ތަޢުލީމު

އައްޑޫ ހައި ސްކޫލްގެ މިދިޔަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ


އައްޑޫ ހައި ސްކޫލްގެ މިދިޔަ އަހަރު ނަތީޖާ ފާޅު ކުރުމަށާއި އަދި ރާއްޖޭގައި ފުރަތަމަ ބީޓެކް ލެވެލް ތިނެއް ފުރިހަމަކުރި ކުދިންނަށް ސެޓެފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި މިދިޔަ އަހަރު އެސްކޫލުން އެކިގޮތްގޮތުން ފާހަގަ ކުރެވުނު ދަރިވަރުންނަށް ވަނީ އިނާމާއި ހަނދާނީ ލިޔުންދީފައެވެ. މިގޮތުން އެކިއެކި ކްލާސްތަކުން ވަނަވަނަ ހޯދި ދަރިވަރުންނާއި އޭލެވެލްއިން ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނާއި ސްކޫލަށް ރީތި ނަން ހޯދައިދިން ދަރިވަރުން ހިމެނެއެވެ. 

މިދިޔަ އަހަރު އެސްކޫލުން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވުނީ މިދިޔަ އަހަރު އެސްކޫލްގެ ގްރޭޑް ބާރައިގައި ތަޢުލީމް ހާސިލްކުރި އަފާ ޖަލީލުއެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސީނިއަރ ޕޮލިސީ އެގްޒެކްޓެވް އިބްރާހީމް އިސްމާޢީލް ޢަލީ ވިދާޅުވީ، ޤައުމެއްގެ ތަރައްޤީ ބިނާވެފައި އޮންނަ އެންމެ ހާއްސަ އަސާސަކީ ތަޢުލީމީ ހާލަތު ކަމަށާއި، ތަޢުލީމަކީ ތަހްޒީބު މުޖުތަމައުތަކުން އެންމެ އިސްކަންދޭ ކަންތައްކަމަށެވެ.

"ބޭނުމަކީ ސްކޫލުން ނިކުންނަ ތިޔަ ދަރިވަރުންނަކީ މުޖުތަމަޢު ޤަބޫލްކުރާ މުޖުތަމަޢުއަށް ފައިދާހުރި އިސްލާމީ ރިވެތި އަޚްލާޤްގެ ތެރެއިން ތަރުބިއްޔަތު ލިބިފައިވާ އަމިއްލަ ނަފްސަށް އިތުބާރުކުރާ، ވިސްނުން ބޭނުންކޮށްގެން އުޅެން ދަންނަ އަދި މަތީ ތަޢުލީމަށް ދެވޭ ވަރުގެ ދަރިވަރުންނަށް ހެދުން. މަތީ ތަޢުލީމްގެ ފިރުޞަތުތަކަށް މިހާރު ރާއްޖޭގައިވެސް އަދި އަޅުގަނޑުމެންގެ ސަރުކާރުންވެސް، ސަރުކާރުގެ ސިޔާސަތު ތަކުގެ ތެރެއިންވެސް މިހާރު ފުޅާ ކުރަމުން އަންނަ ފުރުޞަތު ތަކެއް މިއީ" އިބްރާހިމް އިސްމާއިލް ވިދާޅުވިއެވެ. 

މިރަސްމިއްޔާތުގައި ވަނީ އެއްވެސް ކުއްޖައްކު ބާކީ ނުކުރާ ސިޔާސަތުގެ ދަށުން މީގެ ދެއަހަރު ކުރިން ސަރުކާރުން ފެއްޓެވި ބީޓެކް ލެވެލް ތިނެއްގެ ޕްރޮގްރާމް ފުރިހަމަ ކުރި ދަރިވަރުންނަށް ސަނަދު ދީފައެވެ. ބީޓެކް ކޯސް ފުރިހަމަ ކުރި ދަރިވަރުންނަށް ސެޓްފިކެޓް ދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު ޝިހާމްއެވެ. 

