ދިވެހި ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަން

ސަރުކާރަށް 3 އަހަރު - ހުރިހާ ރަށެއްގައި ފާމަސީ ހުޅުވިއްޖެ


ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ޚިދުމަތް ލިބޭ ބޭސްފިހަރާ ޤާއިމްކުރައްވައި، އަމިއްލަ ރަށުގައި ތިބެގެން ފަސޭހަކަމާއެކު ބޭސް ލިބޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސަވައިދެއްވާފައެވެ. ރައީސް ޔާމީންގެ ސަރުކާރުގެ ސިއްޙީ މިވައުދު ވަނީ އެއްކޮށް ފުރިހަމަކުރައްވާފައެވެ. މިއީ އަދުގެ ސަރުކާރުން ސިއްޙީ ދާއިރާއިން ގެންނަވާ އިންޤިލާބީ ބަދަލުތަކުގެ ތެރެއިން ޙާސިލްވި މުޙިންމު ކާމިޔާބީއެކެވެ.

ރައީސް ޔާމީންގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އެއް ވަޢުދު ކަމަށްވާ، ކޮންމެ ރަށެއްގައި ޑޮކްޓަރީ ބޭސް ފޯރުކޮށްދެވޭނެ އަވަސް ނިޒާމެއް ޤާއިމުކުރުމުގެ ވަޢުދު ސަރުކާރަށް ތިން އަހަރު ފުރުނުއިރު މިވަނީ ފުއްދަވާފައެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފާމަސީއެއް ޤާއިމް ކުރުމުގެ މަޝްރޫޢުގެ ދަށުން މިނިސްޓްރީ އޮފް ހެލްތާއި އެސްޓީއޯއާއި އެކު އެމްއޯޔޫއެއްގައި ސޮއިކުރެވިގެން ދިޔައީ މިދިޔަ 2015 ވަނަ އަހަރުގެ ޖޫން މަހުގެ 4 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން އާސަންދައިގެ ޚިދުމަތްދޭ އެސްޓިއޯގެ 175 ފާމަސީ ރާއްޖޭގައި ޤާއިމް ކުރައްވާފައިވެއެވެ. އަލަށް ޤާއިމްކުރެއްވި 175 ފާމަސީއާ އެކު ޖުމްލަަ 186 ފާމަސީއެއް މިހާރު ރާއްޖޭގައި ޤާއިމުކުރައްވައި، ޚިދުމަތް ދެމުންދާކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.

މީގެ ކުރިން ރޯގާ ޖެހިގެން ނުވަތަ ހުން އައުމުން ރަށުގައި ހުންނަ ހެލްތް ސެންޓަރަކަށް ދެއްކުނު ނަމަވެސް ޑޮކްޓަރު ދެއްވާ ބޭސް ސިޓީއަށް ބޭސްނެގުމަށް، އަގުދީފައި ކައިރީގައި އޮންނަ ރަށަކަަށް ދާންޖެހުމަކީ ބޮޑެތި ދަތިތަކާ ކުރިމާތިލާންޖެހޭ ކަމެއް ކަމުން މިއީ ރަށްރަށުގެ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ފަސޭހައަކަށް ވަނީ ވެފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭސްފިހާރަ ޤާއިމް ކުރުމުގެ ސަބަބުން އަމިއްލަ ރަށުގައި ހުރެގެން ބޭސް ލިބޭނެގޮތް މިއަދު މިވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފާމަސީތައް ޤާއިމްކުރެވިގެން ދިއުމާއިއެކު ޒުވާންނުންނަށް ވަނީ ވަޒީފާގެ ފުރުސަތުތައް ވެސް ތަނަވަސްވެގެން ގޮސްފައެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން 500 އެއްހާ ވަޒީފާ އުފެދިފައިވާކަމަށް އެސްޓިއޯއިން ހާމަކުރެއެވެ. މިއީ ޒުވާނުންގެ ތެރެއިން ވަޒީފާ ނެތިފައި ތިބި ޒުވާނުންނަށް ރަށުގައި ތިބެގެން އާމްދަނީ ލިބޭނެ މަގުތަނަވަސް ވެގެންދިޔަކަމެކެވެ.