ޚަބަރު

ޤައުމީ ކްރިކެޓް ސްކޮޑް އެކުލަވާލައިފި


  • އައު ސްކޮޑުން 12 ކުޅުންތެރިޔަކަށް ފުރުސަތު ލިބުނު

  • ޓީމުގެ ކެޕްޓަނަކީ ހާޒިޤް، އަދި ވައިސް ކެޕްޓަނަކީ އަޒްޔާން

ސީނިއާ ޤައުމީ ކްރިކެޓް ސްކޮޑް އެކުލަވާލައި ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފިއެވެ.

ހ. ބޯޅަގޭގައި މިރަސްމިއްޔާތު ބާއްވާފައިވާއިރު ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްދެއްވީ ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކަމިޝަނަރ މުޙައްމަދު ރިޒްވީ ހަސަންއެވެ.

މުބާރާތަށް އެކުލަވާލި އައު ސްކޮޑުން 12 ކުޅުންތެރިޔަކަށް ޖާގަ ލިބިފައިވާއިރު، ޓީމުގެ ކެޕްޓަނަކީ ހަސަން ހާޒިޤްއެވެ. އަދި ވައިސް ކެޕްޓަނަކީ ޔޫސުފް އަޒްޔާންއެވެ. މިމުބާރާތުގެ ކުރިން ޤައުމީ ޓީމުން ލަންކާގައި ކޭމްޕްކުރުމަށްވަނީ ހަމަޖެހިފައެވެ. ލަންކާގައި ކޭމްޕްކުރުމަށް ޤައުމީ ސްކޮޑު ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. ޤައުމީ ޓީމުން މުބާރާތަށް ތައްޔާރުވެފައިވަނީ އަފްޣާނިސްތާނުގެ ތަޖުރިބާކާރު ކޯޗެއްކަމަށްވާ އަސަދުﷲ ޚާންގެ އިރުޝާދުގެ ދަށުންނެވެ.

ޤައުމީ ޓީމަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓީމުގެ އޮފިޝަލް ކިޓް ސްޕޮންސަރުންކަމަށްވާ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިންވަނީ އިތުރު އަހަރަކަށް ސްޕޮންސަރޝިޕް ދަންމާލާ އެކަމުގެ އެއްބަސްވުމުގައިވެސް ސޮއިކޮށްފައެވެ. އެމްއައިބީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހެޑް އޮފް މާކެޓިން އަޝަން ޖަމާލްއެވެ. ސީބީއެމްގެ ފަރާތުން ސޮއިކުރެއްވީ ބޯޑްގެ ރައީސް މުހައްމަދު ފައިސަލްއެވެ.

ސީނިއާ ޤައުމީ ސްކޮޑް މި އެކުލަވާލީ އަންނަމަހު މެލޭޝިއާގައި ފެށުމަށް ހަމަޖެހިފައިވާ އައިސީސީ މެންސް ޓީ 20 ވޯލްޑްކަޕް 2028، އޭޝިއަން ސަބް ރީޖަނަލް ކޮލިފިކޭޝަން މުބާރާތުގައި ވާދަކުރުމަށެވެ. މިމުބާރާތުގައި ރާއްޖެއިން ވާދަކުރަނީ ނީ ގްރޫޕް ބީ ގައި ހޮންގކޮންގ، މެލޭޝިއާ، ސިންގަޕޫރު، ސައުދީއަރަބިއްޔާ، ކެމްބޯޑިއާ އަދި ޗައިނާއާއެކުގައެވެ.

އައިސީސީ މެންސް ޓީ 20 ވޯލްޑްކަޕް 2028، އޭޝިއަން ސަބް ރީޖަނަލް ކޮލިފިކޭޝަން މުބާރާތަށް ޤައުމީ ޓީމު މެލޭޝިއާއަށް ދިއުމަށް ހަމަޖެހިފައިވަނީ ލަންކާ މަގުންނެވެ.

އަންނަމަހުގެ 5 ވަނަ ދުވަހު މެލޭޝިއާއަށް ޤައުމީ ޓީމު ދާއިރު، މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗު އޮތީ 8 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށެވެ. އަދި 9 ވަނަ ދުވަހު ސިންގަޕޫރާ ދެކޮޅަށް ކުޅުމަށްފަހު 11 ވަނަ ދުވަހު ނުކުންނާނީ މުބާރާތް ބާއްވާ މެލޭޝިއާއާ ވާދަކުރުމަށެވެ. އެޔަށްފަހު 12 ވަނަ ދުވަހު ހޮނގކޮންގާ ދެކޮޅަށް ކުޅުމަށްފަހު ފަހު މެޗުގައި 14 ވަނަ ދުވަހު ނުކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ.