ދިވެހި ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަން

ބަޖެޓް 2017 - ޕީއެސްއައިޕީގެ %22.3 ޞިއްޙީ ދާއިރާއަށް


ދައުލަތުގެ ދެހާސް ސަތާރަ ވަނަ އަހަރަށް ލަފާ ކުރައްވާ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ތެރޭގައި، ޞިއްހީ އަދި އިޖްތިމާއީ ތަރައްޤީގެ މަޝްރޫޢުތަކަށް ކަނޑައަޅުއްވާފައިވަނީ އެކެއް ޕޮއިންޓް އަށެއް މިލިޔަން ރުފިޔާއެވެ. މިއީ ޕީ.އެސް.އައި.ޕީ ގެ ބާވީސް ޕޮއިންޓް ތިނެއް އިންސައްތައެވެ.

ޞިއްހީ ދާއިރާގެ ޕްރޮގްރާމްތަކަށް ބަލާއިރު އެންމެ ފާހަގަކޮށްލެވެނީ، ހޮސްޕިޓަލުތައް ތަރައްޤީ ކުރެއްވުމަށް ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއްތަކެވެ. ޞިއްހީ ދާއިރާގެ ތެރެއިން، ސައުދީ ފަންޑާއި އޯޕެކް ފަނޑް ފޯރ ދަ އިންޓަނޭޝަނަލް ޑެވެލޮޕްމެންޓް (އޯފިޑް ފަންޑް)ގެ ލޯނު އެހީގައި މިހާރު ކުރިޔަށްދާ ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލް މަޝްރޫއްގެ މަސައްކަތަށް ޑޮމެސްޓިކް ބަޖެޓުން ދޭއް ޕޮއިންޓް ދޭއް މިލިޔަން ރުފިޔާ ކަނޑައަޅުއްވާފައިވެއެވެ. މިއީ ރާއްޖޭގެ އުތުރާއި ދެކުނުގައި ޓާޝަރީ ހޮސްޕިޓަލް ޤާއިމް ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ގެނައުމަށް ކުރައްވާ މަސައްކަތަށް ހޭދަ ކުރުމަށް އެކަށައަޅުއްވާފައިވާ ބަޖެޓެކެވެ.

img:http://s2.psmnews.mv/images/660x400/6236.jpg|އައިޖީއެމް ހޮސްޕިޓަލް /

ހެލްތު މިނިސްޓްރީން ވިދާޅުވާ ގޮތުގައި، ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރެއްވުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ. ޞިއްޙީ ދާއިރާގައި މިހާރު ކުރިޔަށްގެންދަވާ އެންމެ ބިޔަ މަޝްރޫއަކީ އައި.ޖީ.އެމް އެޗުގައި ޤާއިމް ކުރައްވާ "ނެޝަނަލް ޑައިގްނޯސްޓިކް ސާވިސް ސެންޓަރ" ގެ މަޝްރޫއެވެ. 

ފަންސަވީސް ބުރީގެ މި އިމާރާތުގެ މަސައްކަތް ޖުލައިމަހުން ފެށިގެން ކުރިއަށްދާއިރު، މިހާރު ވަނީ ޑްރިލިން މަސައްކަތް ނިންމާ ފުރަތަމަ ސީޓްވެސް އަޅާ ނިންމާފައެވެ. ނެޝަނަލް ޑައިގްނޯސްޓިކްގެ އިމާރާތުގެ މަސައްކަތް 2018 ވަނަ އަހަރަށް ނިންމަން ސަރުކާރުން ވަނީ އަމާޒު ހިއްޕަވާފައެވެ. ސަރުކާރުގެ ޑޮމެސްޓިކް ބަޖެޓުން ޚަރަދުކުރައްވާ ފަންސާވީ ބުރީގެ މި އިމާރާތުގެ މަޝްރޫއަށްވެސް ޕީ.އެސް.އައި.ޕީ ޕްރޮގްރާމްގެ ދަށުން ވަނީ ބަޖެޓު ކުރެވިފައެވެ. ޞިއްހީ ދާއިރައަށް ކަނޑައަޅުއްވާފައިވާ މި ބަޖެޓުގެ ގެ ތެރެއިން އެކެއް ޕޮއިންޓް ތިނެއް ބިލިޔަން ރުފިޔާ ޚަރަދުކުރެއްވުމަށް ހަމަޖެހިފައިވަނީ މި މަޝްރޫއަށެވެ.