އިޤްތިޞާދީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް މަޝްރޫޢުތަކުގެ ސްޕީޑް އަވަސްކޮށް އަންނަ އަހަރުގެ ނިޔަލަށް ގިނަ މަޝްރޫޢުތަކެއް ނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ނޭޝަން ޗެޓް ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ބޮޑެތި މަޝްރޫޢުތައް ހިންގާ ކުންފުނިތައް ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން އެމްޓީސީސީގެ ކެޕޭސިޓީ ބޮޑުކުރަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްޓީސީސީއަށް ބޭރު ފައިސާ ލިބޭނެ ގޮތްތައް ބޭނުންވާކަމަށެވެ. އަދި މާ ލަސްތަކެއްނުވެ އެމްޓީސީސީގެ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައާއި ބޭރުން ގެންނަންޖެހޭ ތަކެތި ގެނެސް ރަށްރަށުގައި ހިންގާ ބަނދަރާއި، ބިންހިއްކުމާއި އެނޫންވެސް މަޝްރޫޢުތައް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެމްޓީސީސީގައި މިހާރު އޮތް މަހާ ޖައްރާފާއަށްވުރެ ތިން ގުނަ ބޮޑު ޑްރެޖަރު މިއަހަރު ނިންމެންވާއިރަށް ރާއްޖެއަށް ގެނެވޭނެކަމަށް އުންމީދުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. އެއާއެކު ބިންހިއްކުމުގެ މަސައްކަތް ނުފެށި ހުރި ހުރިހާ ރަށެއްގައި ބިންހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ބިލްތަކަށް ސަރުކާރުންދޭ ފައިސާގެ އިތުރަށް އަމިއްލަ ކެޕޭސިޓީ ބޮޑުކޮށްދިނުމަށް ބޭނުންވަނީ. އާރްޑީސީ އަކީ މަގުހަދާ ކުންފުނި. މިހާރު އެކުންފުނި އެމްޓީސީސީއާ އެއްކޮށްލާފައި ވަނީ. އާރުޑީސީން މަގު ހެދުމުގެ މަސައްކަތްތައް އެކަށީގެންވާ ގޮތަކަށް ގެންދިއުމަށް އައު މެޝިނަރީޒް ވަނީ ހޯދައިި ދެވިފައި. ދެތިން މަހެއްހާ ތެރޭގައި މަސައްކަތްވެސް ފެށޭނެ. މިހާރު މަސައްކަތުގެ ސްޕީޑަށް ގެންނަ ބަދަލާއެކު 2027 އަށް ވަރަށް ގިނަ މަޝްރޫޢުތައް ނިމިގެންދާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރަށްރަށުގައި ކުރިއަށްގެންދާ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ސަރުކާރު ހަވާލުވިއިރުވެސް ރަށްރަށުގައި އެފަދަ މަޝްރޫޢުތައް ހުއްޓިފައި އޮތްކަމަށެވެ. އަދި ބައެއް މަޝްރޫޢުތަކަކީ ފައިސާވެސް ހަމަނުޖެހި ހަވާލުކޮށްފައި ހުރި މަޝްރޫޢުތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް ސަރުކާރުން މިހާރު ފެނާއި ނަރުދަމާގެ މަސައްކަތްތައްވެސް ކުރަމުންދާކަމަށާއި، މި މަޝްރޫޢުތައްވެސް މި އަހަރާއި އަންނަ އަހަރުގެ ނިޔަލަށް އެކީ ނިންމާލެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދުނިޔޭގެ އިޤްތިޞާދަށް އައި ބަދަލާއެކު ރިޔާސީ ބަޔާނުގައި ވިދާޅުވި ތާރީޚުތަކަށް މަޝްރޫޢުތައް ނުނިމުނު ނަމަވެސް، އެމަނިކުފާނު ވެޑައިގެންފައިވާ ހުރިހާ ވައުދެއް ރަށްރަށުގައި އަންނަ އަހަރު ނިންމާލެވޭނެކަމަށެވެ.
ރަށްރަށުގައި ކުރިއަށްދާ ކުދިކުދި މަޝްރޫޢުތައް މިހާރުވެސް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ކުނި މެނޭޖްކުރާ މަރުކަޒުތަކާއި، ޕާކުތަކާއި، އައުޓްޑޯ ޖިމްތަކާއި، ސްކޫލު އިމާރާތްތަކާއި، މިސްކިތްތަކާއި ޕޮލިސް ސްޓޭޝަންފަދަ ތަންތަނުގެ މަސައްކަތް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ އެމަނިކުފާނަށް ހުރިހާ ރަށެއް އަދި ހުރިހާ ރައްޔިތުންވެސް ހަމަހަމަކަމަށާއި ރަށްރަށުގައި ކޮންމެހެން ހުންނަންޖެހޭ ވަސީލަތްތައް ޤާއިމް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.