ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ނެދަލޭންޑްސް އާއި ދެކޮލަށް ސާބިޔާ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ނެދަލޭންޑްސް މޮޅުވެ ގްރޫޕްގެ އެއްވަނަ މަގާމް ހޯދައިފިއެވެ.
ގްރޫޕް 2 ގައި ކުޅުނު މި މެޗުން ނެދަލޭންޑްސް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕްގައި މިހާތަނަށް ކުޅުނު 4 މެޗުން ޖުމްލަ 8 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ މަގާމް ލިބިފައެވެ. ސާބިޔާއަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މި ގްރޫޕްގައި ދެން ހިމެނޭ ގްރީސް އާއި ޖަރުމަން ރޭ ކުޅުނު މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެފައިވާއިރު ގްރީސް އިން ވަނީ 4 މެޗުން ހޯދާފައިވާ 8 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ މަގާމް ހޯދާފައެވެ. ޖަރުމަނަށް ލިބިފައިވާ 5 ޕޮއިންޓާއެކު އެ ޓީމު އޮތީ ގްރޫޕްގެ ތިންވަނައިގައެވެ.
ނެދަލޭންޑްސްގެ ފިލިޕްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 31 ވަނަ މިނިޓުގައި ނެދަލޭންޑްސް އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ތިޖާނީ ކޫޕްމެއިނާސްއެވެ.
ނަމަވެސް އޭގެ ހަތަރު މިނިޓު ފަހުން ސާބިޔާގެ މިހައިލޯ ކްވެޓްކޮވިޗް ވަނީ ބޮލުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
މި މެޗުން ނެދަލޭންޑްސް މޮޅުވި ލަނޑު މެޗުގެ 72 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވަޑް ޖޯޝުއާ ޒިރްކްޒީ އެވެ.
ނެދަލޭންޑްސް ކެޕްޓަން އަދި ޑިފެންޑަރ ވެންޑައިކްއަށް މި މެޗު ހާއްސަ ވެގެންދިޔައީ މިއީ އޭނާ ގައުމީ ޓީމަށް ކުޅުނު 100 ވަނަ މެޗަށްވުމުގެ ސަބަބުންނެވެ.
މި ނަތީޖާ އާއިއެކު ނެދަލޭންޑްސްގެ ކޯޗު ކަމާއި އަލަށް ހަވާލުވި ސްޕެއިންގެ ޒަވީގެ އިރުޝާދުގެ ދަށުން އަދި އެ ޓީމު ބަލިވެފައެއް ނުވެއެވެ. ކުޅުނު 4 މެޗުގެ ތެރެއިން 2 މެޗުން މޮޅުވެފައިވާއިރު 2 މެޗު ވަނީ އެއްވަރުވެފައެވެ.