ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އަށް ދައްކަން އޮތް ދަރަނި މައާފުކޮށްދީ އިތުރު ލުއިތަކެއް ދީފިއެވެ.
އެފްއޭއެމް އިން ބުނީ، އެ އެސޯސިއޭޝަނަށް އޭއެފްސީން އަޅާފައިވާ ފައިނެންޝަލް ސަސްޕެންޝަންގެ ފިޔަވަޅު އުވާލައި، އޭއެފްސީއަށް ދައްކަން އޮތް 253،030 ޑޮލަރު (3.9 މިލިއަން ރުފިޔާ) މައާފުކޮށްދީފައިވާ ކަމަށެވެ.
މީގެ ތިން އަހަރު ކުރިން، 2023 ވަނަ އަހަރު އޭއެފްސީން އެފްއޭއެމަށް އެހީގެ ގޮތުގައި ދީފައިވާ ފައިސާ، އެފްއޭއެމްގެ އޭރުގެ ޒައާމަތުން ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަން އޮޑިޓަކުން ވަނީ ފާހަގަވެފައެވެ. އެހެންކަމުން އެ ފައިސާ އަނބުރައި އޭއެފްސީއަށް ދެއްކުމަށް އެ ފެޑެރޭޝަނުން ވަނީ އެފްއޭއެމަށް އަންގާފައެވެ.
މި މައްސަލައިގައި އޭއެފްސީން ވަނީ 2024 ވަނަ އަހަރުން ފެށިގެން އެ ފެޑެރޭޝަނުން އެފްއޭއެމަށް ދޫކުރާ ފަންޑުތައް ވެސް ސަސްޕެންޑުކޮށްފައެވެ.
އެފްއޭއެމްގެ ކުރީގެ ވެރިން ދިވެހި ފުޓުބޯޅަ ވައްޓާލި ފުން އަނދަވަޅުން ސަލާމަތްކުރުމަށް އެފްއޭއެމްގެ އައު ލީޑާޝިޕުން ފެށި މަސައްކަތުގެ ދަށުން، ފަންޑިން ސަސްޕެންޝަން އުވާލައި، ދަރަނި މައާފުކޮށްދިނުމަށް އެދި އޭއެފްސީގައި އެދުނެވެ. އެ އެދުމަށް އިޖާބަދީ އޭއެފްސީގެ އެގްޒެކިއުޓިވް ކޮމިޓީން ވަނީ ދަރަނި މައާފުކޮށްދިނުމަށް ނިންމާފައެވެ. އަދި އަންނަ އަހަރުން ފެށިގެން އެ ފެޑެރޭޝަނުގެ މާލީ އެހީތެރިކަމުގެ ޕްރޮގްރާމަށް ރާއްޖެ އަށް ކުރިމަތިލެވޭނެކަމަށް ވެސް އެ ކޮމިޓީން ވަނީ ނިންމާފައެވެ.
މި ނިންމުމަކީ ދިވެހި ފުޓުބޯޅަ އަލުން އާރާސްތުކޮށް، މާލީގޮތުން ހަމައަކަށް އަޅުވައި، ކުރިއަށް އޮތް ތަނުގައި އޭއެފްސީގެ އެހީތެރިކަމާއެކު ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވައި ތަރައްގީކުރުމަށް ލިބުނު މުހިންމު ފިޔަވަޅެއްކަމަށް ދެކޭކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޒައާމަތުގައި އެ އެސޯސިއޭޝަނަށް އޭއެފްސީގެ އިތުރުން، ދުނިޔޭގެ ފުޓުބޯޅައިގެ ބެލެނިވެރި ފަރާތް، ފީފާއިން ދިން އެހީގެ ފައިސާއަށް ވެސް ހިޔާނަތްތެރިވެ، ނަހަމަގޮތުގައި ބޭނުންކޮށްފައެވެ. އެފްއޭއެމްގެ އެކިއެކި ކަންކަމަށް ހަރަދުކުރުމަށް 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި 10،000 ޑޮލަރު ވެސް ވަނީ، ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމުގެ އެކައުންޓަށް ޖަމާކޮށްފައެވެ.
ފީފާގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރުމާއި، ފީފާގެ ކޮވިޑް-19 ރިލީފް ޕްލޭންގެ ފައިސާ ބޭނުންކޮށްގެން އެޕާޓްމަންޓެއް ގަތް މައްސަލައިގައި ބައްސާމް ދަނީ ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
ބައްސާމްގެ މައްޗަށް ހުކުމް ކޮށްފައިވަނީ އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ދައުލަތުން ކުރި ދައުވާއާއި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާއަށެވެ.
މި މައްސަލައިގައި ފީފާއިން ވަނީ ބައްސާމް ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް 1.2 މިލިއަން ޑޮލަރުން ޖޫރިމަނާ ވެސް ކޮށްފައެވެ.