސީޒަންގައި ކާމިޔާބު ކުރެވުނު ފުރަތަމަ ރޭހެވެ. ފޯމިއުލަރ ވަންގެ ދުއްވުން ތެރިންގެ ލިސްޓުގެ އެއްވަނައިގާ މިހާރު އުޅެނީ މިހާތަނަށް ބޭއްވި 16 ރޭހުގެ ތެރެއިން 8 ރޭސް ކާމިޔާބު ކޮށްފައިވާ މާސިޑީޒްގެ އިޓަލީ ދުއްވުން ތެރިޠާ އެންޓޮނޭލީއެވެ. އޭނާއަށް 320 ޕޮއިންޓް ލިބިފައިވެއެވެ. އޭނާ އާއި އެންމެ ގާތުން ވާދަކުރަނީ މާސިޑީޒްގެ ދެވަނަ ދުއްވުން ތެރިޔާ ކަމަށްވާ އިނގިރޭސިވިލާތުގެ ރަސެލްއެވެ. އަދި ބަހްރެއިން ގްރޯން ޕްރީއިން ރަސެލް ވަކިވާން ޖެހުމާއެކު މިދެ ދުއްވުންތެރިންގެ ދެމެދުގައިވާ ފަރަގު މިހާރުވަނީ 84 ޕޮއިންޓަށް އިތުރު ވެގެން ގޮސްފައެވެ. އަދި ތިންވަނައިގާ އުޅެނީ ފެރާރީގެ އިނގިރޭސި ދުއްވުންތެރިޔާ ހެމިލްޓަންއެވެ.
ކޮންޓްރެކްޓަރުންގެ ތާވަލަށް ބަލާއިރު އެންމެ ކުރީގައި 556 ޕޮއިންޓާއެކު އުޅެނީ މާސިޑީޒްއެވެ. އަދި ފެރާރީ ދެވަނައިގާ އުޅެނީ 405 ޕޮއިންޓާއެކުއެވެ. އަދި ތިންވަނައިގާ އުޅެނީ 316 ޕޮއިންޓާއެކު ރެދް ބުލް އެވެ.