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައްޑޫ ހައި ސްކޫލްގެ ޕްރިންސިޕަލް އިބްރާހީމް ނަދީމް ވިދާޅުވީ، ތަޢުލީމީ ނިޒާމްގެ ކުދިންނަށް އެންމެ ފައިދާ ހުރި އެއް ޕްރޮގްރާމަކީ ބީޓެކް ޕްރޮގްރާމްކަމަށެވެ. ރާއްޖޭގައި ބީޓެކް ޕްރޮގްރާމް އެންމެ ފުރަތަމަ ތަންފީޒް ކުރި ސްކޫލަކީ އައްޑޫ ހައި ސްކޫލްކަން ފާހަގަ ކުރައްވަމުން ޕްރިންސިޕަލް ވިދާޅުވީ، މި ޕްރޮގްރާމަކީ ކުދިންނަށް ވަރަށް ފައިދާ ހުރި ކާމިޔާބު ޕްރޮގްރާމެއްކަމަށެވެ.

"ބީޓެކް ޕްރޮގްރާމްތަކުގެ ތެރޭގައި އަމަލީ ތަޖުރިބާ ހޯދަން ބޭނުންވާ ކުދިން ތަފާތު އެކިއެކި ސްކިލްސް ދަސްކުރަން ބޭނުންވާ ކުދިންނަށް އެކަން ކުރެވޭނެ މަގު މިއޮތީ ވަރަށް ބޮޑަށް ފަހިވެގެން ގޮސްފަ. އެހެންވީމާ ބީޓެކް ޕްރޮގްރާމަކީ ޙާއްޞަކޮށް ފޮތުން ކެމިސްޓްރީ ދަސްކުރަން ބޭނުންނުވާ ކުއްޖާއަށްވެސް އެކުއްޖާގެ ހުރި މޮޅުކަމާއި ހުނަރު އެހެން ގޮތްގޮތަށް ދައްކާލުމަށްޓަކާ ޙާއްޞަ ކުރައްވާ، ފަރުމާ ކުރައްވާފައިވާ ޕްރޮގްރާމެއް. އެހެންކަމުން މުސްތަޤްބަލުގައި އަޅުގަނޑަށް ޤަބޫލްކުރެވެ ގޮތުގައި ދިވެހިރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް އެންމެ ބޮޑަށް ބޭނުންވާނީ ބީޓެކް ޕްރޮގްރާމް." ނަދީމް ވިދާޅުވިއެވެ. 

2015 ވަނަ އަހަރު އެ ސްކޫލްގެ 113 ދަރިވަރަކު އޭލެވެލް އިމްތިހާންގައި ބައިވެރިވެ 74.3 އިންސައްތަ ކުދިން ތިން މާއްދާއަށް ވުރެ މަތިން ފާސްވެފައިވެއެވެ. މީގެތެރެއިން 20 ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނު އިރު މީގެތެރެއިން ދެ ދަރިވަރުންވަނީ އެކައުންޓުން ދުނިޔެއިން އެއްވަނަ ހާސިލްކޮށްފައެވެ. އަދި ބިޒްނަސް ސްޓަޑީޒްއިންވެސް ދުނިޔެއިން އެއްވަނަ އެސްކޫލްގެ ދަރިވަރަކު ވަނީ ހާޞިލްކޮށްފައެވެ. 

އައްޑޫ ހައި ސްކޫލަކީ އަރަބި ބަހާއި ޒަމާނީ ތަޢުލީމް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް އެއަތޮޅުގެ ތަޢުލީމީ ދަރިންތަކެއް 1988 ވަނަ އަހަރު އަލް މަދަރުސަތުލް އިސްލާމިއްޔާގެ ނަމުގައި އަރަބި މީޑިއަމަށް ތަޢުލީމް ދިނުމަށް ހުޅުވި ސްކޫލެކެވެ. 2001 ވަނަ އަހަރު މި ސްކޫލްވަނީ ސަރުކާރު ސްކޫލަކަށް ބަދަލުވެފައެވެ. މި ސްކޫލް ހަމައެކަނި މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލަކަށް ސަރުކާރުން ހަމަޖެއްސެވީ 10 ނޮވެމްބަރ 2010 ގައެވެ.