ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުތައް ޙިމާޔަތްކޮށް އަމިއްލަ ޤައުމުގައި ދެމިތިބުމާއި، ގެދޮރާއި ވަޒަނާއި އަދި އަޅުކަންކުރުމުގެ ފުރިހަމަ މިނިވަންކަން ކަށަވަރުކުރުމަށް މިހާރަށްވުރެ ބޮޑަށް ޤައުމުތަކުން ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.
ވަޒީރު މިކަމަށް ގޮވާލެއްވީ ޤުދުސްގެ ޙައްގުގައި ޢަރަބި އިސްލާމީ ޤައުމުތަކުގެ ވަޒީރުން ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ ވާހަކަފުޅުގައި ވަނީ ޤުދުސްއަކީ ހަމައެކަނި އެޖެންޑާގައި އޮތް ކަމަކަށްވުރެ ބޮޑަށް މުސްލިމުންގެ ހިތްތަކުގައި ޚާއްސަ ޤަދަރެއް ދެވިފައިވާ ބިމެއްކަމުން އެތަނުގެ ތައްކާތެރިކަމަކީ ދެމެހެއްޓެނިވި އަމާންކަމެއް ޤާއިމުކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަދި ޤުދުސްގައި މިއަދު ހިނގާ ކަންކަމަކީ އެތަން މާދަމާ ބައްޓަންވެގެންދާނެ ގޮތްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިއަދު ފެންނަ ހަގީގަތަކީ ފަލަސްޠީނުގެ ރައްޔިތުންނާއި، ޤުދުސްއާއި އެމާތް ބިމުގައިވާ މުޤައްދަސް ތަންތަން ވީރާނާކުރަމުން ހަލާކުކުރަމުންދާ މަންޒަރުތައްކަމަށެވެ. އަދި އަލްއަޤްޞާ މިސްކިތުގައި ތަކުރާރުވަމުންދާ ހަމަނުޖެހުންތަކާއި، ޔަހޫދީން ވަޒަންވެރިކުރުމުގެ ސިލްސިލާތަކާއި، ފަލަސްޠީނުގެ ޢާއިލާތައް އަމިއްލަ ގެދޮރުން ނެރުމުގެ ޖަރީމާތައް އާންމުވަމުންގޮސްފައިވާއިރު އެފަދަ ކަންކަމަށް ޖާގަދެވިގެން ނުވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ، ފަލަސްޠީނުގެ މައްސަލައިގައި ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތު ސާފުކަމަށެވެ. އެގޮތުން މިހާރު އެބިމުގައި ހިންގަމުންދާ ޖަރީމާތައް ވަގުތުން ހުއްޓާލުމަށް ވަނީ ގޮވާލައްވާފައެވެ. ވަޒީރު ވިދާޅުވީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި މުޢަހަދާތަކާއި ޚިލާފަށް ޤުދުސްގައި ޔަހޫދީން ވަޒަންވެރިކޮށް ހިންގަމުންދާ ޖަރީމާތަކާއެކުވެސް އެތަނުގެ މާތްކަމާއި އެތަނުގެ މުޤައްދަސްކަމަށް ބަދަލެއް ނާންނާނެކަމަށެވެ.
ވަޒީރު ވިދާޅުވީ ފަލަސްޠީނުގައި ހިނގަމުންދާ ޖަރީމާތައް ހުއްޓުވުމާއި، ބައިތުލް މަޤްދިސް ޙިމާޔަތްކުރުމަށް ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުން މަސައްކަތްކުރަންޖެހޭކަމަށެވެ.
ވަޒީރު ވިދާޅުވީ ޤުދުސް ޙިމާޔަތްކުރުމަކީ ފަލަސްޠީނުގެ ރައްޔިތުންގެ މުސްތަޤުބަލު އަމިއްލައަށް ޚިޔާރުކޮށް ކުރިއަށްދިޔުމުގެ ފުރިހަމަ މިނިވަންކަން އެރައްޔިތުންނަށް ލިބިދިނުންކަމަށާއި ފަލަސްޠީނުގެ ދައުލަތް ޤަބޫލުކުރާ މިންވަރު ބައިނަލްއަޤުވާމީ ދުނިޔޭގައި އިތުރުކުރުމަށް މަސައްކަތްކުރުމާއެކު ފުރިހަމަ މާނައިގައި އދ.ގެ މެމްބަރު ޤައުމަކަށް ފަލަސްޠީނު ހެދުމަށް މަސައްކަތްކުރުމަށްވެސް އެކުގައި މަސައްކަތްކުރަންޖެހޭކަމަށެވެ. އަދި ޔަހޫދީން ވަޒަންވެރިކުރުވުމަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް މިހާރަށްވުރެ ބޮޑަށް އެހެން ޤައުމުތަކާއި ގުޅިގެން މަސައްކަތްކުރުމަށް އިސްލާމީ ޤައުމުތަކަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ.
މިބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ޚާރިޖީ ވަޒީރު ވަނީ ފަލަސްޠީނުގެ ބިންތަކުން އެ ރައްޔިތުންނެރެ، ޔަހޫދީން ވަޒަންވެރިކުރުވުމާ ދެކޮޅަށް، އިނގިރޭސިވިލާތާއި، ކެނެޑާއާއި، ޑެންމާކް، ފިންލޭންޑް، ފްރާންސް، އައިސްލޭންޑް، އަޔަރލޭންޑް، ނޯރވޭ، ޕޮލެންޑް ޕޯޗުގަލް އަދި ސްޕެއިންއާއި ސްވިޑަންއިން ތެދުވި ތެދުވުން ފާހަގަކޮށް މަރުޙަބާ ދަންނަވާފައެވެ. އަދި އެގޮތަށް ވަޒަންވެރިވާ ޔަހޫދީންނާ މެދު ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކަށްވެސް ރާއްޖެއިން ވަނީ މަރުޙަބާ ދަންނަވާފައެވެ. އަދި އެކުގައި ފިޔަވަޅުތައް އެޅުމަށް ރާއްޖެއިން ވަނީ ބާރުއަޅުއްވާފައެވެ.
ޖޮއިންޓް ޢަރަބް އިސްލާމިކް މިނިސްޓީރިއަލް މީޓިން އޮން ޖެރުސަލެމްއަކީ ޤުދުސްގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އުރުދުންގެ ފަރާތުން މިމައްސަލައިގައި ހައްލެއް ހޯދުމަށް ޢަރަބި އިސްލާމީ ޤައުމުތަކާއި ގުޅިގެން ބާއްވަމުންދާ ބައްދަލުވުންތަކެކެވެ.