ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ޕޯޗުގަލް އާއި ދެކޮޅަށް ނޯވޭ ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ނޯވޭ ބަލިވިއިރު އާލިން ހާލަންޑް އަށް އަނިޔާވެއްޖެއެވެ.
ނޭޝަންސް ލީގުގެ ގްރޫޕް ހަތަރެއްގައި ކުޅުނު މި މެޗުން ޕޯޗުގަލް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕްގައި މިހާތަނަށް ކުޅުނު 4 މެޗުންވެސް މޮޅުވެ ޖުމްލަ 12 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ މަގާމް ލިބިފައެވެ. ނޯވޭއަށް 4 މެޗުން ލިބިފައިވާ 3 ޕޮއިންޓާއެކު އޮތީ ގްރޫޕްގެ ފުލުގައެވެ.
މި ގްރޫޕްގައި ދެން ހިމެނޭ ވޭލްސް އާއި ޑެންމާކް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ޑެންމާކްއެވެ.
ޕޯޗުގަލް އިން އަމިއްލަ ގައުމުގައި 48 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ގިނަ ފުރުސަތުތައް ތަނަވަސްކޮށްފައިވަނީ ޕޯޗުގަލްއިންނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ ނޯވޭއިންނެވެ. އެއީ މެޗުގެ 36 ވަނަ މިނިޓުގައި މާޓިން އޮޑެގާޑް ނަގައިދިން ހުރަހެއް ކޮންޓްރޯލް ކޮށްލުމަށްފަހު ބްރެންޓްފޯޑްގެ ޑިފެންޑަރ ކްރިސްޓޮފާ އަޔާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ނަމަވެސް ނޯވޭއިން ލީޑު ނެގިތާ 2 މިނިޓު ފަހުން ޕޯޗުގަލްގެ ޖޮއާއޯ ކެންސެލޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މި މެޗުގައި ނޯވޭއަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ 67 ވަނަ މިނިޓުގައި އެ ޓީމުގެ އިތުބާރު ފޯވަޑް އާލިން ހާލަންޑްއަށް އަނިޔާވުމުގެ ސަބަބުން އޭނާ ބަދަލުކުރަން ޖެހުމުންނެވެ. ހާލަންޑް ބަދަލުކުރުމުގެ ކުރިން އޭނާއަށް ވަނީ ލަނޑެއް ޖަހަން ރަގަޅު ފުރުސަތެއް ލިބިފައެވެ.
ޕޯޗުގަލް މި މެޗުން މޮޅުވި ލަނޑު މެޗުގެ 79 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ގޮންޒާލޯ ރާމޯސްއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ދެވަނަ ރީނދޫ ކާޑަކާއިއެކު ރެފްރީ ވަނީ ޕޯޗުގަލްގެ ފްރެންސިސްކޯ ކޮންސެއިސާއޯއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